އިންޑިއާގެ ޓީވީ ޑްރާމާތަކުން ބޮޑު މަގްބޫލުކަމެއް ހޯދާފައިވާ އެކްޓަރު ހަރުޝަދު ޗޯޕްރާ އޭނާގެ އަމިއްލަ ދިރިއުޅުމުގެ ވާހަކަތަކާއި އަދި މިހާތަނަށް ކާވެންޏެއް ނުކޮށް ހުރި ސަބަބު ފުރަތަމަ ފަހަރަށް ހާމަކޮށްފި އެވެ.

އޭނާ މި ވާހަކަތައް ހިއްސާކުރީ މިހާރު ކުރިއަށްދާ ރިއަލިޓީ ޝޯ "ލޮކް އަޕް" ސީޒަން 2ގައި ބައިވެރިވެ ދެއްކި ވާހަކައެއްގެ ތެރޭގަ އެވެ.

ޓީވީ ސީރީޒްތަކުގައި 20 އަހަރަށްވުރެ ގިނަ ދުވަސް ހޭދަ ކޮށްފައިވާ ހަރުޝަދު އަކީ އަބަދުވެސް އޭނާގެ އަމިއްލަ ދިރިއުޅުމުގެ ވާހަކަތައް މީޑިއާއަށް ސިއްރުކުރާ ފަންނާނެކެވެ.

ނަމަވެސް، ޝޯގެ ދެވަނަ އެޕިސޯޑުގައި އޭނާގެ ބައިވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެމުން ހަރުޝަދަށް ވަނީ ވަރަށް ބޮޑަށް އަސަރުކޮށް ރޮވިފަ އެވެ.

ކާވެނި ނުކުރާ ސަބަބާ ބެހޭގޮތުން ވާހަކަ ދައްކަމުން ހަރުޝަދު ބުނީ، އޭނާގެ ދިރިއުޅުމަށްވެސް ރަނގަޅު ކުއްޖަކު އައި ކަމަށާއި ނަމަވެސް ކަންތައްތައް ދިމާވީ ވަރަށް ދެ ރަގޮތަކަށް ކަމަށެވެ.

"ރަނގަޅު ބައިވެރިއަކީ ތިމާގެ ބާރަށް ވެދާނެ. އެކަމަކު އޭގެ ހުރިހާ ގެއްލުމަކީ އެ ރަނގަޅު މީހާ އަންނަނީ ވަރަށް ބޮޑު ރިސްކަކާއެކު ކަމަށްވުން،" ހަރުޝަދު ބުންޏެވެ.

އޭނާ އިތުރަށް ކިޔައިދިން ގޮތުގައި ލޯބީގެ ގޮތުން މީހުންނާ ގުޅުމުން އަބަދުވެސް އޭނާއަށް ލިބެނީ ލަނޑެވެ. "މީހުން ދައްކާ ވާހަކަޔާ އެމީހުންގެ އަމަލާ ދިމައެއް ނުވޭ. މީހުން ވަރަށް އަމިއްލަ އެދުން ބޮޑު. އަހަރެންނަށް އިހުސާސްވީ 'އިމޯޝަނަލް ބީރުކަމެއް'. އަހަރެން ވާހަކަ ދައްކަމުން ދާއިރުވެސް އަނެއް މީހާއަށް އެ ވާހަކަތަކެއް އަޑެއް ނީވޭ، ވިސްނައެއް ނުގަނެވޭ. އަހަރެން މާ ބޮޑަށް އެމީހުންނަށް ވަގުތުދީ، 'އަވޭލަބަލް' ވަނީ ކަންނޭނގެ. އެއީ މަގޭ ކުށަކަށްވެސް ވެދާނެ،" މާޔޫސްކަމާއެކު ހަރުޝަދު ބުންޏެވެ.

"ލޮކް އަޕް 2" ގެ ޕްރިމިއާ ޝޯގައި ހޮސްޓުން ކަމަށްވާ ފަރާ ހާން އަދި ރިތޭޝް ދޭޝްމުކް ވެސް ވަނީ ހަރުޝަދުގެ އަމިއްލަ ދިރިއުޅުން ސިއްރުކުރާ ސަބަބާ ބެހޭ ގޮތުން ސުވާލު ކޮށްފަ އެވެ. އެ ސުވާލަށް ޖަވާބު ދެމުން ހަރުޝަދު ވަނީ 2010 ވަނަ އަހަރު އޭނާގެ ހަޔާތުގައި ހިނގި ވަރަށް ހިތްދަތި ހާދިސާއެއް ހިއްސާ ކޮށްފަ އެވެ.

"އަހަރެން ކުރިން މިހެންނެއް ނޫޅެން. އިންޑަސްޓްރީއަށް އައިއިރު އަހަރެން އުޅުނީ ވަރަށް ސޯޝަލްކޮށް. އެކަމަކު 2010 ވަނަ އަހަރު އަހަރެންގެ އެންމެ ގާތް އެކުވެރިޔާއާއި އަހަރެންގެ ލޯބިވެރިޔާ އެއްފަހަރާ ގެއްލުނު. އަހަރެންގެ ލޯބިވެރިޔާ އަހަންނަށް ބޭވަފާތެރިވީ އަހަރެންގެ އެންމެ ގާތް އެކުވެރިޔާއާއެކު. އެ ދުވަހުން ފެށިގެން އަހަރެން މީހުންނަށް އިތުބާރު ކުރަން ޖެހިލުންވީ،" ހަރުޝަދު ކިޔައިދިނެވެ.

އެކްތާ ކަޕޫރުގެ މި ރިއަލިޓީ ޝޯގެ ދެވަނަ ސީޒަނުގައި ހަރުޝަދުގެ އިތުރުން ރާމް ކަޕޫރާއި، ޝިވާންގީ ޖޯޝީ އަދި ދީރަޖް ދޫޕަރް ފަދަ ޓީވީގެ މަޝްހޫރު ގިނަ ތަރިންތަކެއް ދަނީ ބައިވެރިވެ އެވެ.