އިޒްރޭލުން ހިފާފައިވާ ފަލަސްތީނުގެ ވެސްޓް ބޭންކުގެ ބިންތައް އެގައުމުގެ މިލްކަކަށް ހެދުމަށް ނިންމާފައިވާ ނިންމުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން ތާއީދު ނުކުރާކަމަށް، އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުގެ ތަރުޖަމާނަކާ ހަވާލާދީ އެކްސިއޯސްއިން ރިޕޯޓްކޮށްފި އެވެ.
ވެސްޓް ބޭންކުގައި މީހުން އާބާދުކުރުމަށް އިޒްރޭލު ސަރުކާރުން ހުޅުވާލި ފުރުސަތުތަކާ ގުޅޭގޮތުން ސުވާލުކުރުމުން، ތަރުޖަމާނު ވިދާޅުވެފައިވަނީ ވެސްޓް ބޭންކުގެ ބިންތައް އިޒްރޭލުގެ ބައެއްގެ ގޮތުގައި ހެދުމަށް އެމެރިކާއިން ތާއީދު ނުކުރާކަން ރައީސް ޓްރަމްޕް ވަރަށް ސާފުކޮށް ހާމަކުރައްވާފައިވާ ކަމަށެވެ. އަދި ވެސްޓް ބޭންކުގެ ހަމަޖެހުމަކީ އިޒްރޭލުގެ ސަލާމަތާ ގުޅިފައިވާ ކަމެއް ކަމަށާއި، އެއީ މި ސަރަހައްދަށް ސުލްހަ ގެނައުމަށް މި ސަރުކާރުން ކުރާ މަސައްކަތާ އެއްގޮތް ނިންމުމެއް ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
އެމެރިކާއިން އިޒްރޭލުގެ ޕްލޭނާ ދެކޮޅުކަން ހާމަކޮށްފައިވާއިރު، ސައުދީ އަރަބިއްޔާ، ތުރުކީ، މިސްރު، އިންޑޮނޭޝިޔާ، އުރުދުން، ޕާކިސްތާން، ގަތަރު އަދި ޔުނައިޓެޑް އަރަބް އެމިރޭޓްސްގެ ޚާރިޖީ ވަޒީރުން ވަނީ ފަލަސްތީނުގެ ބިންތަކުގައި އިޒްރޭލުން ގެންގުޅޭ އާބާދުވުމުގެ ސިޔާސަތުތައް ކުށްވެރިކުރައްވައި، ހިފާފައިވާ ވެސްޓް ބޭންކުގައި "އީ1" ގެ ނަމުގައި ކުރިއަށްގެންދަން ނިންމާފައިވާ ބޯހިޔާވަހިކަމުގެ މަޝްރޫއު އެއްކޮށް ބަލައިނުގަންނާނެ ކަމަށް ބުނެފަ އެވެ.
މި ގައުމުތަކުގެ ވަޒީރުން ނެރުއްވި ގުޅިފައިވާ ބަޔާނެއްގައި، "އީ1" އާބާދުވުމުގެ މަޝްރޫއު ވަގުތުން ހުއްޓުވުމަށާއި، އެކަމާ ގުޅިގެން އަޅާފައިވާ ހުރިހާ ފިޔަވަޅުތަކެއް ބާތިލުކުރުމަށް ވަނީ ގޮވާލައްވާފަ އެވެ. އަދި ހިފާފައިވާ ފަލަސްތީނުގެ ބިންތަކުގެ މާހައުލަށާއި އާބާދީގެ ނިސްބަތަށް ބަދަލު އަންނާނެ ފަދަ ހުރިހާ އާބާދުވުންތަކަކާއި ހަރަކާތްތަކެއް ހުއްޓާލުމަށްވެސް ވަނީ ގޮވާލައްވާފަ އެވެ. މި މަޝްރޫއަކީ އާބާދީ ފުޅާކުރުމަށާއި ފަލަސްތީނުގެ ބިންތައް ފޭރިގަތުމަށް އިޒްރޭލުން ކުރާ މަސައްކަތުގެ ތެރެއިން އުފެދިގެންދިޔަ ނުރައްކާތެރި ކުރިއެރުމެއް ކަމަށްވެސް އެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.
މީގެ އިތުރުން، އިރުމަތީ ގުދުސްއާ ކައިރީގައި އޮންނަ ވެސްޓް ބޭންކުގެ "އީ1" ސަރަހައްދުގައި 1،200 އަށްވުރެ ގިނަ ގެދޮރު އެޅުމަށް އިޒްރޭލުން ނިންމި ނިންމުން ސްޕެއިން ސަރުކާރުންވެސް މިއަދު ވަނީ ކުށްވެރިކޮށްފަ އެވެ.
ލަމްބޯގިނި ކާރެއް ކޮންޓްރޯލް ނުވެ ސޯލާ ޕެނަލްގައި ޖެހި ފުނޑުފުނޑު
