ރާއްޖެއިން ނައްތާލާފައިވާ ބައްޔެއް ކަމަށްވާ ހިމަބިހި (މީސަލްސް) ފެންނަ މިންވަރު އިތުރުވަމުންދާތީ، އެ ބަލީގެ އަލާމާތްތައް ހުންނަ ފަރާތްތަކަށް އަވަސް އެހީތެރިކަން ދިނުމަށްޓަކައި އައިޖީއެމްއެޗުން ހާއްސަ ހެލްޕް ޑެސްކެއް ހުޅުވައިފި އެވެ.
މި ހެލްޕް ޑެސްކު ގާއިމުކޮށްފައިވަނީ އައިޖީއެމްއެޗްގެ ބޮޑެތި މީހުންގެ ކުއްލި ފަރުވާދޭ ބައިގެ އެމްބިއުލާންސް ޕޯޓިކޯ ސަރަހައްދުގަ އެވެ. މި ހިދުމަތް ދޭން ފެށީ ހިމަބިހި ޖެހިގެން ރިޕޯޓުކުރާ މީހުންގެ އަދަދު އިތުރުވަމުން ދާތީ ކަމަށް އެ ހޮސްޕިޓަލުން ބުނެ އެވެ. ހުމާއެކު ރަތްބިހި ނަގާ މީހުންނަށް ލަސްނުކޮށް ފަރުވާ ދިނުމުގެ އިންތިޒާމުތައް އެތަނުން ވަނީ ހަމަޖައްސާފަ އެވެ.
އައިޖީއެމްއެޗުން ބުނި ގޮތުގައި، ކުޑަކުދިންނާއި މާބަނޑު މީހުން ހިމެނޭހެން އެއްވެސް މީހެއްގެ ފަރާތުން ހުމާއި ރަތްކުލައިގެ ބިހި ނެގުން ފަދަ އަލާމާތެއް ފެނިއްޖެނަމަ، ޑޮކްޓަރަށް ދެއްކުމުގެ ކުރިން އެ ހެލްޕް ޑެސްކަށް ރިޕޯޓުކުރުމަކީ މުހިންމު ކަމެކެވެ. އެތަނުން ބަލިމީހުންނަށް ކުރިއަށްދާންވީ ގޮތުގެ ފުރިހަމަ އިރުޝާދު ލިބޭނެއެވެ.
ހިދުމަތް ލިބޭނެ ގަޑިތައް:
މި ހެލްޕް ޑެސްކު ހުޅުވިފައި ހުންނާނީ ކޮންމެ ދުވަހަކު ހެނދުނު 8:00 އިން ރޭގަނޑު 11:00 އަށެވެ. މި ނޫން ގަޑިތަކުގައި އެހީތެރިކަން ބޭނުންވާ ފަރާތްތަކުން، މެއިން އީއާރު ނުވަތަ ކުޑަކުދިންގެ އީއާރުގެ ޓްރިއަޖް ނަރުހުންނަށް މައުލޫމާތު ހިއްސާކުރުމަށް ހޮސްޕިޓަލުން ވަނީ އެދިފަ އެވެ.
ބަލި ފެތުރުން ހުއްޓުވުމަށްޓަކައި، ބަލީގެ އަލާމާތް ހުންނަ މީހުން ހޮސްޕިޓަލަށް ދާއިރު މާސްކް އެޅުމަށާއި، ބަލިމީހާއާއެކު ވީހާވެސް މަދު ބަޔަކު ޒިޔާރަތްކުރުމަށް އައިޖީއެމްއެޗުން އިލްތިމާސްކުރެއެވެ.
ރާއްޖެއިން ހިމަބިހީގެ ކޭސްތަކެއް ފެނިފައިވާކަން އެޗްޕީއޭއިން ހާމަކޮށްފައިވަނީ މިމަހުގެ 13 ވަނަ ދުވަހުއެވެ. އެ އިދާރާއިން މިހާރު ދަނީ ބަލި ޖެހުނު މީހުންނާ ދިމާވި ފަރާތްތައް ދެނެގަނެ، ވެކްސިން ދިނުމުގެ މަސައްކަތް ކުރަމުންނެވެ. ރާއްޖެއިން 2018 ގައި ހިމަބިހި ނައްތާލި ނަމަވެސް، 2020 އަދި 2023 ވަނަ އަހަރުވެސް މަދުން ނަމަވެސް މި ބަލީގެ ކޭސްތައް ވަނީ ފެނިފަ އެވެ.
ހިމަބިހީގެ ނުރައްކާތެރިކަން:
ހިމަބިއްސަކީ ހުން އައުމާއި، ކެއްސުމާއި، ނޭފަތުން އަރިދަފުސް ފޭބުމާއި، ލޯ ރަތްވުމުގެ އިތުރުން ހަށިގަނޑުގައި ރަތް ބިހިތަކެއް ނަގާ ބައްޔެކެވެ. މިއީ ފަރުވާ ނުދެވިއްޖެނަމަ ނިއުމޯނިޔާ ޖެހުމާއި، ލޮލުގެ ފެނުމަށް އަސަރުކުރުން ފަދަ ނުރައްކާތެރި ހާލަތްތަކަށް މަގުފަހިވެ، ފުރާނައަށް ގެއްލުންވެދާނެ ބައްޔެކެވެ. މި ބަލިން ރައްކާތެރިވުމަށް އޮތް އެންމެ މުހިންމު ފިޔަވަޅަކީ 9 މަހާއި 18 މަހުގައި ދޭ ވެކްސިންގެ ދެ ޑޯޒް ފުރިހަމަކުރުމެވެ.
އަވަށްޓެރި ބަންގްލަދޭޝްގައި ވެސް މިދުވަސްވަރު ދަނީ އާދަޔާ ހިލާފަށް ހިމަބިހި ފެތުރެމުންނެވެ. އެގޮތުން މިހާތަނަށް އެ ގައުމުން 500 އަށް ވުރެ ގިނަ ކުދިން މަރުވެފައިވާ ކަމަށް ވަނީ ރިޕޯޓްކޮށްފަ އެވެ.
8 ގަޑިއިރުގެ ނިދި ކޮންމެހެން ބޭނުން ވޭތަ؟ މާހިރުން ބުނަނީ ކީކޭ؟
މަދޫރީއާއި ޓްރިޕްތީ ފެނިގެންދާ "މާ ބެހެން"ގެ ޓްރެއިލާ ނެރެފި
ލަކްޝްއާއި އަނަންޔާގެ "ޗާންދު މޭރާ ދިލް"އަށް މަޑު ފެށުމެއް!