މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން އިންތިޒާމުކޮށްގެން އަންނަ ޖުލައި މަހުގެ 2 އިން 4 އަށް ހުޅުމާލެ ސެންޓްރަލް ޕާކުގައި ބާއްވާ މޯލްޑިވްސް ފައިނޭންޝަލް އެކްސްޕޯގައި ރާއްޖޭގެ މާލީ ދާއިރާއަށް އަންނަމުންދާ އާ ބަދަލުތަކާއި ޒަމާނީ ޑިޖިޓަލް އުފެއްދުންތައް އާންމުންނަށް ތަޖުރިބާކޮށްލުމުގެ ފުޅާ ފުރުސަތުތަކެއް ހުޅުވާލާނެ އެވެ.
ތިން ދުވަހުގެ މުއްދަތަށް ކުރިއަށްދާ މި މުހިންމު ހަރަކާތަކީ މާލީ ދާއިރާގެ ގިނަ ފަރާތްތަކެއް އެއްތަނަކުން ބައްދަލުވާނެ މައިދާނެކެވެ. ކޮންމެ ދުވަހެއްގެ ހަވީރު 3:00 އިން ރޭގަނޑު 10:00 އަށް ކުރިއަށްދާ މި އެކްސްޕޯގައި ވިޔަފާރި ބޭންކުތަކާއި، އިންޝުއަރެންސް ކުންފުނިތަކާއި، މާލީ ހިދުމަތްދޭ ފަރާތްތަކުގެ އިތުރުން ރެގިއުލޭޓަރީ އިދާރާތަކާއި، މަތީ ތައުލީމު ފޯރުކޮށްދޭ ފަރާތްތަކާއި ސަރުކާރުގެ މުއައްސަސާތަކުން ބައިވެރިވުމަށް ވަނީ ހަމަޖެހިފަ އެވެ. މިއީ މާލީ މުއައްސަސާތަކުން އެ ފަރާތްތަކުގެ އެންމެ ފަހުގެ ޚިދުމަތްތަކާއި އުފެއްދުންތައް ބާޒާރަށް ނެރުމަށް ބޭނުންކުރާނެ މައިގަނޑު ޕްލެޓްފޯމެވެ.
މި އެކްސްޕޯގެ ސަބަބުން، ޒަމާނީ ޚިދުމަތްތައް ފަރުމާކުރި ފަންނީ މާހިރުންގެ ފަރާތުން ސީދާ މަޢުލޫމާތު އޮޅުންފިލުވުމުގެ ފުރުސަތު އާންމުންނަށް ލިބިގެންދާނެ އެވެ. އަދި އަމިއްލަ މާލީ ކަންކަމާއި ވިޔަފާރީގެ ބޭނުންތައް ފުއްދުމަށް މި އައު ހައްލުތައް ބޭނުންކުރެވޭނެ ގޮތްތައް އަމަލީ ގޮތުން ދައްކާލުމަށާއި، ވަކިވަކި ފަރާތްތަކާއެކު ކުރެވޭ މަޝްވަރާތަކުގެ އެހީގައި އާންމުންނަށް އިތުރު ފަސޭހަތަކެއް ހޯދައިދިނުމަށް ވަނީ ރޭވިފައެވެ. ދުނިޔޭގެ މާލީ ނިޒާމަށް ބޮޑެތި ޑިޖިޓަލް ބަދަލުތަކެއް އަންނަމުންދާ މި ދަނޑިވަޅުގައި، ރާއްޖޭގެ މާލީ މުއައްސަސާތަކުންވެސް ދަނީ ޑިޖިޓަލް ވަސީލަތްތަކަށް ބޮޑެތި އިންވެސްޓްމަންޓްތަކެއް ކުރަމުންކަން މި ހަރަކާތުން ފެނިގެންދާނެ އެވެ.
މި ޑިޖިޓަލް ބަދަލުތަކުގެ ސަބަބުން ކަސްޓަމަރުންނަށް ފަސޭހަކަމާއެކު ޚިދުމަތްތައް ލިބިގަނެވި، ބޭންކުތަކަށް ސީދާ ހާޒިރުވާންޖެހޭ މިންވަރު ވަނީ ވަރަށް ބޮޑަށް މަދުކުރެވިފަ އެވެ. މިއީ ހާއްސަކޮށް މާލެއާ ދުރުގައި، ވަސީލަތްތައް މަދު ރަށްރަށުގައި ދިރިއުޅޭ ރައްޔިތުންނަށް ލިބިގެންދާނެ ނުހަނު ބޮޑު ލުޔެއްކަން މާލީ ތަޖުރިބާކާރުން ފާހަގަކުރެއެވެ. މި އަހަރުގެ އެކްސްޕޯގެ ޝިއާރު ކަމަށްވާ "ދެމެހެއްޓެނިވި މުސްތަގުބަލަކަށް ބާރުވެރިކުރުވުން: އެންމެންގެ ބައިވެރިވުން، އީޖާދުވެރިކަން އަދި ފަންނީ ހުނަރު" ގެ ދަށުން އެންމެ ބޮޑު އިސްކަމެއް ދީފައިވަނީވެސް މިފަދަ އީޖާދީކަންކަމަށެވެ.
މީގެ އިތުރުން، އެމްއެމްއޭ އިން އަލަށް ތައާރަފުކުރި "މޯލްޑިވްސް ފައިނޭންޝަލް ސެކްޓަރ އެވޯޑްސް" ގައި ޑިޖިޓަލް ފައިނޭންސް އަދި އިނޮވޭޝަނަށް ޚާއްޞަ އެވޯޑެއް ހިމަނާފައިވުމަކީ، މާލީ ދާއިރާ ތަރައްގީކުރުމުގައި ޓެކްނޮލޮޖީއަށް ދެވޭ އަހަންމިއްޔަތު ވަރަށް ރަނގަޅަށް ހާމަކޮށްދޭ ކަމެކެވެ. ޖުމްލަ ގޮތެއްގައި މި އެކްސްޕޯއަކީ ޑިޖިޓަލް ވޮލެޓް، ވިޔަފާރި ފައިނޭންސިން، އިންވެސްޓްމަންޓް ނުވަތަ އިންޝުއަރެންސްގެ ހިދުމަތްތަކަށް ޝައުގުވެރިވާ ފަރާތްތަކަށް، އެއްވެސް ހުރަހެއް ނެތި މައުލޫމާތު ހޯދުމަށް ފަހިވެފައިވާ ރަނުގެ ފުރުސަތެކެވެ. މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ އަމާޒަކީ، މި ހަރަކާތުގެ ސަބަބުން ޒަމާނީ މާލީ ހައްލުތަކަށް އާންމުން ހޭލުންތެރިވެ، ހުރިހާ ފަންތިއެއްގެ އަދި އުމުރުފުރައެއްގެ ރައްޔިތުން މިފަދަ ޒަމާނީ ޚިދުމަތްތައް ބޭނުންކުރާ މިންވަރު އިތުރުކުރުމެވެ.
ހަމަނިދި ނުލިބުން: ހީކުރާ ވަރަށްވުރެ ނުރައްކާ ކަމެއް!
ވައިނަރީ މައްސަލާގައި އެންޖެލީނާއާ ދެކޮޅަށް ބްރެޑްއަށް މޮޅެއް!
ޖޯންގެ ހިތުގައި އީރާނަށް ހާއްސަ ގަދަރެއް ދެވިފައިވަނީ ކީއްވެ؟
