ޒަމާނީ ދިރިއުޅުމުގެ އާދަކާދަ ހުރިގޮތުން، ގިނަ އާއިލާތަކުގައި ކާ މޭޒުދޮށަކީ މިހާރު ހަމައެކަނި ކާން ތިބޭ ތަނެއް ނޫނެވެ. އެއީ މައިންބަފައިން ފޯނުން އީމެއިލްތައް ޗެކްކުރާ، އަދި ކުދިން ޓެބްލެޓުން ނުވަތަ ޓީވީން ކާޓޫން ބަލަން ތިބޭ ތަނެކެވެ.
ނަމަވެސް ސައިންސްވެރިންނާއި ސިއްހީ މާހިރުން މިހާރު މިވަނީ މި އާދައާ މެދު ވަރަށް ބޮޑަށް އިންޒާރު ދެއްވައި، ކެއުމުގެ ވަގުތުތަކުގައި "ޑިޖިޓަލް ޑިޓޮކްސް"އެއް ހެދުމުގެ މުހިންމުކަން ހާމަ ކުރައްވާފަ އެވެ.
ފަހުގެ ދިރާސާތަކުން ދައްކާ ގޮތުގައި، ކާ ވަގުތުތަކުގައި ފޯނާއި ޓީވީ ނިވާލުމަކީ ހަމައެކަނި ކުދިންގެ އަހުލާގު ރަނގަޅުވާ ކަމެއް ނޫނެވެ. އެއީ މުޅި އާއިލާގެ ނަފްސާނީ އަދި ޖިސްމާނީ ދުޅަހެޔޮކަމާ ސީދާ ގުޅިފައިވާ ކަމެކެވެ.
މާހިރުން ފާހަގަކުރައްވާ ގޮތުގައި ކެއުމުގެ ވަގުތުގައި ފޯނުތައް ދުރުގައި ބެހެއްޓުމުން އަންނަނިވި ހެޔޮ ބަދަލުތައް ފެނެ އެވެ.
- އާއިލީ ގުޅުން ވަރުގަދަވުން: ކާ މޭޒުދޮށަކީ އާއިލާގެ މީހުންނަށް އެކަކު އަނެކަކާ ވާހަކަދައްކައި، ދުވާލުގެ ކަންކަން ހިއްސާ ކުރަން ލިބޭ އެންމެ ރަނގަޅު ވަގުތެވެ. ސްކްރީންތަކުގެ ސަބަބުން މި ގުޅުމަށް ހުރަސްއެޅެ އެވެ.
- ބަރުދަން ހެޔޮމިނެއްގައި ހިފެހެއްޓުން: ޓީވީ ނުވަތަ ފޯނަށް ބަލަމުން ކާނަމަ، ތިމާއަށް ކެވޭ މިންވަރެއް ނޭނގެ އެވެ. މީގެ ސަބަބުން ބޭނުންވާ ވަރަށްވުރެ ގިނައިން ކެވި، ކުޑަކުދިންނާއި ބޮޑެތި މީހުން ފަލަވުމުގެ މައްސަލަ ކުރިމަތިވެ އެވެ
- .ސްޓްރެސް ކުޑަވުން: މަސައްކަތުގެ ފޯނު ކޯލްތަކާއި ސޯޝަލް މީޑިއާގެ ނޮޓިފިކޭޝަންތަކާ ދުރުވެ، ހަމަހިމޭންކަމާއެކު ކެއުމުން ސިކުނޑިއަށް އަރާމު ލިބި، ހާސްކަން ކުޑަ ކޮށްދެ އެވެ.
މައިންބަފައިންނަކީ ނަމޫނާއަކަށް ވާންޖެހޭ!
މި ދިރާސާގައި އެންމެ ބޮޑަށް ފާހަގަކޮށްފައިވާ އެއް ކަމަކީ، ކުދިން ފޯނާ ދުރުކުރަން ބޭނުންނަމަ ފުރަތަމަ މައިންބަފައިން ނަމޫނާ ދައްކަން ޖެހޭނެ ކަމެވެ. އެއާ ހިލާފަށް މިއަދު ފެންނަ މަންޒަރަކީ ދަރިންނަށްވުރެ ގިނައިން ކާ މޭޒު ދޮށުގައި މައިންބަފައިން ފޯނު ބޭނުން ކުރުން ކަމަށް ވެސް ދިރާސާގައި ފާހަގަކޮށްފައިވެ އެވެ.
ގިނަ ފަހަރަށް ކުދިން ކާން ބޭނުން ނުވުމުން ނުވަތަ ބަސް ނޭހުމުން، އެކުދިން މަޑުން ބޭތިއްބުމަށްޓަކައި މައިންބަފައިން އަމިއްލައަށް ފޯނުދެ އެވެ.
"ކުދިން ކާއިރު ސްކްރީން ދިނުމަކީ އެކުދިންގެ ސިކުނޑިއަށް ދެވޭ ނުބައި މެސެޖެއް. އޭގެ ބަދަލުގައި ކާ މޭޒުމަތީގައި މަޖާ ވާހަކައެއް ދެއްކުން ނުވަތަ ކާނާގެ ރަހަތަކާ ބެހޭ ގޮތުން ސުވާލުކުރުން ފަދަ ކަންކަން ކުރެވިދާނެ. މައިންބަފައިންވެސް ކާން އިށީންނަމުން ފޯނު ސައިލެންޓް ކޮށްލާފައި ދުރުގައި ބާއްވަން ދަސްކުރަންޖެހޭ."
އާ އާދައަކަށް ފަށާނީ ކިހިނެއް؟
މިއީ އެއްދުވަހުން ނުވަތަ ދެ ދުވަހުން ބަދަލު ކުރަން އުނދަގޫ ކަމަކަށް ވެދާނެ އެވެ. އެހެން ކަމުން މާހިރުން ލަފާދެނީ ކުދި ފިޔަވަޅުތަކުން ފެށުމަށެވެ.
މިސާލަކަށް، ދުވާލަކު އެއް ފަހަރު (ރޭގަނޑުގެ ކެއުން) "ސްކްރީން-ފްރީ" ވަގުތެއްގެ ގޮތުގައި ކަނޑައަޅާށެވެ. ކާ މޭޒު ހުންނަ ސަރަހައްދަކީ ފޯނު ވެއްދުން މަނާ "ނޯ-ފޯން ޒޯން" އެއްގެ ގޮތުގައި ހެދިދާނެ އެވެ.
ދަރިންގެ ހަށިގަނޑާއި ނަފްސާނީ ދުޅަހެޔޮކަން ދެމެހެއްޓުމަށްޓަކައި، ކެއުމުގެ އެ 30 މިނެޓަކީ ހަމައެކަނި އާއިލާއަށް ހާއްސަ ވަގުތަކަށް ހެދުމަކީ މިއަދުގެ ޑިޖިޓަލް ދުނިޔޭގައި ކޮންމެހެން ކުރަން ޖެހިފައިވާ ކަމެކެވެ.
އެއްބަސްވުން އިޒްރޭލާ ހިއްސާނުކުރަން އެމެރިކާއިން ނިންމައިފި
އެއްބަސްވުމާއެކު އީރާނަށް ނިއުކްލިއާ ހަތިޔާރު އުފެއްދުން މަނާވާނެ
އެމެރިކާ ސިފައިންގެ ބޮންއަޅާ ބޯޓެއް ވެއްޓި 8 މީހުން މަރުވެއްޖެ