ހިތުގެ ސިއްހަތަށް ބަލާއިރު ގިނަ މީހުން އެންމެ ބޮޑަށް ސަމާލުކަން ދެނީ ކާބޯތަކެއްޗަށެވެ. ތެޔޮ އެއްޗެހި ނުކެއުމާއި، ހަކުރު މަދުކުރުމަކީ ހިތުގެ ބަލިތަކުން ދުރުވުމަށް ކުރާ އެންމެ މުހިންމު ކަންތައް ކަމަށް ގިނަ ބަޔަކު ގަބޫލުކުރެ އެވެ.
ނަމަވެސް، އިނގިރޭސިވިލާތުގެ ނޭޝަނަލް ހެލްތު ސާވިސްގެ ކާޑިއޯތޮރަސިކް ސާޖަން ޑރ. ފިލިޕް އޯޒީ ވިދާޅުވާ ގޮތުގައި، ހަމައެކަނި ޑައެޓް ބަދަލު ކޮށްލުމަކުން ހިތް ރައްކާތެރިއެއް ނުކުރެވޭނެ އެވެ.
"ކާނާއިން ވަކި އެއްޗެއް އުނި ކުރުމަށްވުރެ، ތިމާގެ ހަށިގަނޑުގެ ކާޑިއޯރެސްޕިރޭޓަރީ ފިޓްނަސް (ހިތާއި ފުއްޕާމޭގެ ދުޅަހެޔޮކަން) ހުރި މިންވަރު ހިތުގެ ބަލިތަކުން މީހާ ސަލާމަތް ކުރުމުގައި މާ ބޮޑު ދައުރެއް ކުޅޭ،" ޑރ. ފިލިޕް ވިދާޅުވި އެވެ.
'ކާޑިއޯރެސްޕިރޭޓަރީ ފިޓްނަސް' އަކީ ކޮބާ؟
މިއީ ކަސްރަތުކުރާ ވަގުތުގައާއި ހަށިގަނޑު ހަރަކާތްތެރިވާ ވަގުތުތަކުގައި، މަސްތަކަށް ބޭނުންވާ އޮކްސިޖަން ފޯރު ކޮށްދިނުމަށްޓަކައި ހިތާއި، ފުއްޕާމޭ އަދި ލޭހިނގާ ނިޒާމު ގުޅިގެން މަސައްކަތްކުރާ ހާލަތެވެ.
މާހިރުން ވިދާޅުވާ ގޮތުގައި، ހަށިގަނޑުގެ ފިޓްނަސް ދަށް މީހަކު ކިތަންމެ ރަނގަޅަކަށް ކެއުން ބެހެއްޓި ނަމަވެސް، ހިތުގެ ބަލިތައް ޖެހުމުގެ ފުރުސަތު ބޮޑެވެ.
އެމެރިކަން ހާޓް އެސޯސިއޭޝަންގެ ހޯދުންތަކުން ދައްކާ ގޮތުގައި، ހަފުތާއަކު 150 މިނެޓު މެދު މިންވަރަކަށް ކާޑިއޯ ކަސްރަތު (ހިނގުން، ދުވުން، ބައިސްކަލް ދުއްވުން) ކުރުމުން ހިތުގެ މައްސަލަތައް ޖެހުމުގެ ފުރުސަތު 30 އާއި 40 ޕަސެންޓްއާ ދެމެދުގެ މިންވަރަކަށް ދަށް ކޮށްދެ އެވެ.
ހަމައެކަނި ކެއުން ކޮންޓްރޯލް ކުރުމުން ފުދޭތަ؟
ޑރ. ފިލިޕް ފާހަގަ ކުރެއްވި ގޮތުގައި ހަކުރާއި ސަރުބީ މަދުކުރުމަކީ ބަރުދަން ލުއިކުރުމަށާއި ހަކުރުބަލިން ސަލާމަތްވުމަށް މުހިއްމު ކަމެކެވެ.
ނަމަވެސް ހިތަކީ މަސްގަނޑެއް ކަމަށް ވުމުން އެ މަސްގަނޑު ވަރުގަދަކޮށް ބެހެއްޓޭނީ ހަށިގަނޑު ހަރަކާތްތެރިކޮށް، ހިތުގެ ތެޅުން އިތުރު ކޮށްދޭ ކަސްރަތުތައް ކޮށްގެންނެވެ.
ގިނަ ވަގުތު އިށީނދެ އިންނަ މީހަކު ކިތަންމެ ސިއްހަތު ރަނގަޅުކޮށް ކެއި ނަމަވެސް، ހިތުގެ މަސްތައް ބަލިކަށިވެ، ލޭހޮޅިތައް ހަނިވުމުގެ ފުރުސަތު އޮވެ އެވެ.
ހިތުގެ ބަލިތަކުން ދުރުވުމަށްޓަކައި ކެއުމަށް ބަދަލުތައް ގެނައުމާއެކު، ދުވަހުގެ ތާވަލުގައި ހަށިގަނޑު ހަރަކާތްތެރި ކުރާނެ ވަގުތެއް ހޯދާށެވެ.
ލިފްޓުގެ ބަދަލުގައި ސިޑިން އެރުމާއި، ކައިރި ތަންތަނަށް ހިނގާފައި ދިއުމަކީވެސް ފެށުމަކަށް ފުދޭނެ ކަންކަމެވެ. ހިތް ދުޅަހެޔޮކޮށް ބެހެއްޓުމުގެ އަސްލަކީ "މަދު ކުރުމެއް ނޫނެވެ. ހަރަކާތްތެރިވުމެވެ."
ހިމަބިއްސާ ގުޅޭ ސުވާލުތަކަށް މިނިސްޓަރުގެ ޖަވާބެއް ނެތް
ފަރާޖް، ޕާލިމެންޓުން އިސްތިއުފާދެއްވައިފި
އެމެރިކާއިން އީރާނަށް ވަރުގަދަ ހަމަލާތަކެއް ދޭން ފަށައިފި