ގިނަ ބަޔަކު އިންތިޒާރުކުރަމުންދާ ރާއްޖޭގައި ބާއްވާ އެންމެ ބޮޑު އޯޕަން ވޯޓަރ ފެތުމުގެ މުބާރާތް ކަމުގައިވާ 'ދިރާގު މާލޭ އޯޕަން' ފެތުމުގެ މުބާރާތުގައި ވީހާވެސް ގިނަ ފެތުންތެރިންނަށް ބައިވެރިވުމުގެ ފުރުސަތު ދިނުމުގެ ގޮތުން، މި މުބާރާތަށް ރަޖިސްޓާކުރުމުގެ މުއްދަތު އިތުރުކޮށްފި އެވެ.
މި މުއްދަތު އިތުރުކުރީ އަންނަ އާދީއްތަ ދުވަހުގެ ނިޔަލަށެވެ.
މި މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ 21 އަދި 22 އޮގަސްޓުގައި ރަސްފަންނުގަ އެވެ.
ސްވިމް މޯލްޑިވްސް އިން އިންތިޒާމްކޮށްގެން ބާއްވާ ފޯރިގަދަ 'ދިރާގު މާލޭ އޯޕަން' ސްވިމިން މުބާރާތުގެ މަގުސަދަކީ، ރާއްޖޭގައި އޯޕަން ވޯޓަރ ސްވިމިންގ ކުރިއަރުވައި، މި ކުޅިވަރަށް ޝައުގުވެރިކަން އުފެއްދުމުގެ އިތުރުން، ރާއްޖޭގެ ކަނޑުތައް ރައްކާތެރިކުރުމަށް ހޭލުންތެރިކަން އިތުރުކުރުމެވެ.
ދިރާގު މާލޭ އޯޕަންގެ 1 ކިލޯމީޓަރު، 500 މީޓަރު، 250 މީޓަރު އަދި، މި އަހަރު މުޅިން އަލަށް ތައާރަފްކޮށްފައިވާ 500 މީޓަރުގެ ޓީމް ރިލޭ ކެޓަގަރީއަށް ރަޖިސްޓަރީކުރުމުގެ ފުރުސަތު https://swimmaldives.org/male-open-2026/#register މެދުވެރިކޮށް ވަނީ ހުޅުވައިލައިފަ އެވެ. އަދި، 9 އޮގަސްޓު 2026ގެ ނިޔަލަށް މި މުބާރާތުގައި ބައިވެރިވުމަށް ރަޖިސްޓާކުރެވޭނެ އެވެ.
ވޭތުވެ ދިޔަ އަހަރު ބޭއްވި މުބާރާތުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުން 350 ފެތުންތެރިން ވަނީ ބައިވެރިވެފަ އެވެ. މީގެ ތެރޭގައި އުމުރުން 6 އަހަރުން ފެށިގެން ގޮސް 70 އަހަރުން މަތީގެ ފެތުންތެރިން ވެސް ހިމެނެ އެވެ.
ދިރާގުން ދަނީ ދުޅަހެޔޮ ދިރިއުޅުމަކަށް ބާރުއަޅާ، އިޖުތިމާއީ ގުޅުން ބަދަހިކުރުމަށް އެހީތެރިވެދޭ، އަދި، ގިނަ ބަޔަކަށް ބައިވެރިވެވޭގޮތަށް ބާއްވާ މި ފަދަ ކުޅިވަރު އަދި އެހެނިހެން ހަރަކާތްތަކަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ.
ދަރިފުޅު ސްކޫލަށް ނުދާން ބޮޑާ ހާކަނީތަ؟
ބްލޭކްއާއި ޓޭލާގެ ރަހުމަތްތެރިކަމަށް ނަޒަރެއް، މިހާރުގެ ހާލަތު!
މެންބަރުންނަށް އިންޝުއަރެންސް ލިބުން ދަތިވެ، އެލައިޑް މަޖިލީހަށް
