ރާއްޖޭގެ ފަންނުވެރިކަމާއި އުފެއްދުންތެރިކަން ބައިނަލްއަގުވާމީ މައިދާނުގައި ރަމްޒު ކޮށްދޭ އެއް ބްރޭންޑް ކަމަށްވާ "އޮއިވާލި އާޓް ޝޮޕް"ގެ ކޯ- ފައުންޑަރު އަދި މަޝްހޫރު ކުރެހުންތެރިޔާ ރާޔާ މަންސޫރު، ދުނިޔޭގެ ނުފޫޒު ގަދަ ބިޒްނަސް މެގަޒިން "ފޯބްސް"އިން ހޮވާ "30 އަންޑާ 30 އޭޝިއާ 2026" ލިސްޓުގައި ހިމެނިއްޖެ އެވެ.

މިއީ ފަންނީ އަދި ވިޔަފާރީގެ ދާއިރާއިން އޭޝިއާ ސަރަހައްދުގައި ފާހަގަ ކޮށްލެވޭ، އުމުރުން 30 އަހަރުން ދަށުގެ ޒުވާން ލީޑަރުންނާއި އީޖާދުވެރިންގެ އަގު ވަޒަން ކުރުމުގެ ގޮތުން ފޯބްސް އިން ކޮންމެ އަހަރަކު ވެސް ނެރޭ ވަރަށް މުހިންމު ލިސްޓެކެވެ.

ރާޔާ މި ލިސްޓުގައި ހިމެނިފައި ވަނީ "ދަ އާޓްސް" ކެޓަގަރީންނެވެ.

އޮއިވާލި އާޓް ޝޮޕްގެ ކާމިޔާބީ: ދިވެހި ކަނޑުތަކުން ބައިނަލްއަގުވާމީ ބާޒާރަށް

އުމުރުން 30 އަހަރުގެ ރާޔާ މަންސޫރު، އޭނާގެ ދައްތަ ރާނިޔާ މަންސޫރާއެކު އޮއިވާލި އާޓް ޝޮޕް ބްރޭންޑް އުފެއްދީ 2015 ވަނަ އަހަރު އެވެ.

ރާއްޖޭގެ ގުދުރަތީ ރީތިކަމާއި، ވަށައިގެންވާ މާހައުލާއި ކަނޑުގެ ދިރުންތަކުން ހިތްވަރު ލިބިގެން އެކުލަވާލި މި ބްރޭންޑަކީ ފެންވަރު ރަނގަޅު ގަހަނާ، އެކްސަސަރީޒް، ސްޓޭޝަނަރީ އަދި ގޭތެރެ ޒީނަތްތެރިކުރާ ސާމާނު އުފެއްދުމުގައި ރާއްޖޭގެ އެންމެ މަގުބޫލު އެއް ނަމެވެ.

ރާޔާ އަދި އޭނާގެ ދައްތަ ރާނިޔާ

ފޯބްސް މެގަޒިންގައި ފާހަގަކޮށްފައިވާ ގޮތުގައި، ރާޔާ އަދި ރާނިޔާ މިހާރު މާލޭގެ އިތުރުން ސިންގަޕޫރުގައި ވެސް ފިހާރަތަކާއި ގެލެރީތައް ހިންގަމުންދެ އެވެ.

އެއާއެކު އޮންލައިންކޮށް އެ ބްރޭންޑްގެ އުފެއްދުންތައް ޗައިނާ، މެލޭޝިއާ، އިޓަލީ އަދި ފްރާންސް ފަދަ ދުރު ގައުމުތަކަށް ދަނީ ވިއްކަމުންނެވެ.

އަމިއްލަ ހުނަރުން ކުރިއަށްދާ އާޓިސްޓެއް

އިގްތިސާދީ ދާއިރާއިން ޔުނިވާސިޓީ ޑިގްރީއެއް ހާސިލުކޮށްފައިވީ ނަމަވެސް، ރާޔާ އަކީ ކުރެހުމުގެ ދާއިރާއިން އަމިއްލައަށް ދަސްކޮށްގެން ކުރިއަށްދާ ކުޅަދާނަ އާޓިސްޓެކެވެ.

ރާޔާގެ ކުރެހުންތަކުގައި މައިގަނޑު ގޮތެއްގައި ބޭނުންކުރަނީ އެބްސްޓްރެކްޓް އަދި ކޮންޓެމްޕްރަރީ ސްޓައިލްތަކެވެ.

ރާޔާ ވަނީ ރާއްޖޭގެ އިތުރުން ބައިނަލްއަގުވާމީ ގިނަ މައުރަޒުތަކެއްގައި ރާޔާގެ ހުނަރު ވަނީ ދައްކާލާފައެވެ. އޭގެ ތެރޭގައި

  • ދުބާއީ (މޮންޑޮއިރް އާޓް ގެލަރީ): ކްރެކްސް އެންޑް ބްލޫމް އެގްޒިބިޝަން (2025)
  • ޖަރުމަނު ވިލާތް (އަޒުރް ގެލާރިއާ ބާލިން): ރާޔާގެ އާޓް ވޯކްތައް ދާދިފަހުން ވަނީ މި ގެލެރީގައި ދައްކާލާފަ އެވެ.
  • ސިންގަޕޫރު: "ޓެރާ އީ މާރޭ" އެގްޒިބިޝަން (2025)

ރާޔާ މަންސޫރު ފޯބްސްގެ މިފަދަ ޝަރަފުވެރި ލިސްޓަކުން ޖާގަ ހޯދުމަކީ، ރާއްޖޭގެ ޒުވާން އާޓިސްޓުންނަށާއި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ލިބުނު ވަރަށް ބޮޑު ހިތްވަރެކެވެ.

މިއީ ދިވެހި އުފެއްދުންތަކާއި ދިވެހި ހުނަރުވެރިންނަށް ދުނިޔޭގެ ބޮޑެތި މައިދާންތަކުން ފުރުސަތު އެބަ އޮތްކަން ސާބިތު ކޮށްދިން މިސާލެކެވެ.