މީހުންނާ ގުޅިނޫޅެ އެކަނިވެރިކަން އިހުސާސްވުމާއި، އިޖުތިމާއީ ގުޅުންތަކުން އެކަެރިވެފައިވުމުގެ ސަބަބުން އިންސާނާގެ ސިއްހަތަށް ނުރައްކާތެރި ބޮޑެތި ބަލިތަކާ ކުރިމަތިލާންޖެހޭ މުއްދަތު އަވަސްވާކަން އާ ދިރާސާއަކުން ހާމަވެއްޖެ އެވެ.

މި ދިރާސާގައި ބަލާފައިވަނީ އެކަނިވެރިކަމާއި، އިޖުތިމާއީ ގުޅުންތައް ކުޑަވުމާއި، އަދި ދުޅەހެޔޮ ދިރިއުޅުމުގެ ވައްޓަފާޅިއެއް ގެންގުޅުން ނުވަތަ ނުގެންގުޅުން، އިންސާނާގެ އުމުރުގައި ބޮޑެތި ޖިސްމާނީ އަދި ނަފްސާނީ ބަލިތަކުން ސަލާމަތް ވެފައިވާ މުއްދަތަށް ކުރާ އަސަރަށެވެ.

ދިރާސާގެ މައިގަނޑު ހޯދުންތަކުން ދައްކާ ގޮތުގައި އެކަނިވެރިކަމާއި އިޖުތިމާއީގޮތުން އެކަހެރިވުމަކީ ހަމައެކަނި ނަފްސާނީ އުނދަގުލެއް ނޫނެވެ. އޭގެ ސަބަބުން ސީރިއަސް ބަލިތަކަކާ ނުލައި ދިރިއުޅެވޭ މުއްދަތު ކުރުވާކަމަށް މި ދިރާސާ ދައްކަ އެވެ.

ނަމަވެސް، ރަނގަޅު ކާނާ ކެއުމާއި، ކަސްރަތު ކުރުމާއި އަދި ދުޅەހެޔޮ ދިރިއުޅުމުގެ ވައްޓަފާޅިއެއް ގެންގުޅުމަކީ ބަލިތަކުން ދުރުވެ ދިގު މުއްދަތަކަށް ދިރިތިބުމަށް ލިބޭ ބޮޑު ބާރެކެވެ.

މީހަކު ކިތަންމެ ރަނގަޅު ކާނާއެއް ކައި، ކަސްރަތު ކުރި ނަމަވެސް، އެކަނިވެރިކަމުގެ ނަފްސާނީ އަދި ޖިސްމާނީ ނުތަނަވަސްކަން ތަހައްމަލު ކުރަން ޖެހިދާނެ އެވެ.

އެހެންކަމުން ހަށިގަނޑުގެ ދުޅަހެޔޮކަމަށް މަސައްކަތްކުރާ ފަދައިން އިޖުތިމާއީ ގުޅުންތައް ބަދަހި ކުރުމަކީ ވެސް ސިއްހީ ގޮތުން ކޮންމެހެން ބޭނުން ކަމެއްކަން މި ދިރާސާގައި ފާހަގަ ކޮށްފައިވެ އެވެ.

ސިއްހީ ދާއިރާގެ މި ހޯދުންތަކުން ދައްކައިދެނީ ދިގު އުމުރެއްގައި ދެމިހުރުމަށްޓަކައި ހަމައެކަނި ކާނާއާއި ކަސްރަތަށް ސަމާލުކަން ދިނުމުގެ ބަދަލުގައި، މުޖުތަމައުއާއެކު އޮންނަ ގުޅުންތައް ބަދަހިކޮށް، ނަފްސާނީ އަރާމު ހޯދުން މުހިންމު މިންވަރެވެ.

ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށްޓަކައި ޖިސްމާނީ ސިއްހަތުގެ އިތުރުން އިޖުތިމާއީ ދިރިއުޅުމަށްވެސް ފަރުވާ ބެހެއްޓުމަށް މި ދިރާސާގައި ބާރު އަޅާފައިވެ އެވެ.