ބޮލީވުޑްގައި އަންހެން ފަންނާނުންނާ މެދު ކުރެވޭ ތަފާތު ކުރުންތަކާއި ޝޫޓިން ސެޓުތަކުގައި ދިމާވާ ގޮންޖެހުންތަކާ ބެހޭ ގޮތުން މަޝްހޫރު ބަތަލާ ކްރިތީ ސެނަން ފާޅުގައި ވާހަކަ ދައްކައިފި އެވެ.
ޔޫޓިއުބްގައި ލިލީ ސިންގްއާއެކު ބޭއްވި ހާއްސަ އިންޓަވިއުއެއްގައި ކްރިތީ ބުނީ، އޭނާގެ ކެރިއަރުގައި މިހާތަނަށް މަސައްކަތްކުރި ދާއިރާތަކުގެ ތެރެއިން (މޮޑެލިން އަދި އިންޖިނިއަރިން ކޮލެޖު ހިމެނޭހެން) އެންމެ ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލާން ޖެހުނީ ބޮލީވުޑުން ކަމަށެވެ.
ހާއްސަކޮށް ފިލްމު ސެޓުތަކުގައި މަސައްކަތްކުރާ އެސިސްޓަންޓް ޑައިރެކްޓަރުން ފިރިހެން ތަރިންދެކެ ޖެހިލުންވާ ކަމަށާއި، ނަމަވެސް އަންހެން ތަރިންނާ މެދު ކަންތައް ކުރަނީ މާ ބޮޑު އަހައްމިއްޔަތުކަމެއް ނުދީ، "ޓޭކަން ފޯ ގްރާންޓެޑް" ކޮށް ކަމަށް އޭނާ ފާހަގަކުރި އެވެ.
ކްރިތީއަކީ ފިލްމު ކުޅޭއިރު އޭނާގެ ކެރެކްޓާއާ މެދު ގިނަ ސުވާލުތަކެއް އުފައްދާ ފަންނާނެއްގެ ގޮތުގައި މަޝްހޫރު މީހެކެވެ. އިންޓަވިއުގައި އޭނާ ބުނީ، އަންހެން ބަތަލާއަކު ފިލްމުގެ މަންޒަރަކާ މެދު ސުވާލުކޮށްފި ނަމަ، އޭނާއަކީ "މާ ގިނަ ސުވާލުކުރާ، އުނދަގޫ ބޮޑު" މީހެއްގެ ގޮތުގައި ސިފަކުރާ ކަމަށެވެ.
"އަންހެން އެކްޓަރަކު ސުވާލު ކުރަން ފަށައިފި ނަމަ ބުނާނެ 'މިއޮތް ފެށުނީއޭ، މިއީ މާ ގިނަ ސުވާލުކުރާ މީހެކޭ'. އަދި މާ ބޮޑަށް ކަންކަން ދިރާސާ ނުކުރުމަށް ބުނާނެ. ނަމަވެސް، ފިރިހެން ތަރިއަކު ހަމަ އެ ސުވާލުތައް ކޮށްފި ނަމަ، އެއީ މަސައްކަތަށް ވަރަށް ބޮޑަށް ސަމާލުކަންދޭ މީހެއްގެ ގޮތުގައި ބަލައިގަނޭ،" ކްރިތީ ބުންޏެވެ.
ސެޓުތަކުގައި ދެވޭ ހިދުމަތްތަކުން ވެސް ތަފާތު ކުރުންތައް ފެންނަކަމަށް ކްރިތީ ބުންޏެވެ. އޭގެ ތެރޭގައި ފިރިހެން ތަރިންނަށް ދޭ ކެރަވަން ނުވަތަ ކާރު، އަންހެން ތަރިންނަށް ދޭ އެއްޗެއްސަށް ވުރެ މާ ފެންވަރު ރަނގަޅުވާ ފަހަރު އަންނަ ކަމަށް އޭނާ ބުންޏެވެ.
"އަހަންނަށް ކުޑަ ކޮޓަރިއެއް ނުވަތަ ކުޑަ ކާރެއް ލިބުނަސް މައްސަލައެއް ނެތް. އެކަމަކު އޭގެ ސަބަބުން އަހަރެންގެ އަގު ދަށްކޮށް، ދެރަ މީހެއްގެ އިހުސާސް އަހަންނަށް ނުކޮށްދީ. ގިނަ ފަހަރަށް އެސިސްޓަންޓް ޑައިރެކްޓަރުން ސެޓަށް އެންމެ ފުރަތަމަ ވެސް ގޮވައިގެން ގެންނާނީ އަންހެން ކުދިން. އެއީ ފިރިހެން އެކްޓަރުން ދެކެ ޖެހިލުންވާތީ،" ކްރިތީ އިތުރަށް ކިޔައިދިނެވެ.
ކްރިތީ ފާހަގަކުރި ގޮތުގައި، ކުރިއާ އަޅާބަލާއިރު މިހާރު އަންހެނުންނަށް ލިޔާ ރޯލުތައް ރަނގަޅުވެ، ބޮލީވުޑަށް ބަދަލުތަކެއް އަންނަމުންދިޔަ ނަމަވެސް، މީހުންގެ ވިސްނުން ބަދަލު ކުރުމަށް އަދިވެސް ގިނަ މަސައްކަތްތަކެއް ކުރަންޖެހެ އެވެ.
ކްރިތީ ސެނަން އެންމެ ފަހުން ފެނިގެން ގޮސްފައިވަނީ ޝާހިދު ކަޕޫރާއި ރަޝްމިކާ މަންދަންނާއާއެކު ކުޅުނު ރޮމެންޓިކް ކޮމެޑީ ފިލްމު "ކޮކްޓެއިލް 2" އިންނެވެ. ބޮކްސް އޮފީހުގައި މި ފިލްމަށް 137 ކްރޯޑް ރުޕީސް ލިބިފައިވެ އެވެ.
ހޯރަފުއްޓަށް މަރުވެފައި އޮތް ބޮޑުމަހެއް ލައްގައިފި
ހާލަންޑްގެ ދެ ލަނޑާއެކު ބްރެޒިލް ކަޓުވާލައި، ނޯވޭ ކުއާޓާ އަށް
މީހެއްގެ ގަޔަށް ހޫނުފެން އެޅި ފުލުހަކު ވަކިކުރީ ރަނގަޅަށް: ކޯޓު