މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ފުރަތަމަ ފަހަރަށް ބޭއްވި "މޯލްޑިވްސް ފައިނޭންޝަލް ސެކްޓާ އެވޯޑްސް" ގައި، ރާއްޖޭގެ މާލީ ނިޒާމު ފުޅާކުރުމުގައި އިސް ދައުރެއް އަދާކުރެއްވި ބޭފުޅުންނާއި މުއައްސަސާތަކުގެ އަގުވަޒަންކޮށް، "ޑިސްޓިންގުއިޝްޑް ކޮންޓްރިބިއުޝަން ޓު ދަ ފައިނޭންޝަލް ސެކްޓާ" އެވޯޑް ދީފި އެވެ.

އެމްއެމްއޭގެ 45 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ރޭ ބޭއްވި މި ރަސްމިއްޔާތުގައި، ރާއްޖޭގެ މާލީ ދާއިރާ ތަރައްގީކޮށް، އިތުބާރު ހިފޭ، ހަރުދަނާ އަދި ޒަމާނީ ދާއިރާއަކަށް ހެދުމަށް ދިގު މުއްދަތަކަށް ހިދުމަތް ކުރެއްވި ފަރާތްތަކަށް ވަނީ އެވޯޑް އަރުވާފަ އެވެ.

މި އެވޯޑް މައިގަނޑު ދެ ބަޔަކަށް ބަހާލެވިފައިވެ އެވެ. އެއީ މާލީ ދާއިރާއަށް އިންގިލާބީ ބަދަލުތަކެއް ގެނައި ފަރާތްތަކަށް އަރުވާ "ސްޕެޝަލް އެވޯޑް" އާއި، ވޭތުވެދިޔަ 45 އަހަރު ތެރޭގައި އެމްއެމްއޭ ހިންގެވުމުގައި އިސްކޮށް އުޅުއްވި ގަވަރުނަރުންނާއި ޑެޕިއުޓީ ގަވަރުނަރުންގެ އަގުވަޒަންކުރުމުގެ ބަ އެވެ.

ރާއްޖޭގެ މާލީ ދާއިރާގެ އަގުވަޒަންކުރުމަށް އަލަށް ތައާރަފުކުރި މޯލްޑިވްސް ފައިނޭންޝަލް ސެކްޓަ އެވޯޑްސް ހަފްލާގެ ތެރެއިން -- ފޮޓޯ: އެމްއެމްއޭ

ހާއްސަ އެވޯޑުތައް:

ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) އަށް ވަނީ، ރާއްޖެއަށް ބޭންކިން ހިދުމަތް ތައާރަފުކޮށް، ޒަމާނީ މާލީ ނިޒާމެއްގެ ބިންގާ އެޅުމުގައި އަދާކުރި މުހިންމު ދައުރާއި، ރާއްޖޭގެ މާލީ ދާއިރާ ކުރިއެރުވުމަށް އެ ބޭންކުން ވެދީފައިވާ ދިގު މުއްދަތުގެ ހިދުމަތުގެ އަގުވަޒަންކޮށް ހާއްސަ އެވޯޑެއް އަރުވާފަ އެވެ.

ހަމައެއާއެކު ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ އަގުވަޒަންކޮށްފައި ވަނީ، 1981 ވަނަ އަހަރު އެމްއެމްއޭ އުފެއްދެވުމުގައި އިސް ދައުރެއް އަދާކުރައްވައި، ރާއްޖޭގައި ޒަމާނީ އަދި ވަރުގަދަ މާލީ ނިޒާމެއްގެ ބިންގާ އެޅުއްވުމަށް ކުރެއްވި މަސައްކަތްޕުޅަށެވެ. އަދި އަލްމަރްހޫމް އިސްމާއީލް ފަތުހީއަށް ވަނީ، ބޭންކް އޮފް މޯލްޑިވްސް އުފެއްދުމުގައި އިސް ދައުރެއް އަދާކުރައްވައި، ރާއްޖޭގައި ވިޔަފާރި ބޭންކިން ހިދުމަތް ފުޅާކުރުމަށް މަގުފަހިކޮށްދެއްވައި، ބޭންކިން ދާއިރާ ތަރައްގީކުރެއްވުމަށް ކުރެއްވި ހިދުމަތުގެ އަގުވަޒަންކޮށް، އެވޯޑް އަރުވާފަ އެވެ.

މީގެ އިތުރުން އިލްޔާސް އިބްރާހީމާއި އިބްރާހީމް ޝަފީގަށް އެވޯޑް އަރުވާފައި ވަނީ، ރާއްޖޭގެ ފުރަތަމަ އިންޝުއަރެންސް ކުންފުނި ކަމަށްވާ އެލައިޑް އިންޝުއަރެންސް އުފެއްދެވުމުގައި އިސްކޮށް އުޅުއްވައި، ރާއްޖޭގެ އިންޝުއަރެންސް ދާއިރާ ކުރިއެރުވުމަށާއި މާލީ ރައްކާތެރިކަމުގެ ހިދުމަތްތައް ފުޅާކުރުމަށް ކުރެއްވި އަގުހުރި މަސައްކަތްޕުޅަށެވެ. އަދި އެމްއެމްއޭގެ ކުރީގެ ގަވަރުނަރު ޑރ. އަޒީމާ އާދަމަށް ވެސް ވަނީ ހާއްސަ އެވޯޑެއް އަރުވައިފަ އެވެ. އެގޮތުން އެ އެވޯޑު އެރުވީ "ރަންދިހަފަހެއް" ނޫޓު ސީރީޒް ތައާރަފުކުރެއްވުމުގެ އަގުވަޒަންކުރުމުގެ ގޮތުންނެވެ.

މި މަޝްރޫއުގެ މައިގަނޑު މޭސްތިރިއެއްގެ ގޮތުން، ރާއްޖޭގެ ފައިސާ ޕޮލިމާ ނޫޓުތަކަށް ބަދަލުކުރައްވައި، ދިގު މުއްދަތަކަށް ހުންނަ، ސަލާމަތީ ގޮތުން ވަރުގަދަ އަދި ބައިނަލްއަގްވާމީ ފެންވަރުގެ ޒަމާނީ ފައިސާގެ ނިޒާމެއް ރާއްޖެއަށް ގެނެސްދެއްވުމުގައި އެކަމަނާ ވަނީ މުހިންމު ދައުރެއް އަދާކުރައްވާފަ އެވެ.

ރާއްޖޭގެ މާލީ ދާއިރާގެ އަގުވަޒަންކުރުމަށް އަލަށް ތައާރަފުކުރި މޯލްޑިވްސް ފައިނޭންޝަލް ސެކްޓަ އެވޯޑްސް ހަފްލާގެ ތެރެއިން -- ފޮޓޯ: އެމްއެމްއޭ

ކުރީގެ ގަވަރުނަރުންނާއި ޑެޕިއުޓީ ގަވަރުނަރުންގެ އަގު ވަޒަންކުރުން:

ހާއްސަ އެވޯޑުތަކުގެ އިތުރުން، އެމްއެމްއޭ އުފެދުނީއްސުރެ ގަވަރުނަރުކަމާއި ޑެޕިއުޓީ ގަވަރުނަރުކަން ކުރެއްވި ބޭފުޅުން، މަރުކަޒީ ބޭންކުގެ ނިޒާމު ހަރުދަނާކުރުމަށް ކުރެއްވި މަސައްކަތްޕުޅުގެ އަގުވަޒަންކޮށް އެވޯޑް ވަނީ އަރުވާފަ އެވެ. އެވޯޑް ލިބިވަޑައިގެންނެވި ކުރީގެ ގަވަރުނަރުންނަކީ:

  • ރައީސް މައުމޫން އަބްދުލް ގައްޔޫމް - ގަވަރުނަރު (1981-2004)
  • މުހައްމަދު ޖަލީލް - ގަވަރުނަރު (2004-2005) އަދި ޑެޕިއުޓީ ގަވަރުނަރު (2000-2004)
  • ގާސިމް އިބްރާހީމް - ގަވަރުނަރު (2005-2007)
  • އަބްދުﷲ ޖިހާދު - ގަވަރުނަރު (2007-2008) އަދި ޑެޕިއުޓީ ގަވަރުނަރު (2005-2007)
  • ޑރ. ފަޒީލް ނަޖީބް - ގަވަރުނަރު (2008-2013)
  • ޑރ. އަޒީމާ އާދަމް - ގަވަރުނަރު (2014-2017)
  • އަހުމަދު ނަސީރު - ގަވަރުނަރު (2017-2019)
  • އަލީ ހާޝިމް - ގަވަރުނަރު (2019-2024)

އެވޯޑް ލިބިވަޑައިގެންނެވި ކުރީގެ ޑެޕިއުޓީ ގަވަރުނަރުންނަކީ:

  • އަލްމަރްހޫމް އިސްމާއީލް ފަތުހީ - ޑެޕިއުޓީ ގަވަރުނަރު (1981-1993)
  • އާރިފް ހިލްމީ - ޑެޕިއުޓީ ގަވަރުނަރު (1993-2000)

އެމްއެމްއޭއިން ބުނީ ވޭތުވެދިޔަ 45 އަހަރު ދުވަހުގެ ތެރޭގައި، މި ބޭފުޅުން ވަނީ އެމްއެމްއޭ އަކީ ރާއްޖޭގެ ފައިސާގެ ހަމަޖެހުން ދަމަހައްޓާ، މާލީ ނިޒާމު ރައްކާތެރިކޮށް، ގައުމީ ފައިސާ ނެރެ، ފައިސާ ދެއްކުމުގެ ނިޒާމުތައް ބަލަހައްޓައި، މާލީ އިދާރާތައް ސުޕަވައިޒްކުރާ ވަރުގަދަ މަރުކަޒީ ބޭންކަކަށް ހެއްދެވުމަށް މުހިންމު މަސައްކަތްތަކެއް ކުރައްވާފައި ކަމަށެވެ. އަދި މި ބޭފުޅުންގެ އިރުޝާދުގެ ދަށުން ރާއްޖޭގެ މާލީ ތާރީހުގައި ފާހަގަކޮށްލެވޭ ބޮޑެތި ކުރިއެރުންތަކެއް ހޯދާފައިވާ ކަމަށް އެ ބޭންކުން ބުންޏެވެ.

އޭގެ ތެރޭގައި ވިޔަފާރި ބޭންކިން ފުޅާވުމާއި، އިންޝުއަރެންސް ދާއިރާ ތަރައްގީވުމާއި، ފައިސާ ދެއްކުމުގެ ނިޒާމު ޒަމާނީވުމާއި، މާލީ ގަވާއިދުތައް ހަރުދަނާވުމުގެ އިތުރުން، އައު ފައިސާގެ ސީރީޒްތައް ނެރުމާއި ފައިސާއާ ބެހޭ ސިޔާސަތުތައް އެކުލަވާލުން ހިމެނެ އެވެ.