ދައުލަތަށް އާމްދަނީގެ ގޮތުގައި ލިބޭ ބޭރު ފައިސާއާއި، ވިޔަފާރިތަކުން ބޭންކުތަކަށް މާރުކުރާ ޑޮލަރު ވެސް މި ސަރުކާރުން ނަހަމަ ގޮތުގައި އިސްރާފު ކުރަމުންދާ ކަމަށް އެމްޑީޕީން ތުހުމަތުކޮށްފި އެވެ. ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވީ، ރާއްޖެއަށް މިހާރު ކުރިމަތިވެފައިވާ ޑޮލަރުގެ ދަތިކަމަކީ ސަރުކާރުން ކުރަން ނުޖެހޭ ބޭކާރު ހަރަދުތައް ކުރުމުގެ ސަބަބުން އަމިއްލައަށް އުފައްދައިގެން އުޅޭ ކާރިސާއެއް ކަމަށެވެ.
އެމްޑީޕީގެ އިކޮނޮމިކް ކޮމިޓީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން އަމީރު ވިދާޅުވީ، ދައުލަތަށް ޑޮލަރުން ލިބޭ އާމްދަނީ ކުރިއާ އަޅާބަލާއިރު ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށެވެ. ނަމަވެސް ބޭރުގެ ދަރަނިތައް އަދާކުރުމަށްފަހު ބާކީވާ ފައިސާ ސަރުކާރުން ބޭކާރު ގޮތުގައި ހޭދަކުރަމުންދާ ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.
އަމީރު ވިދާޅުވި ގޮތުގައި، ކަޅުބާޒާރުގައި ޑޮލަރުގެ ރޭޓު އަތުނުވާ ހިސާބަށް މައްޗަށް ދަނީ ސަރުކާރުގެ އިގުތިސާދީ ސިޔާސަތުތައް ފެއިލްވުމުންނެވެ. އަދި ހަރަދު ކުޑަކުރުމުގެ އެއްވެސް ވިސްނުމެއް ސަރުކާރުގެ ނެތްކަން ހާމަކުރައްވަމުން އޭނާ ވަނީ ބައެއް ތަފާސްހިސާބުތައް ވެސް ހިއްސާކުރައްވާފަ އެވެ.
އެގޮތުން ވޭތުވެދިޔަ ދެ އަހަރާއި ބައިގެ ތެރޭގައި ދައުލަތަށް 3،500 މިލިއަން ޑޮލަރު ލިބިފައިވާކަން ފާހަގަކުރެއްވި އެވެ. އިންޑިއާގެ ކަރަންސީ ސްވޮޕަށް ދެއްކި 400 މިލިއަން ޑޮލަރު ހިމަނައިގެން ވެސް ދަރަނި ދެއްކުމަށް ހޭދަވީ 1.2 ބިލިއަން ޑޮލަރު ކަމަށާއި، ބާކީ ހުރި 2.6 ބިލިއަން ޑޮލަރަށް ވީނުވީއެއް ސަރުކާރަށް ދައްކައިނުދެވޭ ކަމަށް އަމީރު ވިދާޅުވި އެވެ.
މީގެއިތުރުން، ބޭރު ފައިސާއާ ގުޅޭގޮތުން ސަރުކާރުން އަޅަމުންދާ ހަރުކަށި ފިޔަވަޅުތަކުގެ ސަބަބުން ރާއްޖޭގެ ވާދަވެރިކަން ގެއްލި، ބޭރުގެ އިންވެސްޓަރުންގެ އިތުބާރު ގެއްލިގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ކަޅުބާޒާރުގައި ޑޮލަރެއްގެ އަގު 22 ރުފިޔާއަށް ވުރެ މައްޗަށް އަރާފައިވާ މި ދަނޑިވަޅުގައި، ސަރުކާރުން ވަނީ ބޭރު ފައިސާއާ ބެހޭ ގާނޫނަށް އިސްލާހުތަކެއް ގެންނަން ނިންމާފަ އެވެ. އޭގެ ތެރޭގައި ރިސޯޓުތަކުން ބޭންކުތަކަށް މާރުކުރަންޖެހޭ ޑޮލަރުގެ މިންވަރު %20 އިން %40 އަށް އިތުރުކުރުމާއި، އެއް މަސް ދުވަހުގެ ތެރޭގައި އެ ފައިސާ މާރުކުރުން ލާޒިމްކުރުން ހިމެނެއެވެ. އަދި ރަސްމީ ރޭޓަށް ވުރެ ބޮޑު އަގުގައި ޑޮލަރު ވިއްކާ ފަރާތްތައް 1 މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރެވޭ ގޮތަށް ގާނޫނު ބަދަލުކުރުމުގެ މަސައްކަތް ވެސް ސަރުކާރުން ދަނީ ކުރަމުންނެވެ.
އީރާނަށް އަޅާނެ އިގްތިސާދީ ފިޔަވަޅުތައް އެމެރިކާއިން ހާމަކޮށްފި