މުދަލާއި ހިދުމަތުގެ އަގުން ނަގާ ޓެކްސް (ޖީއެސްޓީ) ގެ ގޮތުގައި ދައުލަތަށް ލިބުނު އާމްދަނީ ފާއިތުވި އަހަރާ އަޅައިބަލާއިރު 9 އިންސައްތަ އިތުރުވެފައިވާކަން ރާއްޖޭގެ އިގުތިސާދީ ހާލަތު ބަޔާންކޮށް ފިނޭންސް މިނިސްޓްރީން އާންމުކުރި އެންމެ ފަހުގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ. އެގޮތުން މި އާމްދަނީގެ ޖުމްލަ އަދަދު މިހާރު ވަނީ 8.6 ބިލިއަން ރުފިޔާއަށް އުފުލިފަ އެވެ.
މި އަހަރުގެ ބަޖެޓުގައި ދައުލަތަށް ޖުމްލަ 40.4 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް އަންދާޒާކޮށްފައިވާއިރު، މި މަހުގެ 4 ވަނަ ދުވަހުގެ ނިޔަލަށް ދައުލަތަށް ވަނީ 19.1 ބިލިއަން ރުފިޔާ ލިބިފަ އެވެ. މީގެ ތެރެއިން އެންމެ ބޮޑު ހިއްސާއެއް އަދާކުރަނީ ޓެކްސްގެ ގޮތުގައި ލިބުނު 14.8 ބިލިއަން ރުފިޔާ އެވެ. ޓެކްސް އާމްދަނީގެ ތެރެއިން އެންމެ މުހިންމު ދައުރެއް އަދާކުރާ ޖީއެސްޓީއަށް ބަލާއިރު، މިދިޔަ އަހަރުގެ މި މުއްދަތާ އަޅައިބަލާއިރު 708 މިލިއަން ރުފިޔާ އިތުރަށް މި އަހަރު ވަނީ ލިބިފަ އެވެ.
ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ފަތުރުވެރިކަމުގެ ދާއިރާއިން ނަގާ ޓީޖީއެސްޓީގެ ގޮތުގައި 6.02 ބިލިއަން ރުފިޔާ ލިބިފައިވާއިރު، އާންމު ވިޔަފާރިތަކުން ނަގާ ޖީޖީއެސްޓީގެ ގޮތުގައި 2.5 ބިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ. މިއީ މިދިޔަ އަހަރު ލިބުނު 2.2 ބިލިއަން ރުފިޔާއާ އަޅައިބަލާއިރު ފާހަގަކޮށްލެވޭ ކުރިއެރުމެކެވެ. ޓީޖީއެސްޓީގެ ރޭޓު 16 އިންސައްތައިން 17 އިންސައްތައަށް ބަދަލުކުރުމާ ގުޅިގެން، މިއަހަރު ޓީޖީއެސްޓީގެ ގޮތުގައި 11.5 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ސަރުކާރުން ވަނީ އަންދާޒާކޮށްފަ އެވެ.
އާމްދަނީ އިތުރުވެފައިވީ ނަމަވެސް، ބައިނަލްއަގުވާމީ މައިދާނުގައި ހިނގަމުންދާ ހަމަނުޖެހުންތަކުގެ އަސަރު ރާއްޖޭގެ ފަތުރުވެރިކަމަށް ވަނީ ކޮށްފަ އެވެ. ފެބްރުވަރީ މަހު މެދުއިރުމަތީގައި ފެށުނު ހަނގުރާމައާ ގުޅިގެން މާޗް މަހު ފަތުރުވެރިން އައި އަދަދު 20.7 އިންސައްތަ އަދި އޭޕްރިލް މަހު 24.4 އިންސައްތަ ވަނީ ދަށްވެފަ އެވެ. ނަމަވެސް، މެއި މަހުން ފެށިގެން މި އަދަދުތައް އަލުން ރަނގަޅުވާން ފަށާފައިވާކަން ޓޫރިޒަމް މިނިސްޓްރީގެ ހިސާބުތަކުން ފެނެއެވެ.
މީގެ އިތުރުން، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާއި، ދަތުރުފަތުރުގެ ދަތިތަކުގެ ސަބަބުން ރާއްޖެއަށް އެތެރެކުރާ މުދަލުގެ އަގުތައް ވަނީ އުފުލިފަ އެވެ.
ބުރަކަށީގެ ރިހުން ނުފިލަނީ ދިރިއުޅުމުގެ އާދަތަކުގެ ސަބަބުން؟
މޮޅާއެކު ބްރެޒިލް ފާޑުކިއުންތަކަށް ރައްދު ދީފި
ކިއާ ސްޓާމާ ހޯމަ ދުވަހު އިސްތިއުފާ ދެއްވަން ތައްޔާރުވަނީ