އޭނާ ކްރޮޝޭ މަސައްކަތަށް ޝައުގުވެރިވީ އޭނާގެ ކާފަ ގެނެސްދިން ކްރޮށޭ ކަށި ލިބުނު ފަހުން. ކާފަގެ އެދުމުގެ މަތިން ކްރޮށޭ މަސައްކަތް ދަސްކުރުމަށް ފެށި ނަމަވެސް ގިނަ ދަތިތަކާ ދިމާވި. ނަމަވެސް އެ ދިމާވި ހުރަސްތައް ގިރާކޮށް އޭނާ ކްރޮޝޭ ވިޔަން ދަސްކޮށް ގިނަ ބަޔަކު ހައިރާންކޮށްލި. ފަހުން އޭނާ ވަނީ ކްރޮޝޭގެ އިތުރުން ކްލޭ ބޭނުންކޮށްގެން ވެސް ތަފާތު އެއްޗެހި ތައްޔާރުކޮށްފައި. މިހާރު އޭނާ ވިސްނަނީ ކްރޮޝޭ އަދި ކްލޭގެ މަސައްކަތް އެއް ބްރޭންޑެއްގެ ދަށަށް ގެނައުމާއި، ކުރިއަށް އޮތް މޯލްޑިވްސް އެކްސްޕޯގައި އޭނާގެ އުފެއްދުންތައް ބައިވެރި ކުރުމަށް. އޭނާގެ އުންމީދަކީ ކުރާ ކޮންމެ ކަމެއް ވެސް ކާމިޔާބު ކުރުން.

އަތްތެރި މަސައްކަތް ކުރުމަށް މުޅި މީހާގެ ސަމާލުކަން ބޭނުންވެ އެވެ. އެކަން ކުރެވޭނީ ކެތްތެރި މީހަކަށެވެ. އެކަމަށް ޝައުގުވެރިވާ މީހަކަށެވެ. މިއީ އަތްތެރި މަސައްކަތަށް ޝައުގު ހުރުމާއެކު ހިތްހަމަ ޖައްސާލުމަށް އެކަން ކުރަން ފެށި ހުނަރުވެރި ޒުވާނެކެވެ. މިއަދު އެމަސައްކަތަކީ އޭނާއަށް ލިބޭ ހިތްހަމަ ޖެހުމެއްގެ އިތުރުން އެކަމުން ނަފާ އަދި މަންފާ ލިބިދޭ މަސައްކަތަކަށް ވަނީ ވެފަ އެވެ.

ކަމެއް ކުރަން އުނދަގޫވުމަކީ ބ. ކުޑަރިކިލަށް އުފަން އެ ރަށު ފަޒާ، އައިޝަތު މައާނީ އެކަމެއް ނުކުރުމަށް އުޒުރު ދައްކާނެ ސަބަބެއް ނޫނެވެ. އޭނާ ވަނީ ވައިފައި ނުލިބުނުއިރު ވެސް އިތުރު ގޮތްތައް ހޯދައިގެން ކްރޮޝޭ ވިއަން ދަސްކޮށްފަ އެވެ. އަދި މިއަދު އެ މަސައްކަތް އިތުރު ހަރުފަތަކަށް ފުޅާކޮށް ތަރައްގީ ކޮށްފަ އެވެ. އޭގެ އިތުރުން އެ މަސައްކަތް ދަސްކުރަން ބޭނުން ފަރާތްތަކަށް ދަސްކޮށްދީ އެ ހުނަރު ފަތުރަން އެ ހުރީ ތައްޔާރަށެވެ.

މައާނީ ކްލޭ ކީޗެއިންގައި ކުލަޖައްސަނީ: ބޭނުންވާ ކަމެއް ކުރަން އުނދަގޫވި ނަމަވެސް، އެކަމެއް ކާމިޔާބު ކުރުމަށް އޭނާ މަސައްކަތް ކުރޭ.

"އަޅުގަނޑު ކްރޮޝޭ ވިއަން ޝައުގުވެރިވީ އަޅުގަނޑުގެ މަންމަ ފަރާތު ކާފަ ކްރޮޝޭ ކައްޓެއް ގެނެސްދިން ހިސާބުން. އޭރު އަޅުގަނޑުގެ އުމުރުން ވާނީ ގާތްގަނޑަކަށް 14 ނުވަތަ 15 ވަރަކަށް އަހަރު. އޭރު އަސްލު ނޭނގޭ ކިހިނެތް ކުރާ ކަމެއް ކަމެއް. ކަށި ދީފަ ކާފަ ބުނީ އެއީ ވިއާ ކައްޓެކޭ. ވިއަން ދަސްކުރަންވީ ނޫންހޭ،" ކްރޮޝޭ ވިއުމަށް ޝައުގުވެރިކަން އުފެދުނު ގޮތް ކިޔައި ދެމުން މައާނީ ބުންޏެވެ.

މައާނީ އޯލެވެލް ފުރިހަމަ ކުރީ ކުޑަރިކިލު ސްކޫލުންނެވެ. އެއަށް ފަހު އޭނާ ވަނީ ޒިކުރާ އިންޓަނޭޝަނަލް ކޮލެޖުން ބިޒްނަސް މެނޭޖްމަންޓްގެ ދާއިރާއިން ކިޔަވާފަ އެވެ. އޭގެ ފަހުން މޯލްޑިވްސް ޕޯސްޓް ލިމިޓެޑްގެ ބްރޭންޑް އީ-ޓުކުރި ލޯކަލްގައި، ބ. އަތޮޅުގެ ސީނިއާ އީކޮމާސް އޮފިސާގެ މަގާމު ވަރަށް ޒިންމާދާރު ކަމާ އެކީ އަދާކޮށް ބިޒްނަސް ދާއިރާގެ ތަޖުރިބާތަކެއް ލިބިގަނެފަ އެވެ. މިވަގުތު އޭނާ އަދާކުރަނީ މޯލްޑިވްސް ޕޯސްޓް ލިމިޓެޑްގެ ހެޑްއޮފީހުގެ ސީނިއާ މާކެޓިން އޮފިސާގެ މަގާމެވެ.

ކްރޮޝޭ ދަސްކުރުމަށް ގިނަ ހުރަސްތަކެއް ގިރާކުރި

މައާނީގެ ކްރޮޝޭގެ މަސައްކަތް ދަސްކޮށް ފަރިތަކޮށްފައި ވަނީ ވަރަށް ދަތި އަދި އުނދަގޫ ކޮށްކަން އޭނާގެ ވާހަކައިން ސާފުވެ އެވެ. ވައިފައި ނުލިބޭތީ އޭނާގެ މަންމަގެ ފޯނުން ޑާޓާ ޖައްސައިގެން އެމަސައްކަތް ކުރާ ވީޑިއޯ ބަލައި ހެދި އެވެ. އެހެން ނަމަވެސް ފޯނުން ޑާޓާ ހުސްވާތީ އޭނާ ދެން ޕިންޓްރެސްޓް ފޮޓޯބަލައިގެން ވިއަން ދަސްކުރި އެވެ. އޭގެ އެއް އަހަރު ފަހުން ޔޫޓިއުބުން ވީޑިއޯ ބެލެން ފެށުމުން، އެ ހުނަރު އިތުރަށް ތަރައްގީ ކުރި އެވެ. މިއަދު އޭނާއަކީ ވަރަށް އޮމާންކޮށް އަދި އެހާ ރީތިކޮށް ވަރަށް ފަރިތަކަމާ އެކީ ކްރޮޝޭ ވިޔާ ޒުވާނެކެވެ.

މައާނީ ހަދާ ނިމިފައިވާ މާބޮކޭއެއް ދައްކާލަނީ: ކްރޮޝޭ މަސައްކަތް ދަސްކުރީ ޕިންޓްރެސްޓް ބަލައިގެން

"އަޅުގަނޑު ވިޔެފަ ހުންނަ ތަކެތި ފެނުމުން ވަރަށް ގިނަ މީހުން ބުނޭ ވަރަށް ރީއްޗޭ. އެހާ ރީތިކޮށް ކްރޮށޭ ކޮށްފަ ހުންނަ އެއްޗެހި ރާއްޖޭން ވަރަށް ނުފެންނަ ވާހަކަ. އެކި ބޭފުޅުންގެ ފަރާތުން އެކަހަލަ ބަސްތައް އިވުނީމަ ވަރަށް އުފާވޭ،" މައާން ބުންޏެވެ.

ކްރޮޝޭގެ އިތުރުން ކްލޭ ބޭނުންކޮށްގެން ވެސް އޭނާ ތަފާތު އެއްޗެހި ހަދަ އެވެ. އޭގެ ތެރޭގައި ކީ ޗެއިންސް އަދި ބޭގް ޗާމްސް ހިމެނެ އެވެ. އޭނާގެ ކްލޭގެ އުފެއްދުންތައް އިންސްޓަގްރާމް ޕޭޖް އެންތޯޕައިލް ޑޮޓްއެމްވީ އަދި ކްރޮޝޭގެ ހިތްގައިމު އުފެއްދުންތައް އެންތޯޕައިލް އަންޑަސްކޯ އެމްވީ އިން އެހުރީ ފެންނާށެވެ. އޭނާގެ މިހާރުގެ ވިސްނުމަކީ އެއް ބްރޭންޑެއްގެ ދަށަށް ކްރޮޝޭ އަދި ކްލޭގެ އުފެއްދުންތައް ގެނައުމެވެ.

"އަޅުގަނޑު ކުރިން ހެދީ ކްރޮޝޭ ފްލާވާސް. ވަކި ހިސާބަކުން އޭގެ މާކެޓް ޑްރޮޕްވީމަ އޭރުގެ ޓްރެންޑަށް ބަލާފަ ކީޗެއިންސް އަދި ބޭގް ޗާމްސް ހަދަން ފެށީ. މިވަގުތު ހަދަނީ އެ ދެ ޕްރޮޑަކްޓްސް. ދެން މިހާރު މި މަސައްކަތް ކުރަނީ ކްލޭގެ ކީޗެއިންސްއާ ކްލޭގެ ފޯންޗާމްސް ހިމަނަން،" މައާނީ ކުރިއަށް ރާވާފައިވާ ކަމެއް ހިއްސާކުރަމުން ބުންޏެވެ.

ފުލްޓައިމް ވަޒީފާގައި އުޅެމުން ލިބޭ ހުސް ވަގުތުތަކުގައި ކުރާ މި މަސައްކަތުން ރަނގަޅު އާމްދަނީއެއް ލިބޭކަން އޭނާ ފާހަގަކުރި އެވެ. ނަމަވެސް އެ މަސައްކަތް ކުރުމަށް ބޭނުންވާ ބައެއް ތަކެތި ރާއްޖެއިން ލިބުން ދަތި ކަމަށާއި، ބޭނުންކުރާ ތަކެތި އަގު ބޮޑުވުމުން އުފައްދާ ތަކެތި ވެސް އަގުބޮޑު ކުރަން ޖެހޭ ކަމަށް އޭނާ ފާހަގަކުރި އެވެ.

މައާނީ ހަދާފައިވާ ކްރޮޝޭ މާބޮކޭއެއް ހިފައިގެން ފޮޓޯއަކަށް ހުއްޓިލައިގެން: އޭނާ ކްރޮޝޭ މަސައްކަތް ކުރަނީ ލިބޭ ހުސް ވަގުތުގައި.

ކްރޮޝޭ އިން ނަފްސާނީ އަދި މާލީ ފައިދާ

މައާނީ ދެކޭ ގޮތުގައި ކްރޮޝޭގެ މަސައްކަތަކީ އޭނާއަށް ލިބޭ ވަރަށް ބޮޑު ހިތްހަމަ ޖެހުމެކެވެ. މުޅި ދުވާލު އޮފީހުގައި އުޅެން ޖެހުމުގެ ސަބަބުން ލިބިފައިވާ ސްޓްރެސް ފިލުވާލަދޭ މަސައްކަތެކެވެ. އެއްއިރެއްގައި ވިޔަފާރީގެ ގޮތުގައި އެ މަސައްކަތް ކުރި ނަމަވެސް، މިއަދު އޭނާ އެ މަސައްކަތް ކުރަނީ ހާސްކަމާއި ވަރުބަލިވުން ފިލުވާލުމަށް ނުވަތަ "ވައިންޑިން ޑައުން" ވެލާށެވެ. ވީމާ އޭނާގެ އުފެއްދުންތައް އިންސްޓަގްރާމް ޕޭޖުން ވިއްކުމުގެ ބަދަލުގައި މިހާރު އެއެއްޗެހި އޭނާ ވިއްކަނީ ހަމައެކަނި ބައިވެރިވާ އިވެންޓްތަކުގަ އެވެ.

"މިހާތަނަށް އަދި އެއްވެސް ގައުމީ ފެންވަރުގެ މުބާރާތެއްގައި އަޅުގަނޑު ބައިވެރި ނުވަން. އެހެން ނަމަވެސް، މި އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ މޯލްޑިވްސް އެކްސްޕޯގައި ބައިވެރިވުމަށް މިދަނީ އެއްޗެއް ތައްޔާރު ކުރަމުން. އަޅުގަނޑުގެ އުންމީދަކީ މިފަހަރުގެ އެކްސްޕޯގައި ވަނައެއް ލިބުން،" މުޅިން އަމިއްލަ އުފެއްދުން ހިމަނައިގެން ބުޓިކް ފިހާރައެއް ހުޅުވުމަށް އުންމީދުކުރާ މައާނީ ބުންޏެވެ.

މައާނީ ހަދާފައިވާ ވަރަށް ފުރިހަމަ ކްރޮޝޭ މާބޮކޭއެއް :މިފަހަރުގެ މޯލްޑިވްސް އެކްސްޕޯގައި ބައިވެރިވުމަށް އޭނާ އަންނަނީ ތައްޔާރުވަމުން

މައާނީގެ އޮމާން، ހިތްގައިމު މަސައްކަތަށް ގިނަ ބައެއްގެ ތަރުހީބު އަންނަނީ ލިބެމުންނެވެ. އޭނާ ދެކޭ ގޮތުގައި އޭނާގެ ކާމިޔާބީގެ ސިއްރަކީ ކުރިއަށް ދިއުމަށް ހިތްވަރާއެކު އޭނާ ކެނޑިނޭޅި "ގިވްއަޕް" ނުކޮށް ކުރި އަދި ކުރަމުންދާ ބުރަ މަސައްކަތެވެ. އަދި އެ މަސައްކަތުގައި ދެމިހުރުމަށް އޭނާގެ މަންމަ އަދި ފިރިމީހާ ދީފައިވާ އެއްބާރުލުމާއި އެހީތެރިކަމެވެ. މިހާރު އޭނާ ހުރި ހިސާބަށް އާދެވުމުގައި އެ ދެފަރާތުން އަބަދުވެސް ދޭ ސަޕޯޓަށް އޭނާ ޝުކުރުވެރިވެ އެވެ.