ވ. އަތޮޅު ދެކުނު ކަނޑުގައި ޑައިވްކުރަން އުޅެނިކޮށް ގެއްލުނު އިޓަލީގެ ފަތުރުވެރިން ހޯދުމަށް ހިންގި ރެސްކިއު މިޝަން ކާމިޔާބުކަމާއެކު ނިމި، އެ އޮޕަރޭޝަންގެ އެންމެ ފަހުގެ ޑައިވް މާދަމާ ކުރުމަށް ހަމަޖެހިއްޖެ އެވެ.
ހޮހަޅައިގެ ތެރޭ ތާށިވި ހުރިހާ އެންމެންގެ ހަށިގަޑުތައް ކަނޑުގެ އަޑިން ނަގައިފިކަން "ޑޭން ޔޫރަޕް" އިން ވަނީ ކަށަވަރުކޮށްދީފަ އެވެ.
ފިންލޭންޑުގެ ތަޖުރިބާކާރު ރެސްކިއު ޓީމަކާއި، އެމްއެންޑީއެފް އަދި ފުލުހުން ގުޅިގެން ކުރިއަށްގެންދިޔަ މި އޮޕަރޭޝަން ނިންމާލާފައި ވަނީ މިއަދު ހެނދުނު ކުރި ވަރަށް ނުރައްކާތެރި "ޓެކް ޑައިވް" އަކަށް ފަހު އެވެ.
މިއަދު ހެނދުނު ކަނޑުގެ ހާލަތު ރަނގަޅުވުމުގެ ފައިދާ ނަގައި، ތަޖުރިބާކާރު ތިން ޑައިވަރުން ވަނީ ހޮހޮޅައިގެ އެންމެ ފުނަށް ފީނައިފަ އެވެ. ގާތްގަނޑަކަށް ތިން ގަޑިއިރަށް ދެމިގެންދިޔަ މި އޮޕަރޭޝަންގައި ބޭނުންކޮށްފައި ވަނީ އެންމެ ޒަމާނީ "ކްލޯޒްޑް ސާކިޓް ރީބްރީދާސް" އާއި "ޑީޕީވީ" ފަދަ ވަސީލަތްތަކެވެ.
ހޮހޮޅައިގެ ތެރޭގައި ހުރި ހަނި ގޯޅިތަކާއި، ފަސް އެރުމުގެ ސަބަބުން ފެންގަނޑު ކުލަބަދަލުވެ، ލޮލަށް ނުފެނުން ފަދަ ގޮންޖެހުންތަކާ ޓީމުން ކުރިމަތިލި އެވެ. ނަމަވެސް ދެ ޑައިވަރަކު ހަށިތައް ބޭރަށް ނެރުމުގެ މަސައްކަތް ކުރިއިރު، ތިންވަނަ ޑައިވަރު އިނީ ސަލާމަތީ ކަންކަން ބެލެހެއްޓުމާއި މުޅި މަންޒަރު ވީޑިއޯކޮށް ޑޮކިއުމަންޓް ކުރުމަށެވެ.
މި އޮޕަރޭޝަންގައި ހަރަކާތްތެރިވި ފިންލޭންޑުގެ މާހިރުން ކަމަށްވާ ސާމީ ޕާކަރިނެން، ޖެނީ ވެސްޓަލަންޑް އަދި ޕެޓްރިކް ގްރޮންކްވިސްޓް ނެރުނު ބަޔާނެއްގައި، މި ހާދިސާގައި މަރުވި މީހުންގެ އާއިލާތަކަށް ވަނީ ތައުޒިޔާ ފޮނުވާފަ އެވެ.
"އަޅުގަނޑުމެން މި އެހީތެރިކަން ފޯރުކޮށްދިނީ މި ހިތާމަވެރި ދަނޑިވަޅުގައި އާއިލާތަކަށް ކޮންމެވެސް ވަރެއްގެ ތަސައްލީއެއް ހޯދައިދިނުމުގެ ނިޔަތުގައި. ތިން ދުވަހުގެ މަސައްކަތަށްފަހު ހުރިހާ ހަށިތަކެއް މިހާރު ވަނީ ނެގިފައި،" ފިންލޭންޑް ޓީމުން ބުންޏެވެ.
މައިގަނޑު ރެސްކިއު ފޭސް ނިމުނު ނަމަވެސް މާދަމާ މިޝަންގެ އެންމެ ފަހު ޑައިވް ކުރިއަށްދާނެ އެވެ. އެ ޑައިވްގެ ބޭނުމަކީ ފުލުހުންގެ ތަހުގީގަށް ބޭނުންވާ އިތުރު މައުލޫމާތު ހޯދުމަށާއި، ހޮހޮޅައިގެ ޗާޓެއް ތައްޔާރުކުރުން ކަމަށް "ޑޭން ޔޫރަޕް" އިން ބުންޏެވެ.
ހަމައެއާއެކު މުޅި މިޝަންގައި ވެސް އެންމެ ބޮޑު އިސްކަމެއް ދިނީ ރެސްކިއު ޓީމުގެ ސަލާމަތާއި، މަރުވި ފަރާތްތަކާއި އެމީހުންގެ އާއިލާތަކުގެ ކަރާމާތަށް އުނިކަމެއް ނާންނާނެ ގޮތަކަށް އަމަލުކުރުމަށް ކަމަށް ޑައިވަރުންގެ ޓީމުން ބުންޏެވެ.
މަރުވި މީހުންގެ ހަށިތައް މިހާރު ވަނީ އެމީހުންގެ ގައުމަށް ފޮނުވާލުމުގެ މަރުހަލާގަ އެވެ.
ހޮލީވުޑް އެކްޓަރުންގެ "ނޯ މޭކަޕް ލުކް" ވަރަށް ތަފާތު!
ތިލަފުއްޓަށް ބަނދަރު ބަދަލުކުރުން: އެމެރިކާއަށް އެތަން ދައްކައިފި
މަހުދީގެ މަރު ފުލުހުން ތަހުގީގުކުރަން ފަށައިފި