އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ކިއާ ސްޓާމާ އަންނަ ހޯމަ ދުވަހު އިސްތިއުފާ ދެއްވައި، މަގާމުން ވަކިވެވަޑައިގަންނަވާނެ ތާވަލެއް އިއުލާނު ކުރައްވާނެ ކަމަށް ބެލެވޭކަމަށް ރިޕޯޓުތައް ބުނެފި އެވެ.

ނަމަވެސް، އިނގިރޭސި ސަރުކާރުގެ އޮފިޝަލަކު ބުނެފައިވަނީ ސްޓާމާ އަދިވެސް ހުންނެވީ ސަރުކާރު ހިންގެވުމުގެ މަސައްކަތްތަކަށް ފުރިހަމައަށް ސަމާލުކަން ދެއްވައިގެން ކަމަށެވެ.

ސްޓާމާގެ މަގާމަށް ކުރިމަތިވަމުންދިޔަ ގޮންޖެހުންތައް ފާއިތުވި މަސްތަކުގައި އިތުރުވަމުން ގޮސް، މިދިޔަ ހުކުރު ދުވަހު އޭނާގެ ވާދަވެރިޔާ އެންޑީ ބާންހަމް ޕާލަމެންޓުގެ ގޮނޑިއެއް ކާމިޔާބު ކުރެއްވުމާ ގުޅިގެން މި ނުރައްކާ ވަނީ ވަރަށް ބޮޑުވެފަ އެވެ. މިއީ ލީޑާޝިޕަށް ރަސްމީކޮށް ގޮންޖެހުމަށް ބާންހަމްއަށް ލިބުނު ފުރުސަތެކެވެ.

ބްރިޓަންގެ "އޮބްޒާވަރު" ނޫހުން ރިޕޯޓުކޯށްފައިވާ ގޮތުން، ސްޓާމާ އޭނާގެ ރަސްމީ ރެސިޑެންސް ކަމަށްވާ "ޗެކާސް" ގައި މިކަމާ ގުޅޭގޮތުން އެންމެ ފަހުގެ ނިންމެވުން ނިންމެވުމުގެ ކުރިން އޭނާގެ އަނބިކަނބަލުންނާ މަޝްވަރާ ކުރައްވަމުންދާ ކަމަށާއި، ނަމަވެސް ލޭބާ ޕާޓީގެ އިސް ބޭފުޅުން ގަބޫލުކުރައްވާ ގޮތުގައި ހޯމަ ދުވަހު އޭނާގެ މުސްތަގުބަލާ މެދު ސާފު ބަޔާނެއް ދެއްވާނެ އެވެ.

އެހެންނަމަވެސް، ސަރުކާރުގެ އޮފިޝަލަކު މި ވާހަކަތައް ދޮގުކޮށް، ސްޓާމާ އަދިވެސް ހުންނެވީ އޭނާގެ މަސްއޫލިއްޔަތު އަދާކުރެއްވުމުގައި ކަމަށާއި، މީގެ ކުރިންވެސް އެމަނިކުފާނު އެފަދައިން ވިދާޅުވެފައިވާކަން ފާހަގަކުރެއްވި އެވެ. މިދިޔަ ހުކުރު ދުވަހު ބޮޑުވަޒީރު ވިދާޅުވެފައިވަނީ އޭނާގެ ލީޑާޝިޕާ ދެކޮޅަށް އަންނަ ކޮންމެ ގޮންޖެހުމަކާ ކުރިމަތިލައްވާނެ ކަމަށާއި، ޕާޓީގެ އެތެރޭގެ ކޯޅުންތަކުގެ ސަބަބުން ލޭބާ ޕާޓީ ބައިބައިވެގެން ނުދިއުމަށް އިލްތިމާސް ކުރައްވާ ކަމަށެވެ.

ސްޓާމާގެ މަގުބޫލުކަން އިންތިހާއަށް ދަށަށް ގޮސްފައިވުން

ސްޓާމާގެ ލީޑާޝިޕްގައި 2024 ވަނަ އަހަރު ލޭބާ ޕާޓީން ބޮޑު ކާމިޔާބީއެއް ހޯދި ނަމަވެސް، ފުލުފުލުން ކުރިމަތިވި އެކި މައްސަލަތަކާއި، ސިޔާސަތުތައް ބަދަލުކުރުމުގެ ސަބަބުން އޭނާގެ މަގުބޫލުކަން ވަނީ ވަރަށް ބޮޑަށް ދަށަށް ގޮސްފަ އެވެ. ގިނަ ވޯޓުލާ މީހުން ދެކޭގޮތުގައި، އޭނާ ވީ ވައުދުތަކާ އެއްގޮތަށް ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅުކޮށްދެވޭނެ ކަމުގެ އުއްމީދެއް މިހާރަކު ނެތެވެ.

އޭނާ އިސްތިއުފާ ދެއްވައިފިނަމަ ނުވަތަ މަގާމުން ވަކިކޮށްފިނަމަ، މިއީ ފާއިތުވި ދިހަވަރަކަށް އަހަރު ތެރޭގައި އެ ގައުމަށް އައްޔަންކުރެވޭ ހަތްވަނަ ބޮޑުވަޒީރަށް ވާނެއެވެ. މިއީ ފާއިތުވި ދެ ގަރުނެއްހާ ދުވަހުގެ ތެރޭގައި އެންމެ އަވަސްއަވަހަށް ވެރިން ބަދަލުވާ ފަހަރެވެ. މިއިން ދޭހަވަނީ ސަރުކާރުގެ ހިދުމަތްތައް ރަނގަޅުކުރުމަށާއި ގަވާއިދާ ހިލާފަށް ހިޖުރަކުރާ މީހުންގެ މައްސަލަ ފަދަ ކަންކަން ހައްލުކުރުމުގައި ފުލުފުލުން އައި ސަރުކާރުތައް ނުކުޅެދިފައިވާތީ ރައްޔިތުންގެ މެދުގައި އޮތް ނުރުހުމެވެ.

ރޮއިޓާސްގެ ހިސާބުތަކުން ދައްކާގޮތުގައި، ލޭބާ ޕާޓީގެ 100 އަށްވުރެ ގިނަ މެންބަރުން (ހައުސް އޮފް ކޮމަންސްގެ ލޭބާ މެންބަރުންގެ ގާތްގަނޑަކަށް ހަތަރުބައިކުޅަ އެއްބައި) ވަނީ އޭނާ އިސްތިއުފާ ދެއްވުމަށް ނުވަތަ ވަކިވާނެ ތާރީހެއް ކަނޑައެޅުއްވުމަށް ފާޅުގައި ގޮވާލާފަ އެވެ. އޮބްޒާވާގެ ރިޕޯޓުގައިވާ ގޮތުން، ކެބިނެޓް މިނިސްޓަރުންނާއި، އެޑްވައިޒަރުންނާއި، ޕާޓީއަށް އެހީތެރިވާ ފަރާތްތަކާއި ޓްރޭޑް ޔޫނިއަންތަކުގެ ވެރިންނާ ވާހަކަދެއްކެވުމަށްފަހު، މިހާރުގެ މަގާމުގައި ދެމިހުރެވެން ނެތް ކަމަށް ސްޓާމާއަށް ގަބޫލުކުރެވިފައިވާ ކަމަށް ބެލެވެއެވެ.

އުމުރުން 56 އަހަރުގެ ތަޖުރިބާކާރު ސިޔާސީ ބޭފުޅެއް ކަމަށްވާ އެންޑީ ބާންހަމްއަކީ ސްޓާމާއަށްފަހު އެ މަގާމަށް އަންނާނެ އެންމެ ބޮޑު ފުރުސަތެއް އޮތް ބޭފުޅާ ކަމަށް ލޭބާ ޕާޓީގެ ގިނަ ބަޔަކު ދެކެއެވެ.

އިނގިރޭސިވިލާތުގެ އުތުރުގެ ގްރޭޓާ މެންޗެސްޓާގެ މޭޔަރުގެ ގޮތުގައި ހުންނަވައި ޕާޓީގެ ތެރޭގައި ވަރުގަދަ ބާރެއް ބިނާކުރެއްވި ބާންހަމް ވަނީ، މިދިޔަ ހުކުރު ދުވަހު ބޭއްވި ބައި-އިލެކްޝަންގައި ނައިޖެލް ފަރާޖްގެ ކަނާތު ފިޔައިގެ ޕާޓީގެ ކެންޑިޑޭޓް ބަލިކޮށް ފަސޭހަކަމާއެކު ގޮނޑި ކާމިޔާބު ކުރައްވާފަ އެވެ.

ބާންހަމް އަދި ރަސްމީކޮށް ސްޓާމާއަށް ގޮންޖައްސަވާފައި ނުވި ނަމަވެސް، އިންތިހާބު ކާމިޔާބު ކުރެއްވުމަށްފަހު ދެއްވި ބަޔާނުގައި ވަނީ ގައުމަށް އާ މިސްރާބެއް ބޭނުންވާ ކަމަށް ވިދާޅުވެފަ އެވެ. އޭނާގެ ވަފާތެރިން ގެންދަނީ އަމިއްލައަށް މަގާމުން ދުރަށްޖެހިވަޑައިގެން ބާރުތައް ހަވާލުކުރެއްވުމަށް ސްޓާމާ އަށް ބާރުއަޅަމުންނެވެ.

މީގެ އިތުރުން، ކުރީގެ ހެލްތު މިނިސްޓަރު ވެސްލީ ސްޓްރީޓިންގް ވެސް ވަނީ ސްޓާމާއާ ވާދަކުރައްވަން ތައްޔާރަށް ހުންނެވި ކަމަށް ވިދާޅުވެފަ އެވެ.