ކޮންމެ ރައްޔިތަކު ވެސް، ދިރިއުޅުމާއިގެން ކުރިއަށް އަޅާ ކޮންމެ ފިޔަވަޅެއް އަޅަންވާނީ، ގުދުރަތީ ނިޒާމަށް އެއްވެސް ގެއްލުމެއް ނުލިބޭނެކަން ކަށަވަރުކުރުމާއި އެކު ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސާލިހް ވިދާޅުވެއްޖެ އެވެ.

ދުނިޔޭގެ ތިމާވެށީގެ ދުވަހުގެ މުނާސަބަތުގައި ދެއްވި ތަހުނިޔާގެ މެސެޖުގައި ވިދާޅުވީ ރައީސް ވިދާޅުވީ ދެމެހެއްޓެނިވި ގޮތެއްގައި ފަތުރުވެރިކަމުންނާއި، މަސްވެރިކަމާއި، އަދި ދަނޑުވެރިކަމުގެ ޞިނާޢަތްތަކުގެ ނަފާ ލިބެމުންދާނީ، އަދި ކުރިމަގުގެ ޖީލުތަކަށް މިސިނާއަތްތައް ފޯރުކޮށްދެވޭނީ، މާޙައުލީ ނިޒާމު ރައްކާތެރިކޮށް ހިމާޔަތްކޮށްގެން ކަމަށެވެ. މީގެ އިތުރުން އެ މަނިކުފާނު ވަނީ ދުނިޔެ ހޫނުވުމުގެ ސަބަބުން މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކުގެ ގެއްލުން، އެންމެ ބޮޑަށް ކުރިމަތިވާ އެއް ގައުމަކީ ރާއްޖެކަމުގައި ތަކުރާރުކޮށް ފާހަގަކުރައްވާފަ އެވެ.

ރައީސް ސޯލިހް މެސެޖުގައި ވަނީ މިއަހަރުގެ ތިމާވެށީގެ ދުވަހަށް، އދ. ގެ ތިމާވެއްޓާ ބެހޭ ޕްރޮގްރާމްގެ ފަރާތުން ކަނޑައަޅާފައިވާ ޝިއާރު "މާހައުލީ ނިޒާމު އިއާދަކުރުން" މައްޗަށް އަލިއަޅުއްވާ ލައްވާފަ އެވެ. އެގޮތުން މާހައުލީ ނިޒާމު އިއާދަކުރުމަކީ، ގެއްލުން ލިބިފައިވާ ނުވަތަ ހަލާކުވެފައިވާ މާހައުލީ ނިޒާމު، އަލުން އޭގެ ތަބީއީ ހާލަތަށް އެނބުރި އިއާދަކުރުމުގައި އެހީތެރިވުން ކަމަށާއި، އަދި ގެއްލުމެއް ނުލިބި ހުރި މާޙައުލީ ނިޒާމުތަކަށް، އިތުރު ގެއްލުމެއް ލިބުނަ ނުދީ ހިމާޔަތްކޮށް ރައްކާތެރިކުރުން ކަމަށް އެމަނިކުފާނު ތަފްސީލުކޮށްދެއްވި އެވެ.

މިއަދުގެ ހިތޯބުގައި ރައީސް ސޯލިހް ވަނީ ރާއްޖޭގެ މާހައުލީ ނިޒާމު ރައްކާތެރިކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވާފަ އެވެ. އަދި އެކަން ހާސީލުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް ވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ވަރަށް ތަފްސީލީ ގޮތެއްގައި އަލިއަޅުއްވާލައްވާފަ އެވެ.

އެގޮތުން ރާއްޖޭގެ މާހައުލީ ނިޒާމުގެ ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުން، 2030 ވަނަ އަހަރާ ހަމައަށް، ރާއްޖޭގެ ކަނޑާއި ކަނޑާ ގުޅިފައިވާ ސަރަޙައްދުތަކުގެ، އެންމެ ކުޑަވެގެން 20 ޕަސެންޓް ހިމާޔަތްކުރުމަށް މަސައްކަތްކުރަމުން އަންނަ ކަމަށް ފާހަގަ ކުރެއްވި އެވެ. އަދި ގްލޯބަލް އޯޝަން އެލައިންސްގައި ބައިވެރިވެ، 2030 ވަނަ އަހަރުގެ ނިޔަލަށް، ދުނިޔޭގެ ކަނޑުގެ 30 ޕަސެންޓް ހިމާޔަތްކުރުމުގެ ބައިނަލްއަގުވާމީ މަސައްކަތުގައި ވެސް ރާއްޖެއިން ބައިވެރިވެފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.

އަދި ހަމަ އެއާއެކު، ރައްކާތެރި ގޮތުގައި ކުނި އެއްކޮށް ނައްތައިލާނެ ނިޒާމުތައް، ރަށު ފެންވަރުގަޔާއި ސަރަޙައްދީ ފެންވަރުގައި ޤާއިމުކުރުމުގެ މަޝްރޫޢުތައް މިހާރުވެސް ކުރިއަށްދާކަމަށާއި، އެއްފަހަރު ބޭނުންކޮށްފައި އުކައިލާ ޒާތުގެ ޕްލާސްޓިކް މަދުކުރުމަށް މަސައްކަތްތަކެއް ކުރެވެމުންއަންނަ ކަމަށާ، ހަކަތަ އުފެއްދުމަށް ޑީސަލް އަންދާ މިންވަރު މަދުކުރުމަށްޓަކައި، އަވިން ހަކަތަ އުފައްދާ މިންވަރު އިތުރުކުރުމުގެ ގޮތުން، މުޅި ރާއްޖޭގައި މިހާރު 31.5 މެގަވޮޓްގެ ސޯލާ ޕީވި ހައިބްރިޑް ނިޒާމުތައް ގާއިމުކުރެވިފައިވާ ކަމަށް ވެސް އެ މަނިކުފާނު ވަނީ ވިދާޅުވެފަ އެވެ.

މީގެ އިތުރުން، ކަނޑުގެ ވަސީލަތްތައް ދެމެހެއްޓެނިވި ގޮތުގައި ބޭނުންކުރުމަށް، "ނޫ އިގްތިސާދު"ގެ ދަށުން، ވަރަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް ވެސް އެމަނިކުފާނުގެ މިއަދުގެ ހިތޯބުގައި ވަނީ ފާހަގަކުރައްވާފަ އެވެ.

މިއަހަރުގެ ދުނިޔޭގެ ތިމާވެށީގެ ދުވަހުގެ ތަހުނިޔާ އާއި ހެޔޮއެދުންތައް، ރައީސް ވަނީ ރާއްޖޭގެ ލޮބުވެތި އެންމެހައި ރައްޔިތުންނަށް އަރިސްކުރައްވާފައެވެ. އަދި ތިމާވެށި ޙިމާޔަތްކުރުމުގެ ދާއިރާގައި އެކި ގޮތްގޮތުން ޙަރަކާތްތެރިވަމުން އަންނަ ޖަމިއްޔާ ޖަމާއަތްތަކަށާއި، ތިމާވެއްޓާ މެދު ރައްޔިތުން ހޭލުންތެރިކުރުމަށް މަސައްކަތްކުރަމުން އަންނަ އެންމެހައި ފަރާތްތަކަށްވެސް ދުވަހުގެ ތަހުނިޔާއާއި ހެޔޮއެދުންތައް އެމަނިކުފާނު ވަނީ ފޮނުއްވާފަ އެވެ.