އަދަދު ނޫހުން ގެނެސްދިން "އައިޝާ" ޑޮކިއުމެންޓްރީގެ ވާހަކަ ނުދައްކަން ކްރިމިނަލް ކޯޓުން އަމުރުކުރި ހަބަރު ލިޔުމުން އެއީ ކޯޓުގެ ހުރުމަތް ކެނޑުން ކަމަށް ކަނޑައަޅައި 10 ދުވަހަށް ޖަލަށް ލާފައިވާ ނޫސްވެރިޔާ ލީވާން އަލީ ނާސިރު ވަކި ގޮޅިއަކަށް ލައި އެކަހެރިކޮށްފި އެވެ.

ލީވާންގެ އިތުރުން ދެން ޖަލު ހުކުމެއް އިއްވީ އަދަދު ނޫހުގެ ނޫސްވެރިޔާ މުހައްމަދު ޝަހުޒާނަަށެވެ. އެއީ ރައީސް މުހައްމަދު މުއިއްޒާ ސުވާލެއް ކުރުމުގެ ކުށުގަ އެވެ. އެ ދެ މީހުން ވެސް ތިބީ މާފުށީ ޖަލުގެ ޔުނިޓް 12ގަ އެވެ.

އެނގިފައިވާގޮތުގައި ހުކުރު ދުވަހު ލީވާން ވަނީ ޔުނިޓު 10 އަށް ބަދަލުކޮށްފަ އެވެ. އެ ތަނަކީ ސާފުތާހިރުކަން ކުޑަ، ތަފާތު ސޫފިތައް އުޅޭ ތަނަކަށް ވުމުން އޭނާގެ ހަމުގެ ބަލި އިތުރަށް ގޯސްވެފައިވާ ކަމަށް މައުލޫމާތު އެނގޭ ބޭފުޅަކު ކިޔައިދިނެވެ.

"ނުތާހިރު އެ ބިންމަތީގައި ނިދަންޖެހުމުގެ ސަބަބުން ހާލަތު ދުވަހެއް ދުވަހަކަށް ގޯސްވަމުންދަނީ،" އޭނާ ކިޔައިދިނެވެ.

ލީވާނަކީ ހަމުގެ މައްސަލަތަކެއް ހުންނަ މީހެއް ކަމަށްވާއިރު އޭނާ ބޭނުންކުރަން ޖެހެނީ ހާއްސަ ލޯޝަނެކެވެ. ނަމަވެސް އެ ލޯޝަން ބޭނުންކުރުމުގެ ފުރުސަތު ދެވެން ނެތް ކަަމަށް ކަރެކްޝަނަލް ސާވިސް އިން ވަނީ އަންގާފަ އެވެ.

"ޑޮކްޓަރަށް ދައްކަން ވެސް ލީވާން އެދުނު. އެކަމަކު ކަރެކްޝަންސް އިން އެކަމަށް ދެނީ ބީރުކަންފަތެއް،" އޭނާ ކިޔައިދިނެވެ.

ޖަލުގައި ތިބި އެހެން ގައިދީންނާއި އެ ދެ މީހުންނާ ތަފާތުކުރުންތަކެއް ގެންގުޅޭ ސަބަބެއް ކަރެކްޝަންސް އިން ސާފުކޮށެއްނުދެ އެވެ.