މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއާއި ފުލުހުން ގުޅިގެން އައްސޭރި ޖަލުގައި ސާޗް އޮޕަރޭޝަނެއް މިއަދު ފަށައިފި އެވެ.
ކަރެކްޝަންސްއިން އެކްސްގައި ކުރި ޕޯސްޓެއް މެދުވެރިކޮށް މި އޮޕަރޭޝަން ފަށައިގެން ކުރިއަށްދާކަން އިއުލާނުކުރި ނަމަވެސް، ޖަލު ފާސްކުރަން ޖެހުނު ވަކި ހާއްސަ ސަބަބެއް ނުވަތަ މިހާތަނަށް ފެނުނު އެއްޗެއްގެ އެއްވެސް ތަފްސީލެއް އިދާރާތަކުން ހާމަކޮށްފައެއް ނުވެ އެވެ.
ސައުވީސް ގަޑިއިރު ސެކިއުރިޓީ ބަލަހައްޓަމުންދާ ޖަލުތަކަށް ސިއްރުން ފޯނާއި މަސްތުވާތަކެތި ފަދަ މަނާ ތަކެތި ވެއްދުމަކީ ރާއްޖޭގައި ބޮޑުވެފައިވާ މައްސަލައެކެވެ. މިގޮތުން 2024 ވަނަ އަހަރު ފުލުހުން ހިންގި ބޮޑު ތަހުގީގަކުން ވަނީ ޖަލަށް މަސްތުވާތަކެތި ވެއްދުމުގައި ކަރެކްޝަންސްގެ 18 މުވައްޒަފަކު ބައިވެރިވެ، އެމީހުންގެ ބޭންކް އެކައުންޓުތަކަށް ދައުރުކުރި 73 މިލިއަން ރުފިޔާގެ މައްސަލައެއް ފަޅާއަރުވާލާފަ އެވެ. އެ ފަހަރު ކުށުގެ ތުހުމަތުވި އޮފިސަރުންގެ ވަނަވަރު އާންމުކޮށް، ގާނޫނީ ގޮތުން ދައުވާ ވެސް އުފުލި އެވެ.
ޖަލުތަކުން ހިންގާ ކުށްތަކާއި ފޯނު ސްކޭމްތައް ހުއްޓުވުމަށްޓަކައި މިދިޔަ އަހަރު ކަރެކްޝަންސްއިން ވަނީ ޖަލުން ކުރާ ކޯލްތައް ދެނެގަނެ ރިޕޯޓު ކުރެވޭނެ ހާއްސަ ނިޒާމެއް ތައާރަފުކޮށްފަ އެވެ. ޖަލުން ކުރާ ކޯލްތައް ކަނޑާލުމަށް ބައެއް ގައުމުތަކުގައި ޖޭމަރު ބޭނުންކުރި ނަމަވެސް، ރާއްޖޭގައި އިސްކަންދިނީ ޖަލަށް ވަންނަ މީހުން މޮނިޓާކުރުމަށެވެ. އެގޮތުން މާފުށީ ޖަލުގައި ބޮޑީ ސްކޭނިން މެޝިނެއް ބަހައްޓައި، މި އަހަރުގެ ތެރޭގައި އެ މެޝިން ވަނީ ރަސްމީކޮށް ބޭނުންކުރަން ފަށާފަ އެވެ.
މިއަދު އައްސޭރި ޖަލުގައި އޮޕަރޭޝަނެއް މި ފެށީ، ދާދިފަހުން މިދިޔަ ޖޫން މަހުގެ 22 ގައި މާފުށީ ޖަލު ވެސް ބަލައި ފާސްކުރުމުގެ ބޮޑު އޮޕަރޭޝަނެއް ހިންގާފައި ވަނިކޮށެވެ.
މާލޭގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި މީހަކު މަރުވެއްޖެ
މޭޒުދޮށު ވަޒީފާތަކުން ބުރަކަށްޓަށް ލިބޭ ގެއްލުން ކުޑަ ކުރެވޭނެ!
އީރާނުން ސަރަހައްދުގައި ހުރި އެމެރިކާގެ މަރުކަޒުތަކަށް ހަމަލާދީފި