ސްރީލަންކާއަށް ދަތުރުކުރާ ދިވެހީން ދަތުރުގެ ކުރިން ފުރިހަމަކުރަންޖެހޭ އިލެކްޓްރޯނިކް ޓްރެވަލް އޮތޮރައިޒޭޝަން (އީޓީއޭ) ފޯމު އަލުން ހުށަހަޅަންޖެހޭ ގޮތަށް އެ ގައުމުގެ ސަރުކާރުން ނިންމައިފި އެވެ.

މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި އަމަލުކުރުން ހުއްޓާލާފައިވާ މި ނިޒާމަށް، މި ހިނގާ ސެޕްޓެމްބަރު މަހުގެ 25 ވަނަ ދުވަހުން ފެށިގެން އަލުން އަމަލުކުރަން ވަނީ ފަށާފަ އެވެ. ލަންކާ ސަރުކާރުގެ މި ނިންމުމުގައި އެއްވެސް ގައުމެއް އިސްތިސްނާކޮށްފައި ނުވުމާއެކު، ރާއްޖެއިން އެ ގައުމަށް ދަތުރުކުރާ ދިވެހި ރައްޔިތުންވެސް މި އުސޫލަށް އަމަލުކުރުން މިހާރު ވަނީ ލާޒިމުވެފަ އެވެ.

މި ބަދަލާ ގުޅިގެން ރާއްޖޭގައި ހުންނަ ސްރީލަންކާގެ ހައިކޮމިޝަނުން ބުނެފައިވަނީ، އީޓީއޭ ހުށަހަޅަން ޖެހުނު ނަމަވެސް، ދިވެހި ރައްޔިތުންނަށް ކުރިންވެސް އޮންނަ އުސޫލުގެ ދަށުން އެއްވެސް އިތުރު ފީއަކާ ނުލައި 90 ދުވަހުގެ ޓޫރިސްޓް ވިސާ ލިބޭނެ ކަމަށެވެ.

ލަންކާއަށް ދަތުރުކުރާ ފަރާތްތަކުން މި ހުއްދައަށް އެދި ހުށަހަޅަންޖެހޭނީ އެކަމަށް ކަނޑައެޅިފައިވާ ރަސްމީ ވެބްސައިޓް މެދުވެރިކޮށެވެ. އަދި ދަތުރު ފެށުމުގެ މަދުވެގެން 24 ގަޑިއިރު ކުރިން މި ފޯމު ފުރިހަމަކުރުމަށް ކަމާބެހޭ އިދާރާތަކުން އިރުޝާދުދެއެވެ.