މާލެ ސިޓީ ކައުންސިލުން 2020 ގައި ވަކި ފަރާތްތަކަށް ފައިދާވާހެން ގުޅުންހުރި ވިޔަފާރިތަކުން ކޯޓޭޝަން ހޯދާފައިވާ ކަމަށް އެ ކައުންސިލުގެ އޮޑިޓަކުން ހާމަވެއްޖެ އެވެ.

މި އަހަރު އަލަށް އިންތިހާބުވި މާލެ ސިޓީ ކައުންސިލުން، 2020 ވަނަ އަހަރުގެ ކަންކަން ހުރި ގޮތް ބެލުމަށް ހިންގި އިންޓާނަލް އޮޑިޓުން އެނގޭ ގޮތުގައި، ސާމްޕަލްގެ ގޮތުގައި ނެގި 35,000 ރުފިޔާއިން ދަށުގެ 46 ޕޭމަންޓު ވައުޗާގެ ތެރެއިން 27 ވައުޗާއަކަށް ކޯޓޭޝަން ހޯދާފައި ވަނީ މާލިއްޔަތު ގަވާއިދާ ހިލާފަށް ގުޅުންހުރި ވިޔަފާރިތަކުންނެވެ. އޭގެ ތެރޭގައި އެއް ކުންފުންޏެއްގެ ދެ ފިހާރަ ނުވަތަ ކުންފުނިތަކުގެ ހިއްސާދާރުންގެ ވަކިވަކި ވިޔަފާރިތައް ހިމެނޭއިރު، މި 27 ވައުޗަރުގައި ހިމެނޭ ހިދުމަތްތަކުގެ ޖުމްލަ އަގު 732,043.86 ރުފިޔާއަށް އަރަ އެވެ.

އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި މިގޮތަށް ކަންތައް ކުރުމުން ޕްރޮކިއުމަންޓުގެ ވާދަވެރިކަން ކުޑަވެ، އިގުތިސާދީ ގޮތުން ދައުލަތަށް އެންމެ ފައިދާހުރި އަގުގައި ތަކެތި ނުވަތަ ހިދުމަތް ހޯދުމަށް ހުރަސް އެޅި، ވަކި ބަޔަކަށް ނާޖާއިޒު މަންފާ ލިބުމުގެ ފުރުސަތު ބޮޑުވެ އެވެ. އެހެންކަމުން ދައުލަތުގެ މާލިއްޔަތު ގަވައިދާ އެއްގޮތަށް، ޒިންމާދާރުކަމާއެކު ވާދަވެރި މާހައުލެއްގައި މިފަދަ މުއާމަލާތްތައް ކުރިއަށް ގެންދިއުމަށް އޮޑިޓުން ވަނީ ލަފާދީފަ އެވެ.

މި މައްސަލަތައް ފާހަގަވީ 2020 ވަނަ އަހަރު މާލޭގެ މޭޔަރަކަށް ޝިފާ މުހައްމަދު ހުންނެވި ދުވަސްވަރު ކަމަށް ވާއިރު، އޭނާގެ މައްޗަށް މީގެ ކުރިން ވެސް ކޮރަޕްޝަނުގެ ބޮޑެތި ތުހުމަތުތަކެއް ކުރެވިފައިވެ އެވެ. އެގޮތުން ލޮނުޒިޔާރަތްކޮޅު އަޑިޕާކުގައި މާލޭ ސިޓީ ކައުންސިލުން ޕާކު ބިނާކުރުމުގެ މަޝްރޫއުގައި ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް އަމަލުކޮށްފައި ވާތީ، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ސެޕްޓެމްބަރު 29، 2020 ގައި ޝިފާގެ މައްޗަށް ދައުވާކޮށް ދިނުމަށް އެދި ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވި އެވެ.

ނަމަވެސް ތަހުގީގުގައި އިތުރަށް ފުރިހަމަކުރަން ޖެހޭ ބައެއް ކަންކަން ހުރުމުގެ ސަބަބުން، އޭގެ މަސްދުވަސް ފަހުން ޕީޖީ އޮފީހުން ވަނީ އެ މައްސަލަ އަލުން މުރާޖައާކުރުމަށް އޭސީސީއަށް އަނބުރާ ފޮނުވާލާފަ އެވެ.