ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށްގެން ދިން ހަމަލާ ރޭވުމުގައި ތިބި ބަޔަކު ހޯދުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

ރޭ ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ނަޝީދަށް ދިން ހަމަލާއާ ގުޅޭ ގޮތުން ކުރެއްވި ސުވާލުގައި ޖަވާބު ދެއްވަމުން ރައީސް ސޯލިހް ވިދާޅުވީ މި ހަމަލާގައި އަމަލީ ގޮތުން ބައިވެރިވި 4 މީހަކު މިހާރު ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި މިހަމަލާ ރޭވުމުގައި ހަރަކާތްތެރިވި ބަޔަކު ހޯދުމުގެ މަސައްކަތްވެސް ކުރަމުން އަންނަ ކަމަށް ރައީސް ވިދާޅުވި އެވެ.

މިކަމުގައި ލިބިފައިވާ ކުރިއެރުންތައް ރައީސް ރޭގެ ބައްދަލުވުމުގައި ހާމަކުރައްވާފައެއް ނުވެ އެވެ.

މީގެ އިތުރުން ރައީސް ސޯލިހް ވިދާޅުވީ މި ކަމަކީ ފައިސާ އެކުލެވޭ ކަމެއްތޯ ބެލުމަށްޓަކައި އެމެރިކާގެ މާހިރާއެކު، މަސައްކަތްކުރަމުން އަންނަ ކަމަށެވެ. އެގޮތުން ފައިސާ ޚަރަދުކުރިނަމަ އެކަން ދެނެގަތުމުގެ މަސައްކަތް ވަރަށް އަވަހަށް ކުރިއަށްދާނެ ކަމުގައި ރައީސް ވިދާޅުވި އެވެ.

މި މައްސަލައިގެ ތަހުގީގު ކުރިއަށްދާ ގޮތް ބެލުމަށް ރައީސް ޞާލިޙުގެ ފަރާތްޕުޅުން މަންދޫބެއްގެ ގޮތުގައި، އެމްނެސްޓީ އިންޓަނޭޝަނަލްގައި ގިނަ ދުވަސްތަކެއް މަސައްކަތްކުރައްވާފައިވާ ތަޖުރިބާކާރެއް ކަމުގައިވާ އައްބާސް ފާއިޒު ހަމަޖައްސަވާފައިވާކަން ރައީސް އޮފީހުންވަނީ ހާމަކޮށްފައެވެ. ޢައްބާސް ފާއިޒަކީ އިނގިރޭސި ރައްޔިތެކެވެ.

ފަންޑުކުރި ބަޔަކު ހޯދަން މަސައްކަތްކުރަމުން އަންނަ ކަމަށް ރައީސް ޞާލިޙު ވިދާޅުވެފައިވާއިރު، މިކަމުގައި ރައީސް ނަޝީދަށް ސަޕޯޓްކުރާ ގިނަ ބަޔަކު އަންނަނީ ސަރުކާރަށް ފާޑުކިޔަމުންނެވެ.

ރައީސް ނަޝީދަށް އަމާޒުކޮށް ދިން ހަމަލާއާ ގުޅިގެން ފުލުހުންނާއި ސިފައިންގެ އިންޓެލިޖެންސް އޮޑިޓެއް ހެދުމަށް ރައީސް އޮފީހުގެ ތިން ވެރިއެއްގެ މައްޗަށް އެކުލެވޭ ކޮމިޓީއެއް ރައީސް ޞާލިޙުވަނީ އެކުލަވައިލައްވާފައެވެ. އަދި ރައްޔިތުންގެ މަޖިލީހުންވެސް ގެންދަނީ މި ހަމަލާއާ ގުޅިގެން ޕާލިމަންޓަރީ އިންކުއަރީއެއް ހަދަމުންނެވެ.