ކްރިމިނަލް ކޯޓުން ނެރެފައިވާ އަމުރާ ހިލާފުވި ކަމަށް ކަނޑައަޅައި ޖަލަށްލާފައިވާ ދެ ނޫސްވެރިން ކަމަށްވާ މުހައްމަދު ޝަހުޒާނާއި ލީވާން އަލީ ނާސިރާ މެދު ޖަލުގައި އަމަލު ކުރާ ގޮތުގެ ތަހުގީގެއް ހިންގަން ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް) އިން ނިންމައިފި އެވެ.
އެޗްއާރްސީއެމް އިން ބުނީ ދެ ނޫސްވެރިންނާއި އެ މީހުން ދޫކޮށްލަން ގޮވާލާ ބޭއްވި މުޒާހަރާއިން ހައްޔަރުކޮށް، ބަންދުކޮށްފައިވާ މީހުންނާ އެ ކޮމިޝަނުން ވަނީ ބައްދަލުކޮށް، އެ މީހުންގެ ހާލު ބަލައިފައި ކަމަށެވެ.
ކޮމިޝަންގެ އެ ޒިޔާރަތްތަކުގައި، އެ މީހުން ފާހަގަކުރި ކަންކަމުގެ މައްޗަށް ރިއާޔަތްކޮށް، ތަހުގީގު ކުރަންޖެހޭ ކަންކަން ތަހުގީގު ކުރަން ނިންމާފައިވާ ކަމަށް އެޗްއާރްސީއެމުން ބުންޏެވެ. ލީވާން އާއި ޝަހުޒާން ފުރަތަމަ މާފުށީ ޖަލުގެ ޔުނިޓް12ގައި ބައިތިއްބާފައި ތިބި ނަމަވެސް، މިހާރު ލީވާން ވަނީ ޔުނިޓް 10ގެ ގޮޅިއަކަށް ބަދަލުކޮށްފަ އެވެ.
އެ ދެ މީހުންގެ އާއިލާއިން ތުހުމަތުކުރާގޮތުގައި އެއީ ސަރުކާރުން އަންގައިގެން ކުރި ކަމެކެވެ.
ލީވާންގެ ގާނޫނީ ޓީމުން ބުނީ އޭނާ މިހާރު ބަހައްޓާފައި ހުރީ އެކަހެރިކޮށް ކަމަށެވެ. އަދި އެ ގޮޅިއާ ޖެހިގެން ހުރީ މަރުގެ މައްސަލަތަކުގައި ޖަލަށްލާފައި ތިބި މީހުން ކަމަށް ވަކީލުން ވިދާޅުވި އެވެ.
ލީވާންގެ ސިއްހީ ފަރުވާއަށް ވެސް ކަރެކްޝަނަލް ސާވިސް ހުރަސްއަޅަމުންދާ ކަމަށް ވަކީލުން ބުންޏެވެ.
ކްރިމިނަލް ކޯޓުން ނެރުނު އަމުރާ ގިނަ ބަޔަކު ހިލާފުވިޔަސް ޝަހުޒާނާއި ލީވާން ފިޔަވައި އިތުރު ބަޔަކަށް ފިޔަވަޅެއް ނާޅަ އެވެ.
ސޯޝަލް މީޑިއާ މެދުވެރިކޮށް ހަގީގީ އެކުވެރިކަން ހޯދިދާނެތަ؟
ބަރަކާތުގެ 10 ރޭ: ޛުލްހިއްޖާ މަހުގެ މާތްކަން
