ރައްޔިތުންގެ މަޖިލިސް ހިންގަނީ ގާނޫނުއަސާސީގެ ރޫހާ ހިލާފަށް ކަމަށާއި، މިހާރު މަޖިލީހުގެ ތެރެއިން ފެންނަނީ "ހިޓްލަރުގެ އުސޫލު" ކަމަށް ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް މިއަދު ވިދާޅުވެއްޖެ އެވެ.

ލާމަރުކަޒީ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހާ ދެކޮޅަށް އާންމުން ހުށަހެޅި ޕެޓިޝަނުގެ ބަހުސްގައި ވާހަކަދައްކަވަމުން މީކާއިލް ވިދާޅުވީ، މަޖިލީހުގައި ސަރުކާރު ހިންގާ ޕީއެންސީން ބޭނުން ނުވާ ގޮތަކަށް ކަމެއް ހިނގާއިރަށް ގަވާއިދުތައް ބަދަލުކުރަމުންދާ ކަމަށެވެ.

އެގޮތުން އެއް މައުލޫއަކަށް އެއް ފިޔަވަޅެއް އަޅަން ގޮވާލައި އިތުރު ޕެޓިޝަން ހުށަހެޅޭ ގޮތަށް ގަވާއިދު ބަދަލުކުރީ، ސަރުކާރަށް ތާއިދުކުރާ އެކްޓިވިސްޓުން ލައްވައި އިދިކޮޅު ޕެޓިޝަނެއް ހުށަހެޅުއްވުމުގެ ބޭނުމުގައި ކަމަށް އޭނާ ތުހުމަތުކުރެއްވި އެވެ.

މީކާއިލް ފާހަގަކުރެއްވި ގޮތުގައި، އީ-ޕެޓިޝަންގެ ނިޒާމަކީ މެންބަރުންގެ އަރިހަށް ނުގޮސް އާންމުންގެ ކަންބޮޑުވުންތައް މަޖިލީހާ ހަމައަށް ގެނައުމަށް ގާއިމުކުރި ނިޒާމެކެވެ. ނަމަވެސް މަޖިލީހުގައި 70 އަށްވުރެ ގިނަ މެންބަރުންގެ ސުޕަ މެޖޯރިޓީއެއް އޮތްއިރުވެސް، އާންމު ރައްޔިތުންގެ ޕެޓިޝަނެއް ސަރުކާރަށް "ހަޖަމްނުވެގެން" އެ ބަހުސް ހުއްޓުވަން މަސައްކަތްކުރުމަކީ ހިތާމަހުރި ކަމެއް ކަމަށް މީކާއިލް ވިދާޅުވި އެވެ.

މަޖިލީހުގެ ގަވާއިދު ބޭނުންވާ ކޮންމެ ފަހަރަކު ބަދަލުކުރުމުން އޭގެ އަގެއް ނުހުންނާނެ ކަމަށާއި، ސަރުކާރުން ކުރާ މިފަދަ ކަންކަމަށް އިންތިހާބުތަކުގައި ރައްޔިތުން ނަތީޖާއިން ޖަވާބުދޭނެ ކަމަށް ވެސް މީކާއިލް ވިދާޅުވި އެވެ.