ރިސޯޓްތަކަށް ޑޮލަރުން ލިބޭ އާމްދަނީގެ 20 ޕަސެންޓް އެކަނި މާރުކުރަން ޖެހޭ ގޮތް ހިމެނޭހެން ރިސޯޓްތަކަށް ބޭރު ފައިސާގެ މުއާމަލާތްތައް ހިންގޭ ގޮތް ހަރުކަށިކުރަން ބޭރު ފައިސާ މާރުކުރުމުގެ ގާނޫނަށް ބަދަލުތަކެއް ގެންނަން މަރުކަޒީ ބޭންކް، އެމްއެމްއޭން ނިންމައިފި އެވެ.
އެމްއެމްއޭއިން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ އިސްލާހުތަކުގެ ތެރޭގައި ކެޓަގަރީ އޭގެ ވިޔަފާރިތައް ނުވަތަ ރިސޯޓްތަކުން ކޮންމެ ޓޫރިސްޓެއްގެ ބޮލަކަށް 500 ޑޮލަރު މާރުކުރުމަށް އޮތް އިހުތިޔާރު އުވާލަން ވަނީ ހުށަހަޅައިފަ އެވެ. އަދި ލިބޭ ޖުމްލަ އާމްދަނީގެ 20 ޕަސެންޓް ސީދާ މާރުކުރަން ޖެހޭ ގޮތަށް ވަނީ ހަމަޖައްސާފަ އެވެ.
ނަމަވެސް ގެސްޓްހައުސްތަކާއި ސަފާރީތަކުން 20 ޕަސެންޓް މާރުކުރަން އޮތް އުސޫލަށް ބަދަލެއް ނުގެންނާނެ އެވެ.
މީގެ އިތުރުން ޓޫރިޒަމް ނޫން ދާއިރާތަކުން އަހަރަކު 25 މިލިއަން ޑޮލަރަށްވުރެ މަތިން އާމްދަނީ ލިބޭ ވިޔަފާރިތަކުން ވެސް ޑޮލަރު މާރުކުރުން މަޖުބޫރުވާ ގޮތަށް ގާނޫނަށް އިސްލާހު ހުށަހެޅުމަށް އެމްއެމްއޭއިން ވަނީ ނިންމާފަ އެވެ.
މި އިސްލާހުތަކުގެ ދަށުން ރިސޯޓުތަކަށް ލިބޭ އާމްދަނީ ޖަމާކުރުމަށް ރާއްޖޭގެ ބޭންކެއްގައި ހާއްސަ އެކައުންޓެއް ހުޅުވައި އެމްއެމްއޭއަށް އެންގުމާއި، ރާއްޖޭގެ ބޭންކުތަކަށް އާމްދަނީ ޖަމާވާ ޕީއޯއެސް މެޝިންތައް އެކަނި ބޭނުންކުރުން ލާޒިމުކުރާނެ އެވެ. އަދި ބޭރުގެ ދަރަނިތަކާއި ފޮރިން އިންވެސްޓްމަންޓްތަކުގެ މައުލޫމާތު އެމްއެމްއޭއަށް ރިޕޯޓުކުރުން ލާޒިމުކުރުމުގެ އިތުރުން، މެދު ރާސްތާގައި ރާއްޖޭގެ އެތެރޭގެ ހުރިހާ މުއާމަލާތްތަކެއް ދިވެހި ރުފިޔާއިން ކުރުމަށް ފުލް "ރުފިޔާޒޭޝަން" އަކަށް ދިއުމަށް ވެސް އެމްއެމްއޭއިން ވަނީ ހިމަނައިފަ އެވެ.
ކަޅު ބާޒާރުގައި ޑޮލަރުގެ އަގު 22.25 ރ. އަށް އަރައިފި
ކޮލަމްބިއާއަށް ބާރުގަދަ ބިންހެލުމެއް، 100 އަށްވުރެ ގިނަ މަރު