ބޮލީވުޑްގެ މަގުބޫލު ފަންނާނުން ކަމަށްވާ މާދުރީ ދިކްސިޓް އާއި ތުރިޕްތީ ޑިމްރީ އެކުގައި ފެންނަ ނެޓްފްލިކްސްގެ އާ ފިލްމު "މާ ބެހެން"ގެ ރަސްމީ ޓްރެއިލާ އާއްމު ކޮށްފި އެވެ.

ސުރޭޝް ތްރިވެނީ ޑައިރެކްޓް ކޮށްފައިވާ މި ފިލްމަކީ ސަސްޕެންސް އަދި ކްރައިމް އެކުލެވޭ އެހާމެ މަޖާ ވަރަށް ތަފާތު "ޑާކް ކޮމެޑީ" އެކެވެ.

މި ފިލްމުގައި މާދުރީއާއި ތުރިޕްތީގެ އިތުރުން މަޝްހޫރު ސޯޝަލް މީޑިއާ އިންފްލުއެންސަރު ދަރުނާ ދުރުގާ އަދި ތަޖުރިބާކާރު އެކްޓަރު ރަވީ ކިޝަން ވެސް މުހިއްމު ރޯލުތަކުން ފެނިގެންދެ އެވެ.

ޓްރެއިލާ އިން ފެންނަނީ އެކަކު އަނެކަކާ އަބަދު ޒުވާބުކޮށް އުޅޭ މަންމައަކާއި އޭނާގެ ދެ އަންހެން ދަރިންގެ ހަލަބޮލި ދިރިއުޅުމެވެ. މި ގޭގެ މަންމަ، ރޭކާ (މާދުރީ) އަކީ އުމުރުން 25 އަހަރުގައި ފިރިމީހާ ކަރަންޓުގައި ޖެހިގެން މަރުވީއްސުރެ އެކަނި އުޅެމުންދާ، ތަފާތު މިޒާޖެއްގެ ހަރުކަށި އަންހެނެކެވެ. އޭނާގެ ދެ ދަރިންނަކީ ޖަޔާ (ތުރިޕްތީ) އާއި ސުޝްމާ (ދަރުނާ) އެވެ.

މި އާއިލާގެ އާއްމު ދިރިއުޅުން މުޅިން ބަދަލުވެ، ބޮޑު ސިހުމެއް ލިބެނީ ރޭކާއާ ލޯބީގެ ގޮތުން ގުޅެން މަސައްކަތްކުރާ އަވަށްޓެރި ގުޕްތާ ޖީ (ރަވީ ކިޝަން) ކުއްލި ގޮތަކަށް އެމީހުންގެ ގޭތެރޭގައި މަރުވެފައި އޮއްވާ ފެނުމުންނެވެ.

https://www.youtube.com/watch?v=xYbLpsEhcfA

މިއާއެކު، ފުލުހުންނަށް ފަޅާ އަރާފާނެތީ ބިރުން އެ ތިން މައިން ވެގެން ގުޕްތާގެ ހަށިގަނޑު ފޮރުވަން ކުރާ މަޖާ އަދި ނުރައްކާތެރި މަސައްކަތްތައް ޓްރެއިލާ އިން ފެނިގެންދެ އެވެ.

މި ފިލްމާ ގުޅޭގޮތުން ވާހަކަދައްކަމުން މާދުރީ ބުނީ އޭނާ ކުޅޭ ރޭކާގެ ކެރެކްޓާއަކީ އާއްމުކޮށް ހިންދީ ސިނަމާތަކުން ފެންނަ ކަހަލަ މަންމައެއް ނޫން ކަމަށާއި، ބެލުންތެރިން ހީނުކުރާ ކަހަލަ ތަފާތު ސިފަތަކެއް އެ ކެރެކްޓާއިން ފެންނާނެ ކަމަށެވެ.

ތުރިޕްތީ ދިމްރީ ބުނިގޮތުގައި ލެޖެންޑަރީ ބަތަލާ މާދުރީއާއެކު ސްކްރީން ހިއްސާ ކޮށްލަން ލިބުމަކީ އޭނާއަށް ލިބުނު ވަރަށް ބޮޑު ޝަރަފެކެވެ.

"މާ ބެހެން" ބެލުންތެރިންނާ ހަމައަށް އަންނާނީ އަންނަ ޖޫން މަހުގެ 4 ވަނަ ދުވަހު، ސީދާ ނެޓްފްލިކްސް މެދުވެރި ކޮށެވެ.