ފީފާ ވޯލްޑް ކަޕްގެ ގަދަ 32ގެ ބުރުގައި އެންމެ ފަހުގެ ޗެމްޕިއަން އާޖެންޓީނާއާ ދެކޮޅަށް މުބާރާތުގައި އަލަށް ވާދަކުރާ ކޭޕް ވާޑް ހުކުރު ދުވަހު ނުކުންނައިރު، ކޭޕް ވާޑްއިން އާޖެންޓީނާ ބަލިކުރާނެ ކަމަށް ލަފާކުރައްވާ ކަމަށް އެ ގައުުމުގެ ރައީސް ހޯސޭ މާރިއާ ނެވޭސް ވިދާޅުވެއްޖެ އެވެ.
އެޓްލާންޓިކް ކަނޑުގައި އޮންނަ ޖަޒީރާ ގައުމެއް ކަމަށްވާ ކޭޕް ވާޑްއިން ވަނީ ވޯލްޑް ކަޕްގައި ކުރި ފުރަތަމަ ތަޖުރިބާގައި ގަދަ 32ގެ ބުރުން ޖާގަ ހޯދައިފަ އެވެ. ކޭޕް ވާޑަކީ ވޯލްޑް ކަޕްގެ ނޮކްއައުޓް ބުރުން މިހާތަނަށް ޖާގަ ހޯދި އެންމެ ކުޑަ ގައުމެވެ.
ގުރޫޕް ސްޓޭޖުގައި ކޭޕް ވާޑް ވަނީ މުބާރާތުގެ އެއް ފޭވަރިޓް ކަމަށްވާ ސްޕެއިން އާއި އުރުގުއޭއާ އެއްވަރުކޮށްފަ އެވެ. އަދި ފަހު މެޗުގައި ސައުދީ އަރަބިއްޔާ އަތުން މޮޅުވެފަ އެވެ.
ގަދަ 32ގެ ބުރުގައި އާޖެންޓީނާއާ ދެކޮޅަށް ކޭޕް ވާޑް ނުކުންނައިރު، ފޭވަރިޓަކީ އާޖެންޓީނާ އެވެ. އެކަމަކު ކޭޕް ވާޑްގެ ރައީސް ވިދާޅުވީ އާޖެންޓީނާ އަތުން ކޭޕް ވާޑް "1-0 އިން މޮޅުވާނެ ކަމަށް ލަފާކުރެވޭ" ކަމަށެވެ.
"އަހަރަމެން މި ކުޅެނީ މޮޅުވާން. ޓީމަކާމެދު ގިނަ ބަޔަކު މާ އުންމީދު ނުކުރިޔަސް، އެ ޓީމެއްގައި މޮޅުވުމުގެ ރޫހު އޮތިއްޔާ އެއީ ނުވާ ވަރުގެ ކަމެއް ނޫން،" ނެވޭސް ވިދާޅުވި އެވެ. "ކޭޕް ވާޑް ފަދަ ކުޑަ ގައުމަކުން އަބަދުވެސް މަސައްކަތް ކުރަން ވާނީ މީހުން ހީނުކުރާ ކަންތައްތައް ހާސިލްކުރަން."
ނެވޭސް ވިދާޅުވީ އާޖެންޓީނާއާ ދެކޮޅަށް ކޭޕް ވާޑް ނުކުންނާނީ ގުރޫޕް ސްޓޭޖުގައި ވެސް އެ ޓީމުގެ ދެއްކި "ހިތްވަރާއި މޮޅުވުމުގެ ރޫހާއެކު" ކަމަށެވެ. -- ބީބީސީ
މާލޭ ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި
"ޖަރުމަނަކީ މިހާރު އެންމެ މަތީ ފަންތީގެ ޓީމެއް ނޫން"