އިދިކޮޅު ފަރާތްތަކުން ރޭ މާލޭގައި ކުރި މުޒާހަރާގައި ބަންދުކުރި ސިޔާސީ ހައްޔަރީންގެ ބަޔަކު މިރޭ ދޫކޮށްލައިފި އެވެ.
'އަދަދު' ނޫހުން ގެނެސްދިން އައިޝާ ޑޮކިއުމަންޓްރީއަށްފަހު ޖަލަށްލާފައިވާ، ދެ ނޫސްވެރިން ދޫކޮށްލަން ގޮވާލައި ރޭ ކުރި މުޒާހަރާގައި ފަސް މީހަކު ފުލުހުން ވަނީ ހައްޔަރުކޮށްފަ އެވެ.
އޭގެ ތެރޭގައި މިހާރު ޖަލުގައި ހުރި ނޫސްވެރިޔާ ޝަހުޒާންގެ ކޮއްކޮ، މުހައްމަދު ފައުޒާން އަދި ބޮޑުދައިތަ ހަލީމަތު ޒުހައިރާ ހިމެނެ އެވެ. ފައުޒާން ރޭ ދޫކޮށްލިއިރު ހަލީމަތު ދޫކޮށްލީ މިއަދެވެ. ހަމައެއާއެކު ރޭ ހައްޔަރުކުރި މީހުންގެ ތެރޭގައި ކުރީގެ ނޫސްވެރިޔާ އަދި އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރު ހުސައިން ހަސަން ވެސް ހިމެނެ އެވެ. އޭނާ ދޫކޮށްލާފައި ވަނީ މިއަދެވެ.
އޭގެ އިތުރުން ޕީއެންއެފްއަށް ނިސްބަތްވާ އިތުރު ދެމީހަކު ވެސް ރޭ ހައްޔަރުކުރި އެވެ.
ސިޔާސީ ގޮތުން އެއްވެސް މީހަކު ހައްޔަރުނުކުރައްވާނެ ކަމަށް ރައީސް މުހައްމަދު މުއިއްޒު ވިދާޅުވެފައިވީ ނަމަވެސް މުޒާހަރާތަކުގައި ހިޔާލުފާޅުކުރާ މީހުން ހައްޔަރުކުރާތީ ގިނަ ބަޔަކު ދަނީ ސަރުކާރަށް ފާޑުކިޔަމުންނެވެ.
ވަކިން ހާއްސަކޮށް މިފަހުން އައިޝާ ޑޮކިއުމަންޓްރީ މައްސަލައިގައި ނޫހަކާ މެދު ފިޔަވަޅު އަޅައި، ނޫސްވެރިން ހައްޔަރުކޮށް އެ ނޫހުގެ ވެރިންނަށް ފިޔަވަޅު އެޅި މައްސަލައިގައި ވެސް މި ސަރުކާރުން ހިޔާލުފާޅުކުރުމުގެ މިނިވަންކަމަށް ހުރަސް އަޅާ ކަމުގެ ތުހުމަތު ދަނީ ކުރަމުންނެވެ. އަދި މި ސަރުކާރުން ނުކުރާން ބުނި އެތައް ކަމެއް ކުރަމުންދާ ކަމަށް ބުނެ ވެސް އިދިކޮޅު ފަރާތްތަކުން ދަނީ ފާޑުކިޔަމުންނެވެ.
"ޕްރިޒަވޭޓިވްސް"ގެ ސަބަބުން ހިތުގެ ބަލިތައް ޖެހޭ!
ޖެންޑާ މިނިސްޓްރީ މުވައްޒަފުންނަށް މުސާރަ ލިބޭނީ އީދަށް ފަހު