ވ. އަތޮޅުގައި ގެއްލިގެން ހޯދަމުންދާ އިޓަލީގެ ހަތަރު ޑައިވަރުން ހޯދުމަށް ސިފައިން ކަނޑުއަޑީގައި ހިންގާ އޮޕަރޭޝަނުގައި ހަރަކާތްތެރިވި އެމްއެންޑީއެފްގެ ޑައިވަރަކު މަރުވެއްޖެ އެވެ.

އެމްއެންޑީއެފުން ބުނިގޮތުގައި، ފެލިދެއަތޮޅުގައި ހިންގާ މި ސާޗް އެންޑް ރެސްކިއު އޮޕަރޭޝަނުގައި މިއަދު ފީނި ސިފައިންގެ މީހެއްގެ ހާލު ދެރަވުމާ ގުޅިގެން މާލެ ގެނެސްފައިވެ އެވެ. އަދި އޭޑީކޭ ހޮސްޕިޓަލަށް އޭނާ ގެންދިޔަ އިރުވެސް މަރުވެފައިވާ ކަން ވަނީ އެނގިފަ އެވެ.

މީގެ އިރުކޮޅެެއް ކުރިން އެމްއެންޑީއެފް އިން ބުނީ މިއަދު ޑައިވްކުރަނިކޮށް ހާލުދެރަވި، އެމްއެންޑީއެފްގެ ސްޓާފް ސާޖަންޓް، މއ. ޖަންބުގަސްދޮށުގެ، މުހައްމަދު މަހުދީ މަރުވެފައިވާ ކަމަށެވެ. ނަމަވެސް މި ހާދިސާއާ ބެހޭ އިތުރު ތަފުސީލެއް ސިފައިން ނުދެ އެވެ.

މި ހިތާމަވެރި ހާދިސާއާ ގުޅިގެން، އެ ފަތުރުވެރިން ޑައިވިންއަށް ގެންދިޔަ ސަފާރީގެ އޮޕަރޭޓިން ލައިސަންސް ޓޫރިޒަމް މިނިސްޓްރީން މިހާރު ވަނީ ސަސްޕެންޑްކޮށްފަ އެވެ.

ބުރާސްފަތި ދުވަހު ގެއްލުނު ފަސް މީހުންގެ ތެރެއިން މިހާތަނަށް ފެނިފައި ވަނީ އެންމެ މީހެއްގެ ހަށިގަނޑެވެ. އޭނާ ފެނުނީ އިރުއޮއްސި 18:13 ހާއިރު، 60 މީޓަރު އަޑީގައި އޮތް ހޮހަޅައެއްގެ ތެރެއިން މަރުވެފައި އޮއްވައެވެ. ބާކީ ތިބި 4 މީހުން ހޯދުމުގެ މަސައްކަތް ދަނީ ފުޅާދާއިރާއެއްގައި ކުރިއަށެވެ.

ރާއްޖެއަކީ ރައްކާތެރި މަންޒިލެއްގެ ގޮތުގައި ބޭއްވުމަށްޓަކައި ސަލާމަތީ ގަވާއިދުތަކަށް ފުރިހަމައަށް އަމަލުކުރުމަށް ޓޫރިޒަމް މިނިސްޓްރީން ވަނީ އޮޕަރޭޓަރުންނަށް އިލްތިމާސްކޮށްފަ އެވެ. އަދި މިފަދަ މިންގަނޑުތައް ހިފެހެއްޓުމަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުންދާނެ ކަމަށްވެސް ބުނެފައިވެ އެވެ.