ބްރެޒިލްގެ ފުޓްބޯޅަ ލެޖެންޑް ރޮބާޓޯ ކާލޯސް އިސްލާމްދީން ގަބޫލުކޮށްފިކަމަށް ދެކެވޭ ވާހަކަތައް އޭނާ ދޮގުކޮށްފި އެވެ. އެ ވާހަކަތައް ދޮގުކުރަމުން ބުނީ، އޭނާ އިސްލާމް ދީނަށް ނުހަނު އިހުތިރާމް ކުރާ ކަމަށާއި، ނަމަވެސް މޮރޮކޯގެ ފުޓްބޯޅަ އެޖެންޓް ސުހައިލާ އަލް ތާހިރީއާ ކައިވެނިކުރުމާ ގުޅިގެން ދީން ބަދަލުކުރި ކަމަށް ބުނާ ވާހަކަތަކަކީ ހަގީގަތާ ހިލާފު ވާހަކަތަކެއް ކަމަށެވެ.
ރެއާލް މެޑްރިޑާއި ބްރެޒިލްގެ ކުރީގެ ތަރި، އޭނާގެ ދީނީ އަގީދާއާ ބެހޭގޮތުން ތުރުކީގެ މީޑިއާތަކާއި ސޯޝަލް މީޑިއާގައި ފެތުރެމުންދާ ވާހަކަތަކާ ގުޅިގެން ސައުދީ އަރަބިއްޔާގެ "އޮކާޒް" ނޫހަށް ދިން ހާއްސަ އިންޓަވިއުއެއްގައި ބުނީ، އިސްލާމްދީނަށް އޭނާގެ ހިތުގައި ބޮޑު ގަދަރެއް އޮންނަ ކަމަށާއި، އަނބިމީހާ ނަމާދުކުރާ މަންޒަރު ފެނުމަކީ އުފާވެރި ކަމެއް ކަމަށެވެ. ނަމަވެސް އޭނާ އިސްލާމްވި ކަމަށް ބުނެ ފެތުރެމުންދާ އަޑުތަކަކީ ތެދެއް ނޫން ކަމަށް ކާލޯސް ބުންޏެވެ.
ކާލޯސްގެ މި ވާހަކަތަކާ ހިލާފަށް ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި، އުމުރުން 53 އަހަރުގެ ކާލޯސް މީގެ ހަތަރު ހަފުތާ ކުރިން ބްރެޒިލްގެ މުސްލިމް މުޖުތަމައުގެ އިސް ބޭފުޅެއް ކަމަށްވާ ޝެއިޚް ޖިހާދު ހަމާދާއާ ބައްދަލުކޮށް، ޝަހާދަތް ކިޔައި އިސްލާމްވެފައިވާ ކަމަށް ބުނެފައިވެއެވެ.
މި ވާހަކަތައް އިތުރަށް ފެތުރިގެން ދިޔައީ ތުރުކީގެ ވެރިކަން ކުރާ އޭކޭ ޕާޓީގެ މެންބަރެއް ކަމަށްވާ އަލީ ޝާހިން، ބްރެޒިލްގެ މުސްލިމް މުޖުތަމައުގެ މަންދޫބުންނާ ބައްދަލުކުރެއްވުމަށްފަހު، ކާލޯސް އިސްލާމްވިކަމުގެ މައުލޫމާތު ލިބިވަޑައިގެންފައިވާ ކަމަށް ވިދާޅުވުމާ ގުޅިގެންނެވެ.
މިކަމާ ގުޅިގެން ޝާހިން ވަނީ ކާލޯސްއަށް މަރުހަބާ ދަންނަވައި، އޭނާއަށާއި އޭނާގެ އާއިލާއަށް ބަރަކާތާއި ސިއްހަތަށް އެދިވަޑައިގެންފަ އެވެ. މީގެ އިތުރުން، އިސްލާމީ ކައިވެނީގެ ރަސްމިއްޔާތެއް ކަމަށް ބެލެވޭ ފޮޓޯތަކެއް ސޯޝަލް މީޑިއާގައި ދައުރުވުމަކީވެސް އޭނާ އިސްލާމްވި ކަމަށް ދެކެވޭ ވާހަކަތަކަށް ބާރު ލިބިގެންދިޔަ ކަމެކެވެ.
ނަމަވެސް ކާލޯސް "އޮކާޒް" އަށް ކިޔައިދިން ގޮތުގައި، އޭނާއާއި ތާހިރީގެ ކައިވެނީގެ ރަސްމިއްޔާތުތައް ބޭއްވީ ދެމީހުންގެ އާއިލާގެ ދީނީ ގަބޫލުކުރުންތަކަށް އިހުތިރާމް ކުރުމުގެ ގޮތުން ތަފާތު ގޮތްގޮތަށެވެ. އޭނާގެ އާއިލާއަށް އިހުތިރާމް ކުރުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގެ އިތުރުން، އަނބިމީހާއާއި އެމީހުންގެ މުސްލިމް ރަހުމަތްތެރިންނާ ގުޅޭގޮތަށްވެސް ރަސްމިއްޔާތެއް ބޭއްވުމަށް ބޭނުންވީ ކަމަށް އޭނާ ބުންޏެވެ.
ކާލޯސް އިތުރަށް ބުނި ގޮތުގައި، ތާހިރީއާ އޭނާ ފުރަތަމަ ބައްދަލުވީ ފުޓްބޯޅައާ ގުޅުންހުރި ވިޔަފާރި ބައްދަލުވުމެއްގެ ތެރެއިންނެވެ. ތާހިރީއަކީ ކާމިޔާބު ވިޔަފާރިވެރިއެއް ކަމަށާއި، އަމިއްލަ ދިރިއުޅުމުގައާއި މަސައްކަތުގެ މައިދާނުގައި އެކުގައި އުޅޭތާ މިހާރު ދެ އަހަރު ވެފައިވާ ކަމަށް އޭނާ ހާމަކުރި އެވެ.
ތާހިރީއަކީ ފީފާގެ ހުއްދަ އޮންނަ ފުޓްބޯޅަ އެޖެންޓެކެވެ. އޭނާ ދަނީ ކުޅުންތެރިންގެ ކެރިއަރު މެނޭޖުކުރުމާއި ފުޓްބޯޅައާ ގުޅުންހުރި އެކި މަޝްރޫއުތަކުގައި މަސައްކަތް ކުރަމުންނެވެ. އެ ދެމީހުންގެ ގުޅުމުގެ ވާހަކަތައް މިއަހަރުގެ ކުރީކޮޅު ފެންމަތިވެފައިވާއިރު، ކައިވެނީގެ ފޮޓޯތައް މިހާރު ދަނީ ސޯޝަލް މީޑިއާގައި ވަރަށް ބޮޑަށް ދައުރުވަމުންނެވެ.
ރޮބާޓޯ ކާލޯސްއަކީ ފުޓްބޯޅަ ތާރީހުގައި އުފެދުނު އެންމެ މޮޅު ލެފްޓް-ބެކުންގެ ތެރޭގައި ހިމެނޭ ކުޅުންތެރިއެކެވެ. އޭނާގެ ކެރިއަރުގެ އެންމެ ކާމިޔާބު ދުވަސްތައް ހޭދަކުރީ ރެއާލް މެޑްރިޑްގަ އެވެ. އަދި އޭނާއަކީ 2002 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕް ކާމިޔާބުކުރި ބްރެޒިލް ޓީމުގެ މުހިންމު ކުޅުންތެރިއެކެވެ. މީގެ އިތުރުން، 2007 އާއި 2009 އާ ދެމެދު ތުރުކީގެ ފެނަބާޗޭއަށް ކުޅެފައިވާތީ، އޭނާއާއި ތުރުކީގެ ފުޓްބޯޅައާ ދެމެދު ވަނީ ގާތް ގުޅުމެއް އުފެދިފަ އެވެ.
20 އަހަރު ފަހުން ޖިއޯޖިއޯ އަރްމާނީގެ އާ ރޭންޖެއް "އައިވިލް"
ޖޫންގެ ނިޔަލަށް ވީއައިއޭއަށް 1.62 މިލިއަން ފަސިންޖަރުން
އެންޖެލީނާގެ އަމިއްލަ ދިރިއުޅުމުގެ ވާހަކަ ސްކްރީނަށް ގެންނަނީ!
