ފީފާ ވޯލްޑް ކަޕްގެ ގަދަ 16ގެ ބުރުގައި މިއަދު މެކްސިކޯ އަތުން 3-2 އިން މޮޅުވެ، އިންގްލެންޑް މުބާރާތުގެ ކުއާޓާ ފައިނަލަށް ދަތުރުކޮށްފި އެވެ.

މެކްސިކޯގެ މަޝްހޫރު އަޒްޓެކާ ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗުގައި އިންގްލެންޑްގެ ފަރާތުން ފެނުނީ މި އަހަރުގެ ވޯލްޑް ކަޕްގެ އެ ޓީމުގެ ފަރާތުން ފެނުނު އެންމެ މޮޅު ކުޅުމެވެ. މެޗުގެ 54 މިނިޓުގައި އިންގްލެންޑްގެ ޔަރެލް ކުއަންޝާއަށް ރަތް ކާޑު ދެއްކުމުން، ދިހަ މީހުންނާއެކު މެޗުގެ ބާކީ އޮތް ބައި ކުޅެންޖެހުނު ނަމަވެސް، އިންގްލެންޑް އިން ވަނީ މޮޅެއް ހޯދައިފަ އެވެ.

މެޗުގެ 36 ވަނަ މިނިޓުގައި އިންގްލެންޑަށް ލީޑު ހޯދައިދިނީ ރެއާލް މެޑްރިޑްގެ މިޑްފީލްޑަރު ޖޫޑް ބެލިންގްހަމް އެވެ. އަދި އޭގެ ދެ މިނިޓު ފަހުން، ބެލިންގްހަމް ވަނީ އިތުރު ލަނޑެއް ޖަހައި، އިންގްލެންޑަށް ދެ ލަނޑުގެ ލީޑެއް ހޯދައިދީފަ އެވެ.

އެކަމަކު ދެ ލަނޑުގެ ލީޑު އިންގްލެންޑަށް މާ ގިނައިރުވަންދެން ނުހިފެއްޓުނެވެ. މެޗުގެ 42 މެކްސިކޯގެ ފޯވަޑް ހޫލިއަން ކިއުނޯނޭސް ވަނީ ލަނޑެއް ޖަހައި، މެކްސިކޯގެ އުންމީދު ދަމަހައްޓައިފަ އެެވެ.

މެޗުގެ 60 ވަނަ މިނިޓުގައި ލިބުނު ޕެނަލްޓީއަކުން އިންގްލެންޑްގެ ތިން ވަނަ ލަނޑު ޖެހީ އެ ޓީމުގެ ކެޕްޓަން ހެރީ ކޭން އެވެ.

އެކަމަކު ކޭން ކުރި ފައުލަކާ ގުޅިގެން މެކްސިކޯއަށް ލިބުނު ޕެނަލްޓީއެއް މެޗުގެ 69 ވަނަ މިނިޓުގައި ރައޫލް ހިމެނޭޒް ކާމިޔާބުކުރުމުން، މެޗުގެ ފަހުކޮޅު ފެނުނީ ފޯރިގަދަކޮށެވެ.

ދިހަ މީހުންނާއެކު ކުޅެންޖެހުމުން، މެޗުގެ ފަހުކޮޅު އިންގްލެންޑްގެ ކޯޗު ތޯމަސް ޓުޗެލްގެ ރޭވުންތައް ބަދަލުކޮށްލައި، ޑިފެންސަށް އިސްކަންދިނެެވެ.

މުބާރާތުގެ ކުއާޓާ ފައިނަލްގައި އިންގްލެންޑް ނުކުންނާނީ ނޯވޭއާ ދެކޮޅަށެވެ.