ކެޕްޓަން ކިލިއަން އެމްބާޕޭގެ ދެ ލަނޑާއެކު ފީފާ ވޯލްޑް ކަޕްގައި ރޭ ސެނެގާލް އަތުން 3-1 އިން މޮޅުވެ، މުބާރާތުގެ ފޭވަރިޓެއް ކަމަށްވާ ފްރާންސް ވަނީ މޮޅަކާއެކު މުބާރާތް ފަށައިފަ އެވެ. މި މެޗުގައި ޖެހި ދެ ލަނޑާއެކު، އެމްބާޕޭއަށް ވަނީ ފްރާންސްގެ ގައުމީ ޓީމަށް އެންމެ ގިނަ ލަނޑު ޖަހައިދިން ކުޅުންތެރިޔާގެ ރެކޯޑް ލިބިފަ އެވެ.
އެމެރިކާގައި ރޭ ކުޅުނު ގުރޫޕް އައިގެ ކުރިމަތިލުމުގެ ފުރަތަމަ ހާފުގައި ފްރާންސް ފެނުނީ ވަރަށް އަދައިގެ ގޮތަކަށެވެ. އެމްބާޕޭގެ އިތުރުން، އެންމެ ފޯމުގައި ތިބި ފްރާންސްގެ ކުޅުންތެރިން ކަމަށްވަ މައިކަލް އޮލީސޭ އާއި އުސްމާނޭ ޑެމްބެލޭ އާއި ޑެސީރޭ ޑޫއޭއަށް ފުރަަތަމަ ހާފުގައި މާބޮޑު ތަފާތެއް ނުދެއްކުނެވެ.
ފުރަަތަމަ ހާފުގައި ލަނޑުޖަހާނެ އެންމެ ރަނގަޅު ދެ ފުރުސަތު ލިބުނީ ސެނެގާލް އަށެވެ. ފުރަތަމަ ހަމަލާ ޕެނަލްޓީ އޭރިޔާ ތެރެއިން ނިކޮލަސް ޖެކްސަން ގޯލާ ދިމާލަށް ފޮނުވާލި ނަމަވެސް، ގޯލުގެ އަރިމަތި ދަނޑީގައި ޖެހިފައި އެ ބޯޅަ ނިކުތް ވަގުތު، ފްރާންސްގެ ގޯލު މައިކް މެއިގްނަން ގައިގައި ޖެހިފައި ބޯޅަ ބޭރުވީ ކޯނަރަކަށެވެ. އަދި ފުރަަތަމަ ހާފު ނިމެނިކޮށް، ފްރާންސްގެ ޕެނަލްޓީ އޭރިޔާ ތެރެއިން އިސްމާއިކާ ސާރް އަށް ލިބުނު ފުރުސަތުގައި އޭނާއަށް ފޮނުވާލި ބޯޅަ ދިިޔައީ ގޯލުގެ މަތިން ބޭރަށެވެ.
އެކަމަކު ދެވަނަ ހާފުގައި ފްރާންސް ފެނުނީ ތަފާތުކޮށެވެ. ފްރާންސްގެ ފުރަތަމަ ލަނޑުގެ ކުރިން އެމްބާޕޭ އާއި އޮލީސޭއަށް ލިބުނު ރަނގަޅު ދެ ފުރުސަތުގައި ހުރަހަކަށްވީ ސެނެގާލްގެ ގޯލްކީޕަރު އެޑުއާޑް މެންޑީ އެވެ.
ފްރާންސްއިން ލީޑު ނެގީ 66 ވަނަ މިނިޓުގައި އެމްބާޕޭ ކާމިޔާބުކުރި ލަނޑުންނެވެ. ސެނަގާލްގެ ޑިފެންސް ފޫއަޅުވާލުމަށްފަހު، އޮލީސޭ ދިން ތުރޫ ޕާހެއް ހޯދައި، އެމްބާޕޭ ވަނީ ތިރިތިރިން ގޯލަށް ބޯޅަ އަމާޒުކޮށްލައިފަ އެވެ.
މިއީ އެމްބާޕޭ ގައުމީ ޓީމަށް ކާމިޔާބުކުރި 57 ވަނަ ލަނޑެވެ. އަދި މި ލަނޑާއެކު އޭނާ ވަނީ ފްރާންސް ގައުމީ ޓީމަށް އެންމެ ގިނަ ލަނޑު ޖެހުމުގެ ރެކޯޑް މި މެޗުގެ ކުރިން އޮތް އޮލިވިއޭ ޖިރޫއާ އެއްވަރުކޮށްފަ އެވެ.
މެޗުގެ 82 ވަނަ މިނިޓުގައި ފްރާންސްގެ ދެވަނަ ލަނޑު ޖެހީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެންއެރި ޕީއެސްޖީގެ ފޯވަޑް ބްރެޑްލީ ބާކޮލާ އެވެ.
މެޗުގެ އިތުރު ވަގުތުގައި ސެނަގާލް އިން ފަރަގު ކުޑަކުރީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުތް އުމުރުން 18 އަހަރުގެ ފޯވަޑް އިބްރާހިމް އެމްބަޔޭ ޖެހި ލަނޑުންނެވެ.
އެކަަަމަކު އޭގެ ކުޑަ އިރުކޮޅެއް ފަހުން އެމްބާޕޭ ވަނީ ފްރާންސަށް ތިން ވަނަ ލަނޑެއް ކާމިޔާބުކޮށް، އެ ޓީމަށް ތިން ޕޮއިންޓް ކަށަވަރުކޮށްދީފަ އެވެ. ޕެނަލްޓީ އޭރިޔާ ބޭރުން ޖާގައެއް ހުސްކޮށްލުމަށްފަހު، އެމްބާޕޭ ފޮނުވާލި ބާރު ޝޮޓް އަމާޒުވީ ގޯލުގެ މަތީ ކަަނަށެވެ.
މި ލަނޑާއެކު، ފްރާންސްގެ ގައުމީ ޓީމަށް 58 ލަނޑު ހަމަކޮށް، އެމްބާޕޭ ވަނީ އެ ޓީމަށް އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިންގެ ލިސްޓުގެ އެއްވަނަ އަށް ޖެހިލައިފަ އެވެ.
"މޭ ވާޕަސް އާއުންގާ"އަށް ސިނަމާތަކުގައި ބޮޑު ތަރުހީބެއް!
ބްރޫސްގެ ސިއްހަތާ ބެހޭޭ ގޮތުން ފަތުރާ ވާހަކަތައް ދޮގު ކޮށްފި
އެއްބަސްވުމާއެކު އީރާނަށް ނިއުކްލިއާ ހަތިޔާރު އުފެއްދުން މަނާވާނެ