ކުރިން ވިސާ ނެގުމަކާ ނުލައި ދިވެހިންނަށް ތައިލެންޑަށް ދަތުރު ކުރެވޭ މުއްދަތު 15 ދުވަަހަށް ކުޑަކުރަން އެ ގައުމުގެ ކެބިނެޓުން ނިންމައިފި އެވެ.

ތައިލެންޑުން ދިވެހިންނަށް 60 ދުވަހުގެ އޮން އެރައިވަލް ވިސާ ދޭގޮތަށް ހަމަޖެއްސީ 2024 ވަނަ އަހަރު އެވެ.

ތައިލެންޑް ސަރުކާރާ ހަވާލާދީ ބެންކޮކް ޕޯސްޓް ނޫހުން ބުނީ އެ ގައުމުން ވިސާ އެގްޒެމްޕްޝަން އާއި އޮންއެރައިވަލް ވިސާ ދޫކުރާ އުސޫލު ބަދަލުކޮށް އަދި 93 ގައުމަކަށް ދެމުންދާ ވިސާ ލުއިތައް ރިވިއުކޮށް، ބަދަލުތައް ގެނައުމަށް އެ ގައުމުގެ ކެބިނެޓުން އިއްޔެ ނިންމާފައިވާ ކަމަށެވެ.

ވިސާއާ ބެހޭ އާ އުސޫލުގެ ދަށުން ދިވެހިންނަށާއި ސީޝެލްސް އާއި މޮރިޝަސްގެ ރައްޔިތުންނަށް ވިސާ ލިބޭނީ 15 ދުވަހަށް ކަމަށް އެ ގައުމުގެ ސަރުކާރުގެ އޮފިޝަލަކު ވިދާޅުވި އެވެ.

ތައިލެންޑުގެ މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ ކޮންސިއުލާ އެފެއާޒް ޑިޕާޓްމަންޓުން ބުނެފައިވާ ގޮތުގައި ކުރިން 60 ދުވަހުގެ ވިސާ ލިބުނު 93 ގައުމުގެ ތެރެއިން ގިނަ ގައުމުތަކަށް ދެން ލިބޭނީ 30 ދުވަހުގެ ވިސާ އެވެ. ރާއްޖެ އާއި ސީޝެލްސް އަދި މޮރިޝަސް ވަނީ 15 ދުވަހުގެ އާ ކެޓެގަރީއަކަށް ބަދަލުކޮށްފަ އެވެ. އެ ނިންމުމަށް އަމަލުކުރަން ފަށާނީ ރަސްމީކޮށް ތައިލެންޑުގެ ރޯޔަލް ގެޒެޓްގައި ޝާއިއު ކުރާތާ 15 ދުވަސް ހަމަވުމުންނެވެ.

ތައިލެންޑުގެ ޓޫރިޒަމް އެންޑް ސްޕޯޓްސް މިނިސްޓަރު ސުރަސަކް ޕަންޗަރޮއެންވޮރަކުލް ވިދާޅުވީ 2024 ވަނަ އަހަރު ތައާރަފްކުރި 60 ދުވަހުގެ ލުއި ވިސާގެ ބޭނުން ނަހަމަގޮތުގައި ހިފަމުން އަންނަކަން ފާހަގަކުރެވިފައިވާ ކަމަށެވެ.