ފީފާ ވޯލްޑް ކަޕްގެ ގަދަ 32ގެ ބުރުގައި މިއަދު ބޮސްނިއާ އެންޑް ހެރަޒަގޮވީނާ އަތުން 2-0 އިން މޮޅުވެ، ދިހަ މީހުންނާއެކު ކުޅުނު މުބާރާތުގެ އެއް ހޯސްޓް ކަމަށްވާ އެމެރިކާ މުބާރާތުގެ ގަދަ 16ގެ ޖާގައެއް ހޯދައިފި އެވެ.
މިއީ 24 އަހަރުގެ ތެރޭގައި ވޯލްޑް ކަޕްގެ ނޮކްއައުޓް މެޗަކުން އެމެރިކާ މޮޅުވި ފުރަތަމަ ފަހަރެވެ.
އެމެރިކާގެ ސެން ފްރެންސިސްކޯގައި މިއަދު ކުޅުނު މެޗުގެ ފުރަތަމަ ހާފު ނިމެނިކޮށް އެ ޓީމުން ލީޑު ނެގީ ފޮލާރިން ބަލޮގުން ޖެހި ލަނޑުންނެވެ.
މެޗުގައި ރަނގަޅު ކުޅުމެއް ދެއްކި ބަލޮގުންއަށް މެޗުގެ 64 ވަނަ މިނިޓުގައި ވަނީ ރަތްކާޑު ދައްކައިފަ އެވެ. އެހެންކަމުން، އެމެރިކާ އިން މެޗުގެ ބާކީ އޮތް ބައި ކުޅުނީ ދިހަ ކުޅުންތެރިންނާއެކު އެވެ.
އެއް ކުޅުންތެރިއެއް މަދުކޮށް ކުޅުނު ނަމަވެސް، އެމެރިކާ އިން ވަނީ ލީޑު ހިފަހައްޓައިފަ އެވެ. އަދި މެޗުގެ 82 ވަނަ މިނިޓްގައި އެމެރިކާގެ މަލިކް ޓިލްމަން ވަނީ އެ ޓީމުގެ ދެވަނަ ލަނޑު ޖަހައި، ލީޑު ފުޅާކޮށްފަ އެވެ.
މި މެޗުގެ ކުރިން އެމެރިކާ ވަނީ ވޯލްޑް ކަޕްގައި ޖެހިޖެހިގެން 10 މެޗުގައި ޔޫރަޕްގެ ޓީމުތައް އަތުން ބަލިވެފަ އެވެ. އެހެންކަމުން، މި މޮޅާއެކު އެމެރިކާއިން ވަނީ އެ ރެކޯޑް ވެސް ނިންމާލައިފަ އެވެ.
މުބާރާތުގެ ގަދަ 16ގެ ބުރުގައި އެމެރިކާ ނުކުންނާނީ ބެލްޖިއަމްއާ ދެކޮޅަށެވެ.
ދަރިންނަށް ހަރަދު ނުދޭ މީހެއްގެ ވަނަވަރު އާއްމުކޮށްފި