ހޮހަޅައިގައި މަރުވި އިޓަލީގެ ފަސް ޑައިވަރުން، އެފަދަ ނުރައްކާތެރި ތަނަކަށް ފީނުމަށް ބޭނުންވާ އެކަށީގެންވާ ސަލާމަތީ އާލާތްތައް ބޭނުންކޮށްފައި ނުވާކަން ހާމަވެއްޖެ އެވެ.

މި ހާދިސާގައި މަރުވި މީހުންގެ ހަށިތައް ނެގުމުގެ މަސައްކަތުގައި އުޅުނު ޑޭން ޔޫރަޕްގެ ފިލްލޭންޑް ޑައިވަރެއް ކަމަށްވާ ސާމީ ޕަކަރިނެން، އިޓަލީގެ 'ލަ ރިޕަބްލިކާ' ނޫހަށް ދިން އިންޓަވިއުއެއްގައި ބުނީ، މަރުވި ޑައިވަރުން އެ ހޮހަޅައަށް ވަދެފައިވަނީ މަގު ދައްކައިދިނުމަށް ބޭނުންކުރާ "ގައިޑް ރޯޕް" ނުވަތަ "ޑައިވިން ރީލް" އާ ނުލައި ކަމަށެވެ.

ޕަކަރިނެން ބުނި ގޮތުގައި، ޑައިވަރުންގެ ހަށިތައް ފެނިފައިވަނީ ހޮހަޅައިގެ ވަރަށް ފުން ހިސާބަކުން އެއް ދިމާލަކުންނެވެ. އޭނާ ގަބޫލުކުރާ ގޮތުގައި މި ހާދިސާ ހިނގަން މެދުވެރިވީ "ހިއުމަން އެރާ" އަކުންނެވެ. ނަމަވެސް، ހާދިސާގެ އަސްލު ސަބަބު ކަނޑައަޅާނީ ތަހުގީގީ ޓީމުން ކަމަށް އޭނާ ފާހަގަކުރި އެވެ.

މި ހާދިސާގައި މަރުވެފައިވަނީ އުމުރުން 52 އަހަރުގެ މޮނިކާ މޮންޓެފަލްކޯން އާއި އޭނާގެ 20 އަހަރުގެ ދަރިފުޅު ޖޯޖިއާ ސޮމަކާލްގެ އިތުރުން، 31 އަހަރުގެ މުރިއެލް އޮޑެނީނޯ އާއި 31 އަހަރުގެ ފެޑެރިކޯ ގުއަލްޓިއޭރީ އެވެ. މީގެ އިތުރުން އެ މީހުންގެ އިންސްޓްރަކްޓަރު، އުމުރުން 44 އަހަރުގެ ޖިއާންލޫކާ ބެނެޑެޓީ ވެސް ވަނީ މަރުވެފަ އެވެ.

މި މަހުގެ 14 ވަނަ ދުވަހު ހިނގި މި ހާދިސާގައި، ގިނަ މީހުންގެ ހަށިގަނޑު ފެނިފައިވަނީ ހޮހަޅައިގެ ތިންވަނަ ބައިގެ ދޮރުމަތިން، ގާތްގަނޑަކަށް 165 ފޫޓު (50 މީޓަރު) އަޑިންނެވެ. ހަށިތައް ނެގުމުގައި ހަރަކާތްތެރިވި ޑައިވަރުން ބުނާ ގޮތުގައި، ހޮހަޅައިގެ ތެރޭގައި ހުރި ވެލިގަނޑެއްގެ ސަބަބުން ފެންގަނޑު ކިލަނބުވެ، ނުކުންނަ މަގު އޮޅި، ހާސްކަމުގެ ތެރޭގައި ހޮހަޅައިގެ ބެދިފައިވާ ދިމާލަކަށް އެ މީހުންނަށް ވަދެވުނީ ކަމަށް ބެލެވެއެވެ.

މި ހާދިސާއާ ގުޅިގެން ރިކަވަރީ ޓީމުން ނެރުނު ވަގުތީ ރިޕޯޓުގައި ބުނެފައިވަނީ، ހޮހަޅަތަކަށް ފީނުމަކީ ނުރައްކާތެރި ކަމަކަށް ވާތީ، އެކަމަށް ބޭނުންވާ ހާއްސަ ތަމްރީނާއި ފަންނީ ސާމާނު ނެތި އެފަދަ ތަންތަނަށް ނުވަނުމަށް އިރުޝާދު ދޭ ކަމަށެވެ. މަރުވި މީހުންގެ ހަށިތައް މިހާރު ވަނީ އިޓަލީއަށް ގެންގޮސްފަ އެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގައި އެމީހުންގެ ޕޯސްޓްމޯޓަމް ހެދުމަށް ވަނީ ހަމަޖެހިފަ އެވެ.