އިދިކޮޅު އެމްޑީޕީގެ ޖަލްސާތައް ހުށަހަޅާ އެ ޕާޓީގެ މެންބަރު އަންވަރު އިބްރާހީމް ސިވިލް ކޯޓަށް ހާޒިރުކުރަން ކުރި އަމުރު އިއްޔެ އެ ކޯޓުން ބާތިލުކޮށްފި އެވެ.

ފުލުހުން އިއްޔެ މެންދުރު ކުރި އިއުލާނުގައި ބުނީ ސިވިލް ކޯޓަށް ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެން އެ ކޯޓަށް ހާޒިރުކުރަން ބޭނުންވެ ހާޒިރުކުރެވިފައި ނުވާ މީހަކު ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރާ ގުޅިގެން އެ މީހާ ހޯދުމުގެ މަސައްކަތް ފުލުހުން ކުރަމުންދާ ކަމަށެވެ. މި އަމުރާ ގުޅިގެން ހޯދަމުން ދަނީ ކ. އާގެ، ތ. ތިމަރަފުށި، އަންވަރު އިބްރާހީމް (59އ) ކަމަށް ފުލުހުންގެ އިއުލާނުގައި ވެ އެވެ.

ނަމަވެސް އިއްޔެ ހަވީރު، ސިވިލް ކޯޓުން ވަނީ، އަންވަރު އެ ކޯޓަށް ހާޒިރުކުރަން ކުރި އަމުރު ބާތިލުކޮށްފަ އެވެ.

މިކަމާ ގުޅިގެން އެ އަމުރު ބާތިލުކުރި ސަބަބެއް މިހާތަނަށް އެނގިފައެއް ނުވެ އެވެ.

އަންވަރަކީ އެމްޑީޕީގެ ތިމަރަފުށީ ދާއިރާގެ ރައީސް ވެސް މެއެވެ. އަދި އޭނާއަކީ އެމްޑީޕީގެ ގިނަ ޖަލްސާތަކާއި ހަރަކާތްތައް ހުށަހަޅައިދޭން ދިގު މުއްދަތަކަށް މަސައްކަތްކުރި މީހެކެވެ.