ދަރުމަވަންތަ ސްކޫލުން މިއަހަރު އޯލެވެލް ނިންމި އިންޑިއާއަށް ނިސްބަތްވާ ދަރިވަރަކު، ސެކަންޑަރީ ސްކޫލް ސެޓްފިކެޓް (އެސްއެސްސީ) އިމްތިހާނުގެ ދިވެހި މާއްދާއިން "އޭ" އަދި އިސްލާމް މާއްދާއިން "އޭ ސްޓާ" ހޯދައި ގިނަ ބައެއްގެ ސަމާލުކަން ހޯދައިފި އެވެ.

އަހްމަދު ސިއްދީގު މިންޝާވީ ހޯދި މި ކާމިޔާބީއަކީ، ރާއްޖޭގައި ދިރިއުޅޭ ބޭރުގެ ދަރިވަރުންނަށް އާންމުކޮށް އުނދަގޫ ދެ މާއްދާއަކުން ހޯދި ނަމޫނާ ނަތީޖާއެކެވެ. މިންޝާވީއަކީ ރާއްޖޭގައި އުފަންވެ، މި ގައުމުގައި ބޮޑުވި ކުއްޖެކެވެ. އޭނާގެ ބައްޕަ ރާއްޖޭގައި މަސައްކަތް ކުރާތާ 30 އަހަރު ވެފައިވާއިރު، މަންމަ ނިޒާ މިސްއަކީ ދަރުމަވަންތަ ސްކޫލުގައި އިކޮނޮމިކްސް ކިޔަވައިދެއްވާތާ 19 އަހަރުވެފައިވާ ތަޖުރިބާކާރު ޓީޗަރެކެވެ.

ނަތީޖާއާ މެދު ދަރިވަރުއެމްވީ އާ ވާހަކަދައްކަމުން މިންޝާވީ ދަރިވަރު ބުނީ، ފުރަތަމަ މި މާއްދާތައް ކިޔަވަން ވަރަށް އުނދަގޫވި ކަމަށެވެ. ނަމަވެސް ސްކޫލުގެ ޓީޗަރު ޒީނިޔާ މިސް އާއި ޓިއުޝަން ނަގައިދެއްވި އަބްދުއްރަހުމާނު ސާގެ އެހީތެރިކަމާއެކު، އޭނާ އުއްމީދު ކުރިވަރަށް ވުރެ މާ ރަނގަޅު ނަތީޖާއެއް ލިބުނު ކަމަށެވެ. މިންޝާވީ ވަނީ ގައުމީ ގަދަ ދިހައެއްގެ 4 ވަނަ މަގާމު ވެސް ހޯދާފަ އެވެ.

ކިޔަވާ ކުދިންނަށް ނަސޭހަތް ދެމުން މިންޝާވީ ބުނީ، އެއްވެސް މާއްދާއެއް އުނދަގޫވުމަކީ އެ މާއްދާއެއް ދޫކޮށްލަންޖެހޭ ސަބަބެއް ނޫން ކަމަށެވެ. ދިވެހިބަހުން ވަރަށް ފަރިތަކޮށް ވާހަކަދައްކާ މިންޝާވީ ބުނިގޮތުގައި، އޭނާއަކީ އިންޑިއާ ކުއްޖެއްކަން ގިނަ ރައްޓެހިންނަށް އެނގުމުން ހައިރާންވާ ކަމަށެވެ.