މެޗުގެ އިތުރު ވަގުތުގެ ތެރޭގައި ގެބްރިއެލް މާޓިނެލީ ޖެހި ލަނޑާއެކު، ފީފާ ވޯލްޑް ކަޕްގެ ގަދަ 32ގެ ބުރުގައި މިރޭ ޖަޕާން އަތުން ފަހަތުން އަރައި 2-1 އިން މޮޅުވެ، ބްރެޒިލް ގަދަ 16ގެ ޖާގައެއް ހޯދައިފި އެވެ.
އެމެރިކާގެ ޓެކްސަސްގައި ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ބްރެޒިލް ސިއްސުވާލުމަށް ފަހު ޖަޕާނުން ލީޑު ނެގީ ކައިސޫ ސާނޯ ޖެހި ލަނޑުންނެވެ.
ބްރެޒިލްގެ ޑެނީލޯ އަތުން ގެއްލުނު ބޯޅައެއް ހޯދައި، ޕެނަލްޓީ އޭރިޔާ ބޭރުން ސާނޯ ތިރިތިރިން ފޮނުވާލި ބާރު ޝޮޓް އަމާޒުވީ ގޯލުގެ ތިރީ ކަނަށެވެ. ފުރަތަމަ ހާފުގައި ގިނައިރު ބޯޅަ ގެންގުޅުނު ނަމަވެސް، ބްރެޒިލްއަށް ރައްދެއް ނުދެވުނެވެ.
މެޗުގެ ނަތީޖާ ހަމަހަމަ ކުުރުމަށް ބްރެޒިލްއިން ކުރަމުންދިޔަ މަސައްކަތް ކާމިޔާބުވީ މެޗުގެ 56 ވަނަ މިނިޓުގައި ކަސިމޭރޯ ކާމިޔާބުކުރި ލަނޑުންނެވެ. ބްރެޒިލްގެ ޑިފެންޑަރު ގެބްރިއެލް ޖަޕާނުގެ ޕެނަލްޓީ އޭރިޔާ ތެރެއަށް ހުރަސްކޮށްލި ބޯޅަ ކަސިމޭރޯ ގޯލަށް އަމާޒުކޮށްލީ ބޮލުންނެވެ.
ދެ ޓީމު އެއްވަރުވެގެން މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ދަނިކޮށް، މާޓިނެލީ ބްރެޒިލް ކޮޅަށް ނަތީޖާ އަނބުރަލީ 96 ވަނަ މިނިޓުގަ އެވެ. ޖަޕާންގެ ޕެނަލްޓީ އޭރިޔާ ރޮނގުމަތިން ކަހަލަ ގޮތަކަށް ބްރޫނޯ ގުއިމަރޭސްއަށް ލިބުނު ބޯޅައެއް ކޮންޓުރޯލް ކޮށްލުމަށްފަހު، ޕެނަލްޓީ އޭރިޔާ ތެރޭގައި ހުރި މާޓިނެލީއަށް ދިނުމުން، މާޓިނެލީ ވަނީ އެ ބޯޅަ ގޯލަށް އަމާޒުކޮށްލައިފަ އެވެ. މިއީ ޖަޕާނަށް ހިތްދަތި ނަތީޖާޢެކެވެ.
މުޅި މެޗުގައި ވެސް ބްރެޒިލް ހިފެހެއްޓުމުގައި، ޖަޕާން އިން ވަނީ ޑިފެންސްގައި ރަނގަޅު ކުޅުމެއް ދައްކައިފަ އެވެ. ގަދަ 16ގެ ބުރުގައި ބްރެޒިލްއާ ދެކޮޅަށް ނުކުންނާނީ ނޯވޭ ނުވަތަ އައިވަރީ ކޯސްޓެވެ.
މައުލޫމާތު ހާމަނުކޮށްގެން އެންމެ ގިނަ ޝަކުވާ އެޗްޑީސީއަށް