މަހަކު 63 ޓަނުގެ ސީވީޑް ރާއްޖެއިން އެކްސްޕޯޓް ކުރާ ކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެފި އެވެ.
އެ މިނިސްޓްރީން ބުނި ގޮތުގައި ރާއްޖޭގައި ސީވީޑް އާލާކުރުމުގެ މަސައްކަތް ކާމިޔާބުކަމާއެކު މިހާރު ދަނީ ކުރަމުންނެވެ. އެގޮތުން މި ސިނާއަތް މުޅި ރާއްޖެއަށް ފުޅާކުރުމުގެ ދަށުން ސަރުކާރުން ވަނީ މެރިކަލްޗާ ތަރައްގީ ކުރާނެ ހާއްސަ 5 ސަރަހައްދެއް ކަނޑައަޅާފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ ބޮޑު ތިލަދުންމައްޗާއި، ރ. އަތޮޅާއި، މ. އަތޮޅުގެ އިތުރުން ތ. އަތޮޅެވެ. މީގެ އިތުރުން ކާފު އަތޮޅު މަނިޔަފުއްޓާ ގާތްގަނޑަކަށް 2 ކިލޯމީޓަރު ދުރުގައި އޮތް ފަޅެއް ވެސް މި މަސައްކަތަށް ވަނީ ހާއްސަކޮށްފަ އެވެ.
ޕީއެސްއެމް ނިއުސްގެ "ރާއްޖެ މިއަދު" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ފިޝަރީޒް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު މުއްތޮލިބް ވިދާޅުވީ މިހާރު ކުރިއަށްދާ އިންވެސްޓްމަންޓްތަކުގެ ނަތީޖާ ވަރަށް ފޮނި ކަމަށެވެ. އެގޮތުން ބ. ފެހެންދޫގައި އަމިއްލަ ކުންފުންޏަކުން އެންމެ 100 އެއްހާ ކިލޯގެ ސީވީޑުން ފެށި މަސައްކަތް މިހާރު ވަނީ ވަރަށް ބޮޑަށް ފުޅާވެފައި ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އެ ރަށުން މިހާރު މަހެއްގެ މައްޗަށް ގާތްގަނޑަކަށް 63 ޓަނުގެ ހިއްކި ސީވީޑް ބޭރު ކުރާ ކަމަށް އޭނާ ވިދާޅުވި އެވެ. މިއީ މަހެއްގެ މައްޗަށް 5 ކޮންޓެއިނަރުގެ އުފެއްދުމެވެ.
ފެހެންދޫގެ އިތުރުން ގއ. އަތޮޅުގައި ވެސް ދިވެހި އިންވެސްޓަރުންތަކެއް މި މަސައްކަތް ފަށާފައި ވާއިރު، ސީވީޑް ކަލްޗާ ކުރުމަށް ޝައުގުވެރިވެ އިތުރު ޕްރޮޕޯސަލްތައް ވެސް ސަރުކާރަށް ލިބެމުންދާ ކަމަށް މުއްތޮލިބް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ސަރުކާރުގެ އުންމީދަކީ މި މަސައްކަތް އެކަށީގެންވާ ގޮތެއްގައި ފުޅާވެ، ކައިރި މުސްތަގްބަލެއްގައި ރާއްޖޭގެ ކަޅުބިލަމަހުގެ މަސްވެރިކަމާ އެއްވަރުގެ ނުވަތަ އެއަށްވުރެ ބޮޑު އާމްދަނީއެއް ގައުމަށް ހޯދައިދިނުމެވެ.
މި ވިޔަފާރިއަށް ވަންނަން ބޭނުންވާ ފަރާތްތަކަށް ހުރި މާލީ ހުރަސްތައް ނައްތާލުމަށްޓަކައި 'މެރިކަލްޗާ ސްކީމް' ގެ ނަމުގައި ހާއްސަ ލޯނު އެހީގެ ޕްރޮގްރާމެއް ވެސް މިހާރު ވަނީ ތައާރަފްކޮށްފަ އެވެ. މި ސްކީމްގެ ދަށުން މޫދުކޮށި ގަތުމަށް މާލީ އެހީތެރިކަން ފޯރުކޮށްދޭނެ އެވެ.
އެމެރިކާއާއި އީރާނުގެ މަޝްވަރާތައް ސްވިޒަލޭންޑުގައި ފަށައިފި
އެމްޕީއެލްގެ ޑެޕިއުޓީ ސީއީއޯކަމުން ޒިޔަތު އިސްތިއުފާ ދެއްވައިފި