ކަނޑުމަގުން ރާއްޖެއަށް ސިއްރުން އެތެރެކުރަން އުޅުނު 6،328 ވޭޕް ކާޓްރިޖް މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން އަތުލައިގެންފި އެވެ.
ކަސްޓަމްސްއިން މައުލޫމާތު ދީފައިވާ ގޮތުގައި މި ތަކެތި އަތުލައިގަނެފައިވަނީ، ކަނޑުމަގުން ގެނައި މުދާ ޝިޕްމަންޓެއްގައި ގާނޫނާ ހިލާފު ތަކެތި ހުރިކަމަށް ޝައްކުކުރެވިގެން އިއްޔެ މާލޭ ކޮމާޝަލް ހާބަރުގައި ހިންގި ހާއްސަ އޮޕަރޭޝަނެއްގަ އެވެ. ޖެނެރަލް ކާގޯ ނުވަތަ އާންމު މުދަލުގެ ގޮތުގައި ޑިކްލެއާކޮށްފައިވާ މި ޝިޕްމަންޓް ބަލައި ފާސްކުރިއިރު، އޭގެ ތެރޭގައި ފޮރުވާފައި ހުރި 6،328 ވޭޕް ކާޓްރިޖް ފެނިފައިވާ ކަމަށް އެ އިދާރާއިން ބުނެއެވެ.
ކަސްޓަމްސްގެ ބެލުމުގެ ދަށަށް މިހާރު ގެންގޮސްފައިވާ މި ތަކެތީގެ މައްސަލަ އެ އިދާރާއިން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.
މިއީ މިފަހަކަށް އައިސް ރާއްޖެއަށް ގަވާއިދާ ހިލާފަށް ވޭޕް އެތެރެކުރަން އުޅެނިކޮށް ދެ ފަހަރެއްގެ މަތިން ވަނީ އަތުލައިގެންފަ އެވެ. އެގޮތުން މި މަހުގެ 19 ވަނަ ދުވަހުވެސް ޖެނެރަލް ކާގޯ ގެ ގޮތުގައި ޑިކްލެއާކޮށްފައިވާ ޝިޕްމަންޓެއްގެ ތެރެއިން 15,601 ވޭޕް ކާޓްރިޖް ވަނީ އަތުލައިގެންފަ އެވެ. މިއީ ވޭޕާއި އިލެކްޓްރޯނިކް ސިނގިރޭޓް ރާއްޖެއަށް އެތެރެކުރުން މަނާކުރުމަށް ސަރުކާރުން ނިންމި ފަހުން އަތުލައިގަނެވުނު އެންމެ ބޮޑު ޝިޕްމަންޓެވެ.
މީގެ އިތުރުން، ޖޫން މަހުގެ 14 އަދި 15 ވަނަ ދުވަހު ހިންގި އޮޕަރޭޝަންތަކެއްގައި، ޕޮޓޭޓޯ ޗިޕްސް ދަޅުތަކާއި ޗޮކްލެޓް ޕައުޑަރު ޕެކެޓުތަކުގެ ތެރޭގައި ފޮރުވާފައި ހުރި 1,108 ވޭޕް ކާޓްރިޖާއި 27 ވޭޕް ޑިވައިސް ވެސް ވަނީ އަތުލައިގަނެފަ އެވެ. އަދި މި މަހުގެ 17 ވަނަ ދުވަހު 5,600 ވޭޕް ކާޓްރިޖް އަތުލައިގެންފައިވާއިރު، ޖޫން 16 އިން 19 އަށް ހިންގި އޮޕަރޭޝަންތަކުގައި ޖުމްލަ 22,309 ވޭޕް ކާޓްރިޖް ވަނީ ކަސްޓަމްސްގެ ބެލުމުގެ ދަށަށް ގެނެސްފަ އެވެ.
2024 ވަނަ އަހަރުގެ ޑިސެމްބަރު 15 އިން ފެށިގެން ރާއްޖޭގައި ވޭޕް ބޭނުންކުރުމާއި، ގެންގުޅުމާއި، ވިއްކުން މަނާކުރުމަށް ސަރުކާރުން ވަނީ ނިންމަވާފަ އެވެ. ގާނޫނަށް ގެނެވުނު ބަދަލާއެކު، ވޭޕް ބޭނުންކުރާ މީހަކު 5،000 ރުފިޔާއިން ޖޫރިމަނާ ކުރެވޭނެއެވެ. އަދި ވޭޕް ވިއްކާ ފަރާތްތައް 20،000 ރުފިޔާއިން ޖޫރިމަނާ ކުރުމުގެ އިތުރުން، ވިއްކި ކޮންމެ ވޭޕަކަށް 10،000 ރުފިޔާގެ ޖޫރިމަނާއެއް އަންނާނެއެވެ.
މިހާތަނަށް ގިނަ އަދަދެއްގެ ވޭޕް އަތުލައިގަނެފައިވީ ނަމަވެސް، މި މައްސަލަތަކާ ގުޅިގެން މީހަކު ހައްޔަރުކުރިކޮށްފައި ނުވެއެވެ.
"ކުޅުދުއްފުށީ އެލްޖީއޭ ބްރާންޗުން ހިދުމަތް ހުއްޓާލީ ހުއްދަ ނެތި"
ވޭޕްގެ ޝިޕްމަންޓްތައް އަތުލައިގަތުން: މީހަކު ހައްޔަރެއް ނުކުރޭ!
މަހަކު 63 ޓަނުގެ ސީވީޑް އެކްސްޕޯޓް ކުރޭ: މިނިސްޓްރީ