ސަރުކާރުގެ "ބޯހިޔާވަހިކަން އެންމެނަށް" ސިޔާސަތުގެ ދަށުން ގޯއްޗާއި ފްލެޓަށް އެދި ހުށަހެޅުމުގެ މުއްދަތު އަންނަ މަހުގެ 15 ވަނަ ދުވަހާ ހަމައަށް އިތުރުކޮށްފި އެވެ. ކުރިން ގޯއްޗާއި ފްލެޓަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައި އޮތީ މިމަހުގެ ނިޔަލަށެވެ.
ހައުސިން މިނިސްޓްރީން ބުނީ ގޯއްޗާއި ފްލެޓަށް އެދުމުގެ މުއްދަތު އިތުރުކޮށްފައިވަނީ އަޟްހާ އީދަކީ ގިނަ ފަރާތްތަކަކުން އާއިލާއާއެކު ޗުއްޓީ ހޭދަކުރުމަށްޓަކައި ރަށުން ބޭރަށް ދާ ދުވަސްވަރަކަށް ވުމާއި، އީދު ބަންދާ ގުޅިގެން ސަރުކާރު ބަންދު ވެފައިވުމާއެކު، ފޯމު ހުށަހެޅުމަށް ބޭނުންވާ ލިޔެކިއުންތައް ހަމަކުރުމާއި ކަނޑައަޅައިފައިވާ މުއްދަތުގައި ފޯމު ހުށަހެޅުމުގައި ދަތިވަމުންދާކަމަށް ގިނަ އަދަދެއްގެ ފަރާތްތަކުން ޝަކުވާ ކުރާތީ ކަމަށެވެ.
އެހެންކަމުން މާލެ ސަރަހައްދުން ފުލެޓާއި ގޯއްޗަށް އެދި ޅުވާލާފައިވާ ހުރިހާ ސްކީމުތަކަށް އެދި ހުށަހެޅުމުގެ މުއްދަތު އަންނަ މަހުގެ 15 ވަނަ ދުވަހުގެ 23:59 ގެ ނިޔަލަށް އިތުރުކޮށްފައިވާކަމަށް އެ މިނިސްޓްރީން ބުންޏެވެ.
އެ ވުޒާރާއިން ވަނީ ހުރިހާ ފަރާތްތަކަކުންވެސް ފޯމު ހުށަހެޅުމުގެ ކުރިން ފޯމު ފުރިހަމަކޮށްފައިވަނީ އެޕްލިކޭޝަން ހުށަހަޅަން އެދޭ ސްކީމަށްތޯއާއި، ލިޔެކިއުންތަކާއި މައުލޫމާތުތައް ފުރިހަމަކުރެވިފައިވަނީ ރަނގަޅަށްތޯ ކަށަވަރުކުރެއްވުމަށްފަހު، ފޯމު ހުށަހެޅުމަށް އިލްތިމާސްކޮށްފަ އެވެ.
މި ސްކީމުގެ ދަށުން ގްރޭޓަރ މާލެ ސަރަހައްދުންނާއި ރަސްމާލެ ހިމެނޭހެން 15,000 ގޯތި ދޫކުރުމަށް ވަނީ ހަމަޖެހިފަ އެވެ. މީގެ އިތުރުން މާލެ ސަރަހައްދުން 7,900 ފްލެޓް ދޫކުރުމަށްވެސް ސަރުކާރުން ވަނީ ނިންމާފަ އެވެ. އަދި ފްލެޓް ދޫކުރުމުގައި މާލޭގެ ރަށްވެހިންނަށް 4,000 ފްލެޓް، މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ މީހުންނަށް 1,500 ފްލެޓް އަދި ހާއްސަ އިސްކަންދޭ ކެޓަގަރީތަކަށް 2,400 ފްލެޓް ވަނީ ކަނޑައަޅާފަ އެވެ.
ގޯތި ދޫކުރުމުގައި މާލޭގެ ރަށްވެހިންނަށް 10,000 ގޯތި، މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ މީހުންނަށް 3,000 ގޯތި، އަދި މައިމުޅަވެފައިވާ މީހުންނަށް 500 ގޯތި ހިމެނެ އެވެ. މީގެ އިތުރުން މާލޭގެ ހަނި ގޯޅިތަކުގައި ހުރި ގޯތިތަކާއި ލާޖައްސައިގެން ގޯތި ބަދަލުކުރާ ފަރާތްތަކަށް 1,500 ގޯތި ވަނީ ހާއްސަކޮށްފައެވެ. އަދި ކުރީގެ ސްކީމަކުން 1 ނުވަތަ 2 ކޮޓަރީގެ ފްލެޓް ލިބިފައިވާ މީހުންގެ ތެރެއިން ދަރިން ތިބި މިންވަރަށް ބަލައި، ވަކި ޝަރުތުތަކަކާއެކު 3 ކޮޓަރީގެ ފްލެޓަށް އެދި ހުށައެޅުމުގެ ފުރުސަތު މިސްކީމުގެ ދަށުން ލިބޭނެ އެވެ.
މާލެ އާއި ހުޅުމާލެއިން ކުއްލިއަކަށް ކަރަންޓު ކެނޑިއްޖެ
ގިނަގިނައިން "ސަޕްރައިޒް" ދޭން ޖެހޭ ސަބަބު މިއޮތީ!
މަކުނުދޫ ވާފިރުގެ ހަކީމީ ބޭސްކުރުމުގެ ދިގު ދިގު ދަތުރު
