2026 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕްގެ ފޯރި މުޅި ދުނިޔޭގައި ހިފާލާފައި ވާއިރު ފުޓްބޯޅަ ސަޕޯޓަރުންނަށް މިފަހަރު މިވަނީ ބޮޑު އިމްތިހާނަކާ ކުރިމަތިލާން ޖެހިފަ އެވެ.
މުބާރާތް ބާއްވާ ގައުމުތަކުގެ ގަޑިއަށް ބަލާއިރު ރާއްޖެ ހިމެނޭ ގޮތަށް އޭޝިއާގެ ގައުމުތަކަށް މެޗުތައް ލައިވްކޮށް ފެންނަނީ ރޭގަނޑު މެންދަމުގެ ފަހުން ނުވަތަ ދަންވަރުގެ އެކި ވަގުތު ތަކުގަ އެވެ.
މިއާއެކު އޮފީސްތަކަށްދާ މީހުންނާއި ކިޔަވާ ކުދިން މިވަނީ އެމީހުންގެ ގަވާއިދުން ނިދާ ތާވަލު "ވޯލްޑް ކަޕް ތާވަލަކަށް" ބަދަލު ކޮށްލާފަ އެވެ.
ނިދި ގުރުބާން ކުރުމުގެ ފޯރި
ބައެއް ސަޕޯޓަރުން ބުނި ގޮތުގައި، ދަންވަރު 2 ޖަހާއިރު ނުވަތަ ފަތިހު 4 ޖަހާއިރު ކުޅޭ މެޗުތައް ބެލުމަކީ ފަސޭހަ ކަމެއް ނޫނެވެ. ނަމަވެސް ވޯލްޑް ކަޕަކީ ކޮންމެ 4 އަހަރަކުން އެއް ފަހަރު އަންނަ މުބާރާތަކަށް ވުމުން އެ ފޯރި ދޫކޮށްލާކަށް އެކަކުވެސް ބޭނުމެއް ނުވެ އެވެ.
މެޗުތައް ބެލުމަށް ހޭލާ ހުރުމަށްޓަކައި ތަފާތު އެކި އުކުޅުތައް ބޭނުންކުރެ އެވެ. އެގޮތުން ބޭނުންކުރާ އުކުޅު ތަކުގެ ތެރޭގައި
- ނެޕް ނެގުން: އިރުއޮއްސޭ ވަގުތު ނުވަތަ ރޭގަނޑު ކުރީކޮޅު ދެ ގަޑިއިރެއް ހާއިރު ނިދާލުން.
- ކެފެއިންގެ ބޭނުން ކުރުން: މެޗު ފެށުމުގެ ކުރިން ކަޅު ސައި ނުވަތަ ކޮފީ ބޮއެގެން ހޭލާ ހުންނަން މަސައްކަތް ކުރުން.
- ގްރޫޕް ހެދުން: ރައްޓެހިންނާއެކު ކެފޭތަކުގައި ނުވަތަ ގޭގޭގައި އެއްވެގެން މެޗު ބެލުން (މީގެ ސަބަބުން ނިދިއަންނަ މިންވަރު ކުޑަވެ އެވެ).
ސިއްހީ މާހިރުންގެ ކަންބޮޑުވުން: ގޮހޮރުގެ ސިއްހަތަށް ނުރައްކަލެއް!
މި ފޯރީގެ ތެރެއިން ސިއްހީ މާހިރުން ދަނީ ވަރަށް ބޮޑަށް އިންޒާރު ދެމުންނެވެ. ހަމައެކަނި ނިދި މަދުވުމެއް ނޫނެވެ. ދަންވަރު ހޭލާ ހުންނަ ވަގުތު ކެފޭތަކުންނާއި ގޭގޭގައި ކާ "ޖަންކް ފުޑް"ގެ ސަބަބުން ހަށިގަނޑުގެ ހަޖަމުކުރާ ނިޒާމަށް ނުހަނު ބޮޑެތި ގެއްލުންތައް ލިބެ އެވެ.
ދާދިފަހުން ހެދި ދިރާސާތަކުން ދައްކާގޮތުގައި ދަންވަރު ކެއުމުން ބަނޑުގައި އުޅޭ ފައިދާހުރި ޖަރާސީމު މަދުވެ، ބަނޑު ފުރުމާއި، ގޭސްވުމުގެ މައްސަލަތައް ކުރިމަތިވެ އެވެ. އަދި ދުވާލު ގަޑީގައި ވަރުބަލި ވުމާއި، މޫޑު ގޯސްވުން ފަދަ ކަންކަން ދިމާވެ އެވެ.
މާހިރުންގެ ލަފާ: "ވޯލްޑް ކަޕް ބެލިޔަސް 7-8 ގަޑިއިރުގެ ނިދި ހަމަކުރޭ!
މާހިރުން ލަފާދެނީ ވޯލްޑް ކަޕް ފޯރީގެ ތެރެއިން ވެސް ރެއާދުވާލުގެ ކޮންމެވެސް ވަގުތެއްގައި ހަށިގަނޑަށް ބޭނުންވާ 8 ގަޑިއިރުގެ ނިދި ހަމަ ކުރުމެވެ.
އެއާއެކު ދަންވަރު މެޗު ބަލާއިރު ބަރު އެއްޗެހި ކެއުމުގެ ބަދަލުގައި ފެން ނުވަތަ ލުއި މޭވާއެއް ބޭނުން ކުރުން މާ ބުއްދިވެރި ކަމަށް މާހިރުން ބުނެ އެވެ.
ފުޓްބޯޅައަކީ ލޯތްބާއި ޖަޒުބާތެވެ. ވޯލްޑް ކަޕް މެޗުތައް ބަލަން ނިދި ގުރުބާން ކުރުމަކީ ކޮންމެ ސަޕޯޓަރަކުވެސް ކުރާނެ ކަމެކެވެ. ނަމަވެސް، މުބާރާތް ނިމޭއިރު އަމިއްލަ ސިއްހަތު ސުންނާފަތި ވެގެން ނުދާނެހެން، ކެއުމަށާއި ނިދުމަށް ކޮންމެވެސް ވަރެއްގެ ކޮންޓްރޯލެއް ބެހެއްޓުމަކީ ލާޒިމު ކަމެކެވެ.
ސިނާއަތްތަކަށް ދޫކޮށްފައިވާ ލޯނުގެ އަދަދު 51.7 ބިލިއަނަށް
ދުނިޔޭގެ އެންމެ މަގުބޫލު ކުޅިވަރަށް ދެ ނަމެއް ކިޔުނު ސަބަބު!