ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) އިން ދެމުންދާ މާލީ އެހީތަކުގެ ތެރެއިން، މަރުވެފައިވާ 700 އަށްވުރެ ގިނަ މީހުންގެ އެކައުންޓުތަކަށް 10 މިލިއަނަށްވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން އެ އެޖެންސީން ހާމަކޮށްފި އެވެ.
ދައުލަތުގެ މީޑިއާ، ޕީއެސްއެމް ނިއުސްއަށް ދެއްވި ބަސްދީގަތުމެއްގައި އެންސްޕާގެ ސީއީއޯ އާމިނަތު ޝިރުނާ ވިދާޅުވީ، މިގޮތަށް ކަންތައް ދިމާވާން މެދުވެރިވީ 2020 ވަނަ އަހަރު އެ އެޖެންސީގެ މޮނިޓަރިން ސެކްޝަން އުވާލުމާ ގުޅިގެން ކަމަށެވެ. އެ ސެކްޝަން އުވާލުމުގެ ސަބަބުން ވޭތުވެދިޔަ އަހަރުތަކުގައި އެހީގެ ފައިސާ ދޫކުރުމުގައި ބޮޑެތި އިހުމާލުތަކެއް ވެފައިވާކަން އޭނާ ފާހަގަކުރެއްވި އެވެ.
ގާތްގަނޑަކަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ނިޔާވެފައިވާ މީހުންގެ އެކައުންޓްތަކަށް ޖަމާވެފައިވާކަން ހާމަވެފައިވާ ކަމަށް ޝިރުނާ ވިދާޅުވި އެވެ. އޭނާ އިތުރަށް ވިދާޅުވީ މަރުވެފައިވާ މީހުންގެ އިތުރުން، އެހީއަށް ހައްގުނުވާ ފަރާތްތަކަށްވެސް ފައިސާ ޖަމާވަމުން ގޮސްފައިވާ ކަމަށެވެ.
މި މައްސަލަތައް ހައްލުކުރުމުގެ ގޮތުން، އުވާލާފައިވާ މޮނިޓަރިން ސެކްޝަން އަލުން އުފައްދައި، އެޖެންސީގެ ސިސްޓަމްތައް އިތުރަށް ހަރުދަނާކުރުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށްވެސް ސީއީއޯ ވިދާޅުވި އެވެ.
2008 ވަނަ އަހަރު އުފެއްދި އެންސްޕާއަކީ ގައުމީ އިޖުތިމާއީ ސިއްހީ އިންޝުއަރަންސް ސްކީމް ބެލެހެއްޓުމާއި، އިޖުތިމާއީ ރައްކާތެރިކަމުގެ ގާނޫނުގެ ދަށުން އެކި ދާއިރާތަކުން މާލީ އެހީތެރިކަން ފޯރުކޮށްދޭ މައި އިދާރާ އެވެ. އޭގެ ތެރޭގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށާއި، އެކަނިވެރި މައިންބަފައިންނަށްދޭ އެހީގެ އިތުރުން، ކާބޯތަކެތި ގަތުމަށް ދެވޭ އެހީވެސް ހިމެނެއެވެ.
ފާހަގަކޮށްލެވޭ ގޮތުގައި، އެންސްޕާއިން ކުރިން ދެމުންދިޔަ "މެޑިކަލް ވެލްފެއާ" ނުވަތަ ބޭސްފަރުވާގެ އެހީ، މިދިޔަ މެއި މަހުން ފެށިގެން ވަނީ އާސަންދައިގެ ދަށަށް ބަދަލުކޮށްފަ އެވެ.
ސަރުކާރުން ބަލި ގަބޫލުކޮށްފި: ނަޝީދު
ކައިޒީން އޭނާގެ ކޮއްކޮއަށް ލަގްޒަރީ އެޕާޓްމަންޓެއް ގަނެދީފި
މެދުރާއްޖެތެރެއާއި ދެކުނުގެ އަތޮޅުތަކަށް މޫސުން ގޯސް