މަކަރާއި ހީލަތުން އެތައް ބައެއްގެ އަތުން ފައިސާ އަތުލި ކަމުގެ ތުހުމަތު ކުރެވޭ ސުކޭޝް ޗަންދުރަޝޭކަރާ ގުޅުންހުރި 200 ކްރޯޑު ރުޕީސްގެ މަނީ ލޯންޑްރިންގް މައްސަލައިގައ، ބޮލީވުޑްގެ މަގުބޫލު ބަތަލާ ޖެކޮލީން ފެނާންޑޭޒް އިންޑިއާގެ ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ ކުއްލި ޕެޓިޝަން އަނބުރާ ގެންގޮސްފި އެވެ.
މި މައްސަލައަކީ އިންޑިއާގެ އެންފޯސްމަންޓް ޑިރެކްޓްރޭޓްއިން ތަހުގީގު ކުރަމުންދާ ބޮޑު މައްސަލައަކަށް ވާއިރު ޖެކްލީން ކޯޓަށް ހުށަހެޅި މައްސަލަ އަނބުރާ މިގެންދިޔައީ ކޯޓުން އެދެވޭ ނިންމުމެއް ނުލިބޭނެކަން އެނގުމުން ކަމަށް މީޑިއާ ރިޕޯޓުތައް ބުނެ އެވެ.
ޖެކްލީން ކޯޓަށް ދިޔައީ ކީއްވެ؟
ޖެކޮލީން ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅީ އޭނާއާ ދެކޮޅަށް އީޑީއިން ކުރިއަށްގެންދާ ޖިނާއީ ދައުވާތަކާއި ތަހުގީގުތައް ބާތިލު ކޮށްދިނުމަށް އެދި އެވެ. ޖެކޮލީންގެ ގާނޫނީ ޓީމުން ބުނީ ސުކޭޝް ކުރި ކުށްތަކުގައި ޖެކޮލީންގެ އެއްވެސް ބައިވެރިވުމެއް ނެތް ކަމަށާއި، އޭނާއަކީ ސުކޭޝްގެ މަކަރުވެރި ދަލުގައި ޖެހުނު "ވިކްޓިމް"އެއް ކަމަށެވެ.
ނަމަވެސް، ސުޕްރީމް ކޯޓުގެ ބެންޗުން ވަނީ މި މައްސަލައިގައި ދަށު ކޯޓުން ނިންމުންތަކެއް ނިންމުމުގެ ކުރިން ސުޕްރީމް ކޯޓުން ސީދާ ގޮތެއް ނިންމަން އުނދަގޫވާ ނެކަމުގެ އިޝާރާތެއް ދީފަ އެވެ. އެއާއެކު ދަށު ކޯޓުގައި ދިފާއު ވުމުގެ ފުރުސަތު އޮތްއިރު ސީދާ ސުޕްރީމް ކޯޓަށް އައުމުން ފަނޑިޔާރުން ވަނީ ސުވާލު އުފައްދާފަ އެވެ. މިއާއެކު ޖެކޮލީންގެ ވަކީލުން ވަނީ ޕެޓިޝަން އަނބުރާ ގެންދަން ނިންމާފަ އެވެ.
އީޑީއިން ކޯޓުގައި ބުނެފައިވާ ގޮތުގައި، ސުކޭޝް ޗަންދުރަޝޭކަރަކީ މަކަރާއި ހީލަތުން ފައިސާ ހޯދާ މީހެއްކަން ޖެކޮލީންއަށް އެނގެ އެވެ. އެ ފައިސާއިން ސުކޭޝް ވަނީ ޖެކޮލީން އަށާއި އޭނާގެ އާއިލާއަށް އަގުބޮޑު އެތައް ހަދިޔާތަކެއް ދީފަ އެވެ. މީގެ ތެރޭގައި އަގުބޮޑު ބްރޭންޑް ތަކުގެ ދަބަހާއި، ހެދުމާއި، ގަހަނާ ހިމެނެ އެވެ.
އީޑީއިން ބުނާ ގޮތުގައި އެއީ ކުށެއް ކޮށްގެން ހޯދާފައިވާ ފައިސާކަން އެނގިހުރެ، އެއިން މަންފާ ލިބިގަތުމަކީ މަނީ ލޯންޑްރިންގްގެ ދަށުން ބޮޑު ކުށެކެވެ.
ސުޕްރީމް ކޯޓުން ޕެޓިޝަން އަނބުރާ ގެންދިއުމުން، ޖެކޮލީންއަށް ދެން ޖެހޭނީ ދަށު ކޯޓުގައި މި މައްސަލައިގެ ޝަރީއަތާ ކުރިމަތިލާށެވެ. މިއީ އޭނާގެ ފިލްމީ ކެރިއަރަށްވެސް މީގެ ސަބަބުން ބޮޑެތި ހުރަސްތަކެއް ކުރިމަތިވާނެ މައްސަލައެކެވެ. އިންޑިއާއިން ބޭރަށް ދަތުރު ކުރުމުގައިވެސް އޭނާއަށް ކޯޓުގެ ހާއްސަ ހުއްދަތަކެއް ހޯދަން ޖެހޭނެ އެވެ.
މި މައްސަލައިގެ ތަހުގީގުތައް ވަރުގަދަވަމުން ދާއިރު، ސުކޭޝް ޖަލުގައި ހުރެގެންވެސް ދަނީ ޖެކޮލީންއަށް ސިޓީތައް ފޮނުވަމުންނެވެ. ނަމަވެސް ޖެކޮލީން ދަނީ ސުކޭޝްގެ ކިބައިން ސަލާމަތްވުމަށް ގާނޫނީ ގޮތުން ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރަމުންނެވެ.
އެމްއެސްއެމްއީ ދުވަސް ފާހަގަކުރަން ހާއްސަ ހަރަކާތްތަކެއް
ހަންޏާމީދޫގައި ބަގީއަކާއެކު މޫދަށް ވެއްޓި ކުއްޖަކު ނިޔާވެއްޖެ