މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ކޮރަޕްޝަނާ ގުޅުވައި އޭނާ އަށް ތުހުމަތު ކުރަނީ ސިޔާސީ ބަޔަކު އަޑީގައި ތިބެ މަގާމުން ދުރު ކުރުމުގެ ބޭނުމުގައި ކަމަށާއި އަނގަ ބަންދުކޮށްގެން ހުރެ ވަރުބަލި ވެއްޖެ ކަމަށާއި، ދެން ދެން އަނގަ ބަންދުކޮށްގެން ނުހުރެވޭނެ ކަމަށް ޔޫތް މިނިސްޓަރު އަހުމަދު މަހްލޫފް ވިދާޅުވެއްޖެ އެވެ.

މިއަދު ހަވީރު މަހްލޫފް ވަނީ އޭނާގެ ފޭސްބުކް ޕޭޖުގައި ދިގު ޕޯސްޓްތަކެއް އްކޮށްފަ އެވެ. އެ ޕޯސްޓުގައި މަހްލޫފް ވިދާޅުުވީ، ފެށުނީއްސުރެ އެމްއެމްޕީއާރްސީ މައްސަލައިގައި އޭނާއާ މެދު އަމަލު ކުރަމުން އަންނަނީ ޒާތީކޮށް ސިޔާސީ ގޮތުން ކަތިލާން ނިންމާފައިވާ ކަންބަޅިއެއްގެ ގޮތުގައި ކަމަށެވެ. އަދި އެގޮތަށް އެކަން ކުރަނީ ސިޔާސީ ބަޔަކު އަޑީގައި ތިިބެގެން އޭނާ މިނިސްޓަރުގެ މަގާމުން ވަކިކުރުމުގެ ބޭނުމުގައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އަދި އެގޮތަށް އޭނާއާ މެދު އަމަލުކުރައްވާ މީހުންނަށް ނުވިސްނެނީ އޭނާއަކީ މިނިސްޓަރުކަމުގެ މަގާމުގައި ބަގުޑިބައްދައިގެން ހުންނާނެ މީހެއްކަން ނޭގޭތީ ކަމަށް މަހްލޫފް ވިދާޅުވި އެވެ.

އޭސީސީން މަހްލޫފަށް ތުހުމަތުކުރީ ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް) ބިލަށް ވޯޓު ދިނުމުގެ ގޮތުން ރިޝްވަތުގެ ގޮތުގައި 33،000 ޑޮލަރު ނެގި ކަމަށެވެ. މަހްލޫފަށް ރިޝްވަތުގެ ގޮތުގައި ލިބުނު އެ ފައިސާއަކީ އެމްއެމްޕީއާރްސީ ފައިސާކަމަށް އޭސީސީން ވަނީ ބުނެފަ އެވެ.

ނަމަވެސް މަހްލޫފު މިއަދު ވިދާޅުވީ، އޭސީސީން ކުރި ތުހުމަތު ވެސް ގޯސް ކަމަށެވެ. އެސްއީޒެޑް ބިލަށް ވޯޓު ދިންއިރު އޭނާއަކީ ޕީޕީއެމް މެމްބަރެއް ކަމަށާއި ވޯޓު ދިނުމުގައި އަމަލުކުރީ ޕާޓީގެ ތްރީ ލައިން ވިޕާ އެއްގޮތަށް ކަމަށެވެ. އެހެންކަމުން އޭސީސީއަށް ދައުވާ ކުރުމުގެ ގާނޫނީ ބާރެއް ލިބިގެންނުވާކަމަށް މަހްލޫފް ވަނީ ވިދާޅުވެފަ އެވެ.

މީގެ އިތުރުން ހެކިކަމަށް ބުނެ ހޯދާފައިވާ ބައެއް ތަކެތި އަދި ބަޔާނަކީ ކަނޑައެޅިގެން ރާއްޖޭއާއި ސްރިލަންކާގެ ގާނޫނާ ހިލާފަށް ހޯދި ހެކިތަކާއި ބަޔާންކަމަށް ވުމުން އެ ހެކިތަށް ކޯޓަށް ބަލައި ނުގަންނާނެ ކަމަށް މަހްލޫފް ވިދާޅުވި އެވެ. އެ ބުނާ ހެކިތަކުގެ ތަފްސީލު މަހްލޫފު ހާމައެއް ނުކުރެ އެވެ.

އޭނާގެ މައްސަލަ ވެސް ބަލަން ޖެހޭ ކަމަށާއި އެކަމަކު މައްސަލަ ބަލަން ޖެހޭނީ ގާނޫނީ އިމުގެ ތެރެއިން ތަފާތުނުކޮށް ކަމަށެވެ. ސިޔާސީ ނުފޫޒުން ބައެއް ނަންތަށް އުނިކުރުމަށްފަހު ވެސް އެކުލަވާލައިފައި އޮތް 300 މީހުންގެ ލިސްޓުން ފެނުނީ ހަމައެކަނި އޭނާގެ ނަންތޯ ކަމަށް ވިދާޅުވެ މަހްލޫފް ވަނީ ސުވާލު އުފައްދައިފަ އެވެ.

ހިޔާނާތުގެ މައްސަލައިގައި ދައުވާކުރަން ފޮނުވުމުން މަގާމުން އިސްތިއުފާ ދެއްވާނެ ކަމަށް މަހްލޫފް ވަނީ ވިދާޅުވެފަ އެވެ. މި ވަގުތު އާއިލާއެކު ދުބާއީގައި ހުންނެވި މަހްލޫފް އިތުރަށް ވިދާޅުވީ، ގާނޫނާއި ގަވާއިދުގެ ތެރެއިން ރިޔާސީ ކޮމިޝަން، ފުލުހުހް، ޕްރޮސެކިއުޓާ ޖެނެރަލް(ޕީޖީ) އަދި އޭސީސީން އަމިއްލައަށް ހަދައިގެން ތިބި އުސޫލުތަކާ އެއްގޮތަށް އޭނާއާމެދު ތަފާތުނުކޮށް މައްސަލަ ގެންދިޔަ ނަމަ ކުރި ވިދާޅުވިހެން އިސްތިއުފާ ދެއްވާނެ ކަމަށެވެ.

"ކަންބަޅިއެއްހެން ހަމައެކަނި އަޅުގަނޑު ކަތިލިޔަސް އެ ހިސާބުން އެމްއެމްޕީއާރްސީގެ މައްސަލަ ނިމުނީކަމަށް ރައްޔިތުން ދެކޭނެކަމަށް ހީކުރުމަކީ ގޯހެއް، ވަރުބަލިވެއްޖެ، އަޅުގަނޑަށް ވެސް އަބަދު އަނގަ ބަަންދުކޮށްގެން ނުހުރެވޭނެ،" މަހްލޫފް ވިދާޅުވި އެވެ.

މަހްލޫފަށް ދައުވާކުރަން ޕީޖީ އޮފީީހަށް ފޮނުވުމުން ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވަނީ އޭނާ މަގާމުން އެކަހެރިކޮށްފަ އެވެ.