ރައީސް އަބްދުﷲ ޔާމީންގެ ސިޔާސަތުތައް ޕްރޮމޯޓްކުރާ މަޝްހޫރު ޓީވީ ޗެނަލް "ޗެނަލް 13" ގެ ސާވާތައް ބަޔަކު ރޭ ހެކްކޮށްފައިވާ ކަަމަށާއި މިއީ މީޑީއާގެ އަޑު ކަނޑުވާލަން ދިން ހަމަލާއެއް ކަމަށް ބުނެފި އެވެ.

އެ ޗެނެލް ހިންގާ މީޑިއާ ރިންގް ޕްރައިވެޓް ލިމިޓެޑުން ނެރުނު ބަޔާނެއްގައި ވަނީ އެ ޗެނަލްގެ ސާވާތައް ބަޔަކު ހެކްކޮށްފައި ވަނީ ރޭ 11:53 ގައި ކަމަށެވެ. މިކަން ކޮށްފައި ވަނީ ވަކި ފަރާތެއް ނޭނގޭ ހެކަރުންތަކެއް ކަމަށް ވެސް ބަޔާނުގައި ބުންޏެވެ.

"މިއީ ވަކި ފަރާތްތަކުން ރާއްޖޭގެ ކުރިއަރާފައިވާ މީޑިއާތަކަށް އަމާޒުކޮށް ދޭ ހަމަލާތަކެއް ކަމަށް މި ކުންފުނިން ދެކެމެވެ،" އެ ކުންފުނިން ނެރުނު ބަޔާނުގައި ބުންޏެވެ.

މިއި ޑިމޮކްރަސީ ނުދަންނަ އެކި ފަރާތްތަކުން ހިންގާ އަމަލުތަކެއް ކަމަށް އެ ކުންފުނިން ބުންޏެވެ.

"ނޫސްވެރިކަމަށް ހުރަސް އެޅުމަށް ޑިމޮކްރަސީ ނުދަންނަ އެކި ފަރާތްތަކުން ގަނދައަޅައި މަސައްކަތް ކުރަމުންދާ ދިއުމުގައި ގާނޫނީ އިމުން ބޭރުވެ، މީޑިއާތަކުގެ ސާވާތައް ހެކްކޮށް، މީޑިއާގެ އަޑު ކަނޑުވާލުމަށް އެ ފަރާތްތަކުން ކުރަމުންދާ ކަންތައްތައް މި ކުންފުނީގެ ފަރާތުން ހަރުއަޑުން ކުށްވެރި ކުރުމެވެ،" ބަޔާނުގައިވެ އެވެ.

އެ ބަޔާނުގައި ބުނެފައި ވަނީ ސާވާތައް ހެކްކޮށްފައި ވަނީ، އެ ޗެނަލުން ގެނެސްދީފައިވާ "ކޮކްރޮޗު ޖަންތާ ޕާޓީ"ގެ ވެބްސައިޓް ޑައުންކުރި ވާހަކަތަކާއި އެ "ޕާޓީ"ގެ އިންސްޓަގްރާމް އެކައުންޓްތަކާއި ސޯޝަލް މީޑިއާ އެކައުންޓުތައް ހެކްކުރި ވާހަކަ ގެނެސްދީފައި ވަނިކޮށް" ކަމަށެވެ.

ބިރު ދެއްކިޔަސް، އަނގަ ބަންދު ކުރިޔަސް، ޖަލަށް ލިޔަސް، ހެކްކުރިޔަސް، ޗެނަލް 13 އިން މައުލޫމާތު ފޯރުކޮށްދިނުމުގައި އެއްވެސް ފަސްޖެހުމެއް ނޯންނާނެ ކަމުގެ ފުރިހަމަ ޔަގީންކަންދޭ ކަަމަށް ވެސް އެ ބަޔާނުގައިވެ އެވެ.