ފުވައްމުލަކުގައި މަސްތުވާތަކެތި ބޭނުންކުރާ "އައްޑާއެއް"ގެ ގޮތުގައި ބޭނުންކުރި ގެއެއް ނުވަތަ ޑްރަގް ކެފޭއެއް އެ ރަށު ކޯޓުން ނެރުނު އަމުރަކާ އެކު ބަންދުކޮށްފި އެވެ.

މިއީ މާލެއިން ބޭރުން މިފަދަ ކެފޭއެއް ބަންދު ކުރި ފުރަތަމަ ފަހަރެވެ.

ފުލުހުން ބުނީ ފުވައްމުލަކުގައި މަސްތުވާތަކެތި ވިއްކައި ވިޔަފާރިކޮށް، ކެފޭ އުސޫލުން އެ ތަކެތި ބޭނުންކުރުމުގެ ހިދުމަތް ދެމުންދާކަމުގެ ތުހުމަތުގައި ބަންދު ކުރީ އެ ރަށު ފުނާޑު އަވަށުގައި ހުންނަ ގުލިސްތާނުގެ ކަމަށެވެ.

ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓުން މި އަމުރު ނެރެފައި ވަނީ މިދިޔަ ބުދަ ދުވަހު އެވެ. ފުލުހުން ބުނި ގޮތުގައި، އެ އަމުރު ނެރެފައި ވަނީ ދެ މަހާއި 25 ދުވަހުގެ މުއްދަތަކަށެވެ.

މި އަމުރު ނެރެފައި ވަނީ، މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގެ ދަށުން ބާރު ލިބިގެންނެވެ.

ފުލުހުން ބުނީ ކޯޓު އަމުރުގެ ދަށުން މިގޮތަށް ބަންދުކުރާ ތަންތަނަށް، އެ އަމުރުގެ މުއްދަތުގައި ހުއްދަނެތި ވަދެ ނުކުމެ ހެދުމަކީ ކުށެއް ކަމަށެވެ. މިފަދަ ތަންތަނަށް ހުއްދައާ ނުލާ ވަންނަ ފަރާތްތަކާއި އެ ތަންތަނަށް އެކި ގޮތް ގޮތުން ގެއްލުންދޭ ފަރާތްތަކާ މެދު ގާނޫނީ ގޮތުން އެޅޭނެ އެންމެ ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށް ވެސް ފުލުހުން ބުންޏެވެ.

"މަސްތުވާތަކެއްޗާ ބެހޭ ގާނޫނުން ފުލުހުންނަށް ލިބިދީފައިވާ ބާރުތަކުގެ ދަށުން، ފުލުހުން ކުރަމުންދާ މަސައްކަތް ހުއްޓުމެއް ނެތި ކުރަމުންދާނެ. އަދި މަސްތުވާތަކެތީގެ ވިޔަފާރިކޮށް، މަސްތުވާތަކެތި ބޭނުންކުރުމުގެ ހިދުމަތް ދެމުންދާ އިތުރު ތަންތަން ހޯދައި ގާނޫނުގައިވާ ގޮތުގެ މަތިން އެފަދަ ތަންތަން ބަންދުކުރުމުގެ މަސައްކަތް ވެސް ކުރަމުންދާނެ،" ފުލުހުން ބުންޏެވެ.

މި މަހު ކުރީކޮޅު ކޯޓު އަމުރަކާ އެކު މިފަދަ ކެފޭއެއް މާލޭގައި ފުރަތަމަ ފަހަރަށް ބަންދުކޮށްފައިވެ އެވެ.