ވ. އަތޮޅުގެ ކަނޑު އަޑީގެ ހޮހޮޅައެއްގައި ތާށިވެގެން މަރުވި އިޓަލީގެ ޑައިވަރުންގެ ތެރެއިން އެ ގައުމަށް ފޮނުވާނުލާ އޮތް ހަތަރު ހަށިގަނޑު މިރޭ އެ ގައުމަށް ފޮނުވަން ނިންމައިފި އެވެ.

މީގެ އަށް ދުވަސް ކުރިން ހިނގި އެ ހާދިސާގައި ފަސް މީހަކު މަރުވި އެވެ. އޭގެތެރެއިން އެކެއްގެ ހަށިގަނޑު މީގެކުރިން ވަނީ މިލާނަށް ފޮނުވާފަ އެވެ.

ބާކީ ތިބި ހަތަރު މީހުންގެ ހަށިގަނޑު އިޓަލީއަށް ފޮނުވާލަނީ މިރޭގެ ޓާކިޝް އެއާލައިނުން އިސްތަންބޫލު މަގުންނެވެ. އެމީހުންގެ ހަށިގަނޑު މިލާނަށް ގެންދެވޭނީ މާދަމާގެ ވަގުތެއްގަ އެވެ. އެ މަސައްކަތް ކުރަނީ ރާއްޖޭގެ ކުންފުންޏެއް ކަމަށްވާ މޯލްޑިވްސް އިންކް ޕްރައިވެޓް ލިމިޓެޑުންނެވެ.

އިޓަލީގެ ޑައިވަރުން ހޯދުމުގެ މަސައްކަތުގައި ހަރަކާތްތެރިވި ދިވެހި ސިފައިންގެ ޑައިވަރު ސްޓާފް ސާޖަންޓް މުހައްމަދު މަހުދީ ވެސް ވަނީ ނިޔާވެފަ އެވެ.

ޑައިވަރުންގެ ހަށިގަނޑުތައް ހޮހޮޅައިގެ ތެރެއިން ހޯދައި ނަގާފައި ވަނީ އިޓަލީގެ ސަރުކާރުން ހަމަޖެއްސި ތަޖުރިބާކާރު ތިން ޑައިވަރެކެވެ.

އެ ޑައިވަރުން ވަނީ ހޮހޮޅަތެރެއިން ފެނުނު ތަކެތި ދިވެހި ފުލުހުންނާ ހަވާލުކޮށްފަ އެވެ.