މާލީ މުއާމަލާތްތަކާ ގުޅިގެން އަމާޒުވެފައިވާ ބޮޑެތި ފާޑުކިޔުންތަކާއި ތަހުގީގުތަކާ ހެދި އިނގިރޭސި އިދިކޮޅު ރިފޯމް ޔޫކޭ ޕާޓީގެ ލީޑަރު ނައިޖަލް ފަރާޖު ޕާލިމަންޓް މެންބަރުކަމުން އިސްތިއުފާ ދެއްވައިފި އެވެ.

އޭނާ ތަމްސީލުކުރެއްވި ކްލެކްޓަން ދާއިރާގެ ބައި-އިލެކްޝަނެއް ބާއްވަން ނިންމާފައި ވާއިރު، ފަރާޖު ވަނީ އެ އިންތިހާބުގައި އަލުން ވާދަކުރައްވާނެ ކަމަށް ވިދާޅުވެ، އަމަލުތަކުގެ މައްޗަށް ގޮތް ނިންމުން ރައްޔިތުންނަށް ދޫކޮށްލައްވާފަ އެވެ.

މި މައްސަލަ ބޮޑުވީ މަނީ ލޯންޑްރިންގެ ކުށުގައި އެމެރިކާގައި ޖަލަށްލީ ޖޯޖް ކޮޓްރެލް ނަމަކަށް ކިޔާ މީހަކު، ފަރާޖްގެ ސޯޝަލް މީޑިއާ ޓީމަށް ބޮޑެތި ހަރަދުތަކެއްކޮށް ބަކިންގްހަމް ޕެލަސް ކައިރިން އަގުބޮޑު ގެއެއް ބޭނުންކުރަން ދިން މައުލޫމާތު 'ދަ ސަންޑޭ ޓައިމްސް' އިން ހާމަކުރުމުންނެވެ. މީގެ އިތުރުން ފަރާޖަށް ކްރިޕްޓޯކަރަންސީ ބިލިއަނަރެއްގެ އަތުން ލިބުނު ފަސް މިލިއަން ޕައުންޑްގެ މައްސަލައެއް ވެސް ޕާލިމެންޓުގެ އަހުލާގީ ކޮމިޝަނުން ދަނީ ބަލަމުންނެވެ.

މިކަމާ ގުޅިގެން އިނގިރޭސި ސިޔާސީ ލީޑަރުން ތުހުމަތުކުރާ ގޮތުގައި މިއީ ހިޔާނާތްތަކުން ރެކުމަށާއި ރައްޔިތުންގެ ފައިސާ އިސްރާފުކޮށްލަން ހިންގި އަމަލެކެވެ. ނަމަވެސް ފަރާޖު ވަނީ ގާނޫނާ ހިލާފުނުވާ ކަމަށް ވިދާޅުވެ އެ ވާހަކަތައް ދޮގުކުރައްވާފަ އެވެ.

މި އަހަރުގެ ކުރީކޮޅު 60 މިލިއަން ޑޮލަރުގެ ޕްރައިވެޓް ޖެޓެއްގައި ރާއްޖެ ވަޑައިގެން ފަރާޖު ހިންގެވި "މެގާ ސްޓަންޓް" އަށް ވެސް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވި އެވެ. "ގާޑިއަން" ނޫހުން ރިޕޯޓްކުރި ގޮތުގައި، ފޯޅަވަހި ނުވަތަ ޗާގޯސްއަށް ވަޑައިގަތުމަށް ކަމަށް ވިދާޅުވެ ފަރާޖު ރާއްޖެ ވަޑައިގަތް ދަތުރުގެ އެއްވެސް މައުލޫމާތެއް އިނގިރޭސި ސަރުކާރަށް ކުރިން އެނގިފައެއް ނުވެ އެވެ. އެ ދަތުރުމަތީގައި ފަރާޖު ވަނީ، އޭނާ ފޯޅަވައްސަށް ދިއުން ހުއްޓުވުމަށްޓަކައި އިނގިރޭސި ސަރުކާރުން ދިވެހި ސަރުކާރަށާއި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށް ޕްރެޝަރު ކުރަމުންދާ ކަމަށް ވީޑިއޯއެއް މެދުވެރިކޮށް ތުހުމަތުކުރައްވާފަ އެވެ.

ނަމަވެސް، ފަރާޖުގެ އެ ތުހުމަތުތަކަކީ އެއްވެސް ހަގީގަތެއް ނެތް ދޮގު ވާހަކަތަކެއް ކަމަށް ދިވެހި ސަރުކާރުގެ ރަސްމީ އޮފިޝަލުން ވަނީ ސާފުކޮށްދެއްވާފަ އެވެ.