ޕެންޝަން އޮފީހުގެ ޗެއާޕާސަން ކަމަށް ބޯޑު މެންބަރު އަބްދުލްމަޖީދު އަލީ އައްޔަންކޮށްފި އެވެ.
ޕެންޝަން އޮފީހުގެ ބޯޑުގައި އަމިއްލަ ވިޔަފާރިތަކުގެ ފަރާތުން މަޖީދު ޑިރެކްޓަރެއްގެ މަގާމު އެންމެ ފުރަތަމަ ފުރުއްވީ ފެބްރުވަރީ 10، 2022އިން މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ ނުވަ ވަނަ ދުވަހުގެ ނިޔަލަށެވެ. އެއަށްފަހު، މިދިޔަ އަހަރުގެ މާޗު މަހުގެ 10ވަނަ ދުވަހުން ފެށިގެން މިމަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށް އޭނާ ހުންނެވީ އެ މަގާމުގަ އެވެ.
މީގެކުރިން އޭނާ ވަނީ ބޭންކް އޮފް ސިލޯނާއި ބީއެމްއެލްގައި ވަޒީފާ އަދާކުރައްވައި، ބޭންކިންއާއި މާލީ ދާއިރާއިން ތަޖުރިބާ ހާސިލްކުރައްވައިފަ އެވެ. އަދި އަމިއްލަ ވިޔަފާރިތަކުގެ ފަރާތުން ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ (ސީއެމްޑީއޭ)ގެ ބޯޑު މެންބަރުކަން ކުރައްވައި، އެ އިދާރާގެ އޮޑިޓް ކޮމިޓީގައި ވެސް މަސައްކަތްކުރައްވާފައިވެ އެވެ.
އޭނާ ވަނީ، ވޭލްސްގެ ކާޑިފް ޔުނިވާސިޓީން ބައިނަލްއަގުވާމީ އިގުތިސާދާއި ބޭންކިންއާއި މާލީ ދާއިރާއިން މާސްޓާސް އޮފް ސައިންސް ހާސިލްކުރައްވައި، އޮސްޓްރޭލިއާގެ މޮނާޝް ޔުނިވާސިޓީން ވިޔަފާރިއާއި ބޭންކިންއާއި މާލީ ދާއިރާއާއި އެކައުންޓިންއިން ބެޗެލާސް ހާސިލްކުރައްވާފަ އެވެ.
މީގެ އިތުރުން، ހައްޖު ކޯޕަރޭޝަންގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ޔާމީން އިދުރީސް ވެސް ވަނީ، ޕެންޝަން ބޯޑަށް އައްޔަންކޮށްފަ އެވެ.
ޕެންޝަން ބޯޑުގައި އަމިއްލަ ވިޔަފާރިތައް ތަމްސީލުކުރެއްވި މާލީ ތަޖުރިބާކާރު ސަރުވަޝް އާދަމާއި، އެ ބޯޑުގެ ސީއީއޯ ސުޖާތާ ހަލީމާއި، ސީއެފްއޯ ހައްވާ ފަޖުވާގެ އިތުރުން، ޗެއާޕާސަން ޑރ. އަހްމަދު އިނާޒް ވަނީ ފެބްރުވަރީ މަހު އިސްތިއުފާދެއްވާފަ އެވެ.
ބޯހިޔާވަހިކަމަށް އެދުމުގެ ފުރުސަތު އަންނަ މަހު 15އަށް
މަޝްހޫރު ގިނަ ތަރިންތަކަކާއެކު "ނާގިން 7"ގެ ފިނާލޭ އަންނަނީ!
